މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓު އުވާލަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.
ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިހާތަނަށް ހައުސިން މިނިސްޓްރީން ކުރަމުން އައި މަސައްކަތްތައް ޕްލޭނިން މިނިސްޓްރީގެ ދަށަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެ މިނިސްޓްރީގެ މުވައްޒަފުން އާ މިނިސްޓްރީއަށް ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
މި ބަދަލާއި އެކު ޕްލޭނިން މިނިސްޓްރީގެ ނަން ވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާގެ ނަމަށް ބަދަލުކޮށްފައި އެވެ.
ހައުސިން މިނިސްޓްރީ އުވާލާފައި މިވަނީ ރޭގެ ވަގުތެއްގައި ހައުސިން މިނިސްޓަރު އާތިފާ ޝަކޫރު އިސްތިއުފާދެއްވާފައި ވަނިކޮށެވެ. އެމްއާރުއެމްގެ ސްލޮޓެއްގައި މިނިސްޓަރު ކަމަށް ވަޑައިގެންނެވި އާތިފާ އިސްތިއުފާދެއްވީ ސިއްހީ ހާލަތު ގޯސްވެ މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރެވެން ނެތިގެން ކަމަށް ރައީސްއަށް އިސްތިއުފާދެއްވާ ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެ އެވެ.
ޕްލޭނިން މިނިސްޓްރީގެ ދަށަށް ހައުސިން މިނިސްޓްރީ ބަދަލުކޮށްފައި ވާއިރު މި ސަރުކާރު އައިސް ވަކިވަކި އިދާރާތަކުގެ ގޮތުގައި މި ދެ އިދާރާ އުފެއްދުމުންވެސް ގިނަ ބަޔަކުވަނީ ފާޑުކިޔާފައި އެވެ. އެއީ ދެ އިދާރާގެ މަސައްކަތްތަކަކީ އެއް ކަމަކަށްވެފައި ވަކިން އިދާރާ އުފެއްދުމުން ހަރަދު ބޮޑުވާނެ ކަމަށް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް