ފުވައްމުލައް ސިޓީގައި ހިމާޔަތްކުރެވިފައިވާ ދަޑިމަގިކިޅި އަދި ބަންޑާރަކިޅި ސަރަހައްދުގެ ބޭނުން ކޮށްގެން އިޤްތިޞާދީ ފައިދާ ހޯދުމުގެ ގޮތުން އެސަރަހައްދުގައި އިކޯޓޫރިޒަމް ތަރައްޤީކުރުމަށް ކުރަންޖެހޭ ޢުމްރާނީ މަސައްކަތްތައް ކުރުމަށްޓަކައި މިއަދު އަ މޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލު ކޮށްފި އެވެ.
މިގޮތުން އަ މޭން މޯލްޑިވްސް އާއި ހަވާލު ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި ރެކްރިއޭޝަން ފެސިލިޓީއެއް ހަދައި ދަޑިމަގި ކިޅި ސަރަހައްދު ބަލަހައްޓާނެ ރޭންޖަރސް ތިބޭނެ ހަޓުތައް ހެދުމާއި،ދެ ބަރޑް އޮބްޒަރވޭޓްރީ ހެދުމާއި، ބޯޑްވޯކް ހަދައި ޕިކްނިކް ސަރަހައްދެއް ޤާއިމްކުރުން ހިމެނޭ ކަމަށާއި މިމަސައްކަތަކީ 2018 ވަނަ އަހަރުގެ މާރޗް މަހުގެ ނިޔަލަށް ނިމަންޖެހޭގޮތަށް 8.88 މިލިއަން ރުފިޔާއަށް ހަވާލުކުރެވޭ މަސައްކަތެއް ކަމުގައި އެންވަޔަރަންމަންޓް މިނިސްޓްރީން ހާމަކުރެ އެވެ.
"ފުވައްމުލަކުގެ ހިމާޔަތްކުރެވިފައިވާ ކިޅި އަދި ޗަސްބިމުގެ ސަރަހައްދުން އިޤްތިޞާދީ ފައިދާ ހޯދުމުގެ މަސައްކަތް ތަރައްޤީކޮށް ކުރިއެރުވުމާއި، އެސަރަހައްދު ދެމެހެއްޓެނިވި ގޮތުގައި ބެލެހެއްޓުމުގެ މަސައްކަތަކީ ޔޫރަޕިއަން ޔޫނިއަންގެ ހިލޭއެހީގައި އުފައްދާފައިވާ، ކްލައިމެޓް ޗޭންޖް ޓްރަސްޓް ފަންޑު (ސީ.ސީ.ޓީ.އެފް)ން އެކުލަވާލެވިފައިވާ ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން ޕްރޮޖެކްޓްގެ ދަށުން ކުރެވޭ މަސައްކަތެކެވެ. އަދި އަދި މިޕްރޮޖެކްޓުގެ ފުރަތަމަ މަރުހަލާގައިވަނީ ދަޑިމަގިކިޅި އަދި ބަންޑާރަކިޅި އަށް ހާއްސަކޮށްގެން ބެލެހެއްޓޭނެ ނިޒާމެއް އެކުލަވާލުމުގެ ކޮންޒަރވޭޝަން ޕްލޭނަކާއި އެ ސަރަހައްދުން އިޤްތިސާދީ ފައިދާ ހޯދޭނެ ޢުމްރާނީ ވަސީލަތްތައް ތަރައްޤީ ކުރުމަށް ބޭނުންވާ ޑިޒައިން ތައްޔާރުކޮށް، ކުރީގެ ފުވައްމުލަކު އަތޮޅު ކައުންސިލްގެ އިތުރުން ފުވައްމުލަކުގެ ރައްޔިތުންނާއިވެސް ހިއްސާކުރެވިފައެވެ." މިނިސްޓްރީން ހާމަކުރެ އެވެ.
މިނިސްޓްރީން އިތުރަށް ބުނީ މިމަޝްރޫޢުގެ ސަބަބުން ކިޅި އަދި ޗަސްބިމުގެ ސަރަހައްދު ހިންގާ ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް ޤާއިމްކުރެވި، މިސަރަހައްދަށް ޒިޔާރަތްކުރާ މީހުން އިތުރުވެގެންދާނޭ ކަމަށާއި އަދި ހިމާޔަތްކުރެވިފައިވާ މިފަދަ ސަރަހައްދަކުން އިޤްތިޞާދީ މަންފާ އެއް ލިބޭގޮތަށް މި ސަރަހައްދު ބެލެހެއްޓޭނެ ނިޒާމެއް ޤާއިމްކުރެވިގެން ދިއުމަކީ، ހިމާޔަތްކުރުމުގެ އެއްބޭނުން ހާސިލް ކުރެވިގެން ދާނޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް