ދަސްވާރަށް އެއްބާރުލުން ދިނުމަށް ހޮޓެލް ޖެންއާއި އެޑިއުކޭޝަން މިނިސްޓްރީ އެއްބަސްވުމަކަށް

ދަސްވާރު ޕްރޮގްރާމްގެ ދަށުން ފަތުރުވެރިކަމުގެ ދާއިރާއިން ކިޔަވަމުން އަންނަ ދަރިވަރުންގެ ތަމްރީނުތަކުގައި އެހީތެރިކަމާއި އެއްބާރުލުން ދިނުމާއި ބެހޭގޮތުން އެޑިޔުކޭޝަން މިނިސްޓްރީ އާއި ހޮޓެލް ޖެން އާއި ދ...

11 Jul 2017 | 13:21

ދަސްވާރު ޕްރޮގްރާމްގެ ދަށުން ފަތުރުވެރިކަމުގެ ދާއިރާއިން ކިޔަވަމުން އަންނަ ދަރިވަރުންގެ ތަމްރީނުތަކުގައި އެހީތެރިކަމާއި އެއްބާރުލުން ދިނުމާއި ބެހޭގޮތުން އެޑިޔުކޭޝަން މިނިސްޓްރީ އާއި ހޮޓެލް ޖެން އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިކަމަށްޓަކައި މިއަދު ހޮޓެލް ޖެން ގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އޮތޯރިޓީ (ޓިވެޓް) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ޑރ. އަބްދުލް ހަންނާން ވަހީދު އެވެ. އަދި ހޮޓެލް ޖެންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ތަނުގެ ޖެނެރަލް މެނޭޖަރ ރާހީމް ފްލައީން އެވެ.

މިނިސްޓްރީން ހާމަކުރާގޮތުގައި މި އެއްބަސްވުމުގެ ދަށުން އިމާދުއްދީން ސްކޫލްގައި ދަސްވާރު ޕްރޮގްރާމް ފުރިހަމަ ކުރަމުން އަންނަ ދަރިވަރުންނަށް ބޭނުންވާ އެންމެހާ އަމަލީ ތަޖުރިބާ އާއި މައުލޫމާތު ހޮޓެލް ޖެން އިން ދަރިވަރުންނަށް ފޯރުކޮށްދޭނެ އެވެ.

ދަސްވާރު ޕްރޮގްރާމަކީ ގްރޭޑް 10 ގައި ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުންގެ ތެރެއިން ސްކޫލްގެ އާއްމު ކިޔެވުމުގެ އިތުރުން، މަސައްކަތާއި ހުނަރު ދަސްކުރަން ބޭނުންވާ ދަރިވަރުންނަށް އަމާޒުކުރެވިގެން 2014ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ.

2014 ވަނަ އަހަރު މި ޕްރޮގްރާމް ފެށީ 11 ސްކޫލެއްގައި 105 ދަރިވަރުންނާއި އެކު ނަމަވެސް މިއަހަރު މިޕްރޮގްރާމްގައި 89 ސްކޫލަކުން 725 ދަރިވަރުން ބައިވެރިވެފައިވެއެވެ.  މި ޕްރޮގްރާމަށް ބޮޑު ތަރުހީބެއް ލިބި މިހާރު 26  ދާއިރާއަކުން ދަރިވަރުންނަށް މަސައްކަތާއި ހުނަރު ދަސްކޮށްދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް