މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަންސް ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށްގެންދާ ހއ. ހޯރަފުށީ އެއާޕޯޓު އެޅުމުގެ ޕްރޮޖެކްޓްގެ 83 އިންސައްތަ ނިމިފައިވާކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެގޮތުން މީޑިއާތަކަށް މި ޕްރޮޖެކްޓްގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން އެމްޓީސީސީން ބުނެފައިވަނީ ތާރަ އެޅުމަށް ބޭނުންވާ ސާމާނު މިހާރު ވާނީ ޑެލިވަރީ ކުރުމުގެ ދަތުރުމަތީގައި ކަމަށާއި އެ މަސައްކަތް ފަށަން ތައްޔާރުވެފައިވާކަމަށެވެ.
މި އެއާޕޯޓްގައި 1200 މީޓަރުގެ ރަންވޭއަކާއި 8635 ސްކޮޔާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީ ވޭއެއްގެ އިތުރުން ސާވިސް މަގުތަކާއި، 9473 ސްކޮޔާ މީޓަރުގެ ޕާކިން އޭރިއާއަކާއި 1718 ސްކޮޔާ މީޓަރުގެ ފަޔަރ އެކްސެސް މަގަކާއި އަދި 720 މީޓަރުގެ ސަރަހައްދެއްގައި ފެންސް ޖެހުން ހިމެނެއެވެ.
މި ޕްރޮޖެކްޓްގައި 842200 ކިއުބިކް މީޓަރުގެ ސަރަހައްދެއް ހިއްކާ ނިންމާފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ. 1120 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓްގެ މަސައްކަތް މި އަހަރުގެ މާރިޗްމަހުގައި ނިންމާފައިވެއެވެ. އެމްޓީސީސީން ލަފާކުރަނީ މި އަހަރުގެ ސެޕްޓެމްބަރުމަހުގެ ނިޔަލަށް މި ޕްރޮޖެކްޓް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް