''ސަހަރޯ...... ކަލޭ މިތާ މި ހުރިހާއިރު ކީއްތަ ތިޔަކުރީ..... ބަލާބަލަ ދެލޯ......ތިވަރަށް ކަރުނަ ބާލާވަރު ކަމެއް ވެއްޖެތަ.... ދެން ގައިމު އެމީހުންގެ ކުރިމައްޗަށް ދާކަށް ނުކެރޭނު..... ގަޑި ދެގަޑި އިރު ފާހާނާގަ ކީއްހޭ ކުރީ.......... ކާކަށް ގުޅީ........ދައްކާ ފޯނު........ތިޔަ ފޯނުގެ ކަންތައް މިހާރު ވަރަށް ބޮޑުވެއްޖެ ކަމަށް މަށަށް ގަބޫލު ކުރެވޭތާ ކިތައްމެ ދުވަހެއް............'' ނާޒިމާ ދޮރުކަނީގައި އެއް އަތް ވިއްދާލައިގެން ހުއްޓެވެ. ޒާރާ އިސް އުފުލާ ބަލާވެސް ނުލައެވެ. މަންމަ އާ ހަތަރުކަޅި ހަމަކުރުން އެއީ މިވަގުތު އޭނާ ކުރަން ބޭނުންވާ ކަމެއް ނޫނެވެ.
''ތި ފޯނު ދައްކަބަލަ......ތި މިހާރު އެބަޖެހޭ މަ ތިފޯނު ބަލަން....'' ނާޒިމާ އަތް ދިއްކޮށްލިއެވެ.
''ނިވިފަ ...........'' ޒާރާގެ އަނގައިން އަޑު ބޭރުވީ ނުހަނު އުނދަގުލުންނެވެ.
''ނިވިފަތަ .......... ނޫނީ ނިއްވާލާފަ ތަ.........'' ނާޒިމާ މަލާމާތުގެ ގޮތަކަށް ހީލިއެވެ.
''ދެންވެސް ތިތަނުން ނިކުމެގެން އާދޭ ...... ގެޔަށް ދާން.... ކަލޭގެ ޑްރާމާ ދިގުކަމުން ސަރީފާ މެން ނައްޓާލައިފި. ދެން ދާންވީ ޓެކްސީގަ..... ނަސީބެއްނު ލާރި ދީފަ ދިޔަކަން އެމީހުން..... އެހެން ނޫންނަމަ މަގޭ ޖީބުން އަނެއްކާ ހަރަދުކުރަންޖެހޭނީ...... މަށަށް އެނގޭ އޭރުވެސް......ކަލޭ ދެން ތިޔަ ކަހަލަ ކޮންމެވެސް މަކަރެއް ހަދައިގެން މިތާ ހުންނާނީކަން....'' ނާޒިމާ ނިކުމެގެން ދަންދެން ޒާރާ އަށް ހުރެވުނީ އެއްވެސް ހަރަކާތެއް ނެތް ބުދެއް ފަދައިންނެވެ. ފުރާނަ ހުއްޓަސް އެ ހަށިގަނޑުގައި އެއްވެސް ދިރުމެއް ނެތްފަދައެވެ. ފޯނު ދޭން ނުޖެހި ސަލާމަތް ވީތީ ﷲ އަށް ޝުކުރު ކުރަމުން މޫނު ދޮވެ ޓިޝޫއަކުން ފޮހެލިއެވެ.
ނާޒިމާ އާ އެކު ޒާރާ ގޭތެރެއަށް ވަދެގެން އަންނަ މަންޒަރު ހާމިދަށް ފެނުމުން ހައިރާން ވިއެވެ. ދެމައިން އެއްކޮށް ތަންތަނަށް ގޮސް ހެދުމަކީ ވަރަށް މަދުން ނޫނީ ނުވާކަމެކެވެ. ކިޔަވަން އިން ހަތިމް ލައްޕާލުމަށްފަހު ހާމިދު އަޅައިން އިން އައިނު ތިރިކޮށްލީ ފެންނަ މަންޒަރު ކަށަވަރު ކޮށްލުމަށްހެން ހީވިއެވެ. ޒާރާ ބޭނުންވީ ހާމިދު ގޮވާލުމުގެ ކުރިން ކޮޓަރިއަށް ވަންނާށެވެ. ވަކިންބޮޑަށް އިސްޖަހާލުމަށްފަހު ފިޔަވަޅުތައް އަވަސްކޮށްލިއެވެ.
''ދަރިފުޅާ .....ދެމައިން ކޮންތާކުން.........ދަރިފުޅު ނިދާފަ ކަމަށް ބައްޕަ ހީކުރީ......'' ބައްޕަގެ އޯގާތެރި އަޑަކީ ޒާރާގެ ބަލިފައެވެ. ކިތައްމެ ހިތްވަރު ކޮށްގެން ހުއްޓަސް އެ އޯގާތެރި އަޑުގައިވާ ލޯބީގެ ޖަޒްބާތުގައި ޖެހި، ގަދަބާރުން ހިފަހައްޓާފައިވާ ކަރުނަތައް ލޮލަށް ޖަމާވިއެވެ. ބައްޕަގެ އުނގުގައި ބޯ އަޅާލާ ރޯލަން ޒާރާ ހިތް އެދުނެވެ. ޒާރާ އަވަސް އަވަހާ ކޮޓަރި ތެރެއަށް ދެމިގަތެވެ. ދޮރު ލައްޕާލުމާއެކު ގިސްލާ ރޮއެގަނެވުނީ އެއްވެސް ހިފެހެއްޓުމެއް ނެތިއެވެ. ކަރުނައިގެ ތެރެއަށް ގެނބެމުން ދިޔަ ޒާރާގެ އަތުގެ ހަރަކާތްތައް ނުހަނު އަވެހެވެ. ފޯނު ހުޅުވާ، އާދިލްގެ މެސެޖްތައް ޒާރާ ކިޔާލިއެވެ. އެތައް ސުވާލެއް އެތަށް ގޮތަކަށް އާދިލް ކުރިމަތިކުރުވާފައި ވެއެވެ. ހިތްދަތިވެފައިވާ ވަރު އެ މެސެޖްތަކުން ޒާރާއަށް ދޭހަވިއެވެ. އާދިލް އެންމެފަހުން ކޮށްފައިވާ މެސެޖްވީ ޒާރާގެ ހިތުގައި ޅިޔަ އަޅާ ކުދިކޮށް ކޮށާ ޒަޚަމް ކޮށްލި މެސެޖަކަށެވެ.
''ޒާރާ ތިހެން އަހަންނާ ދޭތެރޭ ކަންތައް ކުރާނެ ކަމަށް ދުވަހަކުވެސް އުންމީދެއް ނުކުރަން...ތީ އަހަރެން ދެކެ ލޯބިވީ ޒާރާ ކަމާމެދު މިހާރު އަހަންނަށް ޝައްކު.... ޒާރާވީ ވައުދު ތަކަކީ ދެއްކީ ހުވަފެންތަކެއްކަން މިހާރު އެނގިއްޖެ. އަހަރެން ގެ އެއްވެސް މެސެޖަކަށް ރިޕްލައި ކުރަން ބޭނުން ނުވިތާ، ކޯލްތައްވެސް އިގްނޯ ކޮށްލީ... ނުވިތާކަށް ފޯނުވެސް ނިއްވާލީ..... އެންމެ ރަނގަޅު... '' މޭގައި ފޯނު ޖައްސާ ބާރުކޮށްލެވުނީ އިންތިހާ ކެކުޅުން ހިތަށް ލިބުމުންނެވެ. ހަށިގަނޑުން ބާރު ދޫވާގޮތްވެ މޫނު މައްޗަށް އަނދިރި ވާހެން ހީވިއެވެ. ޒާރާ އެނދުމައްޗަށްވެއްޓި ބާލީހުގައި މޫނުފޮރުވާލީ ހިތްއެދޭވަރަށް ރޯލުމަށެވެ.
''ކޮންތާކަށް ގޮސްލާފަ ދެމައިން......'' ހާމިދު ސުވާލު ތަކުރާރު ކޮށްލީ ނާޒިމާއަށް އަޑު އިވުނުހެން ހީ ނުވާތީއެވެ. ކިޔަވަން ގެންގުޅު ހަތިމް ކައިރީގައި ހުރި ކުޑަމޭޒުމަތީގައި ބާއްވާލުމަށްފަހު އަޅައިގެން އިން ނަމްބަރު އައިނު ނަގާ އައިނު ފޮއްތަށް ލިއެވެ.
''ކަލެއަށް ކީއް ކޮންމެތާކަށް ދިޔައިއްޔާ... ކަލޭގެ އަންހެންދަރި ގޮވައިގެން ދެވުނުމޮޔަ ހީވެފަ މަ މިހުރީ... ސަރީފާއްތަ މެން ކުރިމަތީގަވެސް މަ ޖެހުނީ ލަދުގަންނަން... ކަލޭގެ ތިޔަހުންނަ ނާތަހުޒީބު ގޮތްގަނޑު ކަލޭގެ ދަރިއަށްވެސް ލިބިފަހުރީ.......'' ނާޒިމާ ލޯ އަޅާލަމުން ފަތިވަރު އަމުނާލިއެވެ.
''އެގެއަށް ދިޔައީ ޒާރާ ގޮވައިގެންތަ........'' ހާމިދު ހައިރާންކަން އެކުލެވިފައިވާ ނަޒަރަކުން ނާޒިމާއަށް ބަލާލިއެވެ. ނާޒިމާގެ މޫނުން ފާޅުވަމުންދަނީ ހިތަހަމަނުޖެހުމުގެ އަސަރުތަކެވެ.
''އެ ގެއަކަށް ނޫން.... ހޮސްޕިޓަލަށް ދިޔައީ .... ޒާރާ އަކީ ނަރުހެއްވީމަ ސަރީފާއްތަ ބުނެގެން އިމްރާން ގެ ރިޕޯޓް ދައްކާލާ އެކަމާ ބެހޭގޮތުން ވާހަކަ ދައްކާލަން ކަލޭގެ ދަރިފުޅު ގެންދިޔައީ... މާތްކަލާކޯ މަ ނޫޅެން އޭނާ އެ ގެއަށް ގެންދާކަށް..... ކަލޭ ކަހަލަ ގަމާރު ބުއްދިއެއް ނޫނޭ މަގޭ ހުންނަނީ.........'' ނާޒިމާ އެތިވަރު ގޮވަމުން ގޮސް ކޮޓަރިއަށްވަދެގެން ދިޔައީއެވެ. ނާޒިމާ ދެއްކި ވާހަކަތަކުން ހާމިދު ގެ ހިތަށް ކުޑަނަމަވެސް ނުތަނަވަސްކަމެއް ވެރިއެއް ނުވެއެވެ. އޭނާގެ ދެލޯފަދަ ލޯބިވާ ދަރިފުޅަށް ނާޒިމާ ކަންތައް ކުރިގޮތުގެ އެއްވެސް ހިމަލެއްނުވާ ހާލު ހާމިދު ހިތާހިތުން ހިތްހަމަ ޖައްސާލީ ނާޒިމާ ދެއްކި ވާހަކަ ގަބޫލު ކުރެވުމުންނެވެ.
އެތަށް އިރަކު ރުއިމަށްފަހު ޒާރާ އަށް ނިދުނީ ކިހާ އިރަކު ކަމެއް ނޭނގެއެވެ. ލޯހުޅުވާލެވުނީ ފޯނު އެލާމް ވާން ފެށީމައެވެ. ހަވީރު ހަތަރުގަޑި ބައިވީއެވެ. އެލާމް އޮފް ކޮށްލުމަށްފަހު ޒާރާ ފޯނު ބަލާލީ އާދިލްގެ މެސެޖެއް ނުވަތަ ކޯލެއް އައިސްފައި އޮވެދާނެ ކަމުގެ އުންމީދުގައެވެ. އާދިލްގެ މެސެޖެއްހާ ހިސާބުވެސް ނެތުމުން ޒާރާ މާޔޫސް ވިއެވެ. ގުޅާލަން ބޭނުން ވިއެވެ. ވީގޮތް އޮޅުން ފިލުވައިދީ މާފަށް އެދެން ޒާރާ ބޭނުންވިއެވެ. އާދިލްގެ ނަމްބަރަށް ޑައިލް ކޮށްލުމަށްފަހު ކަންފަތުގައި ފޯނު ޖައްސާލައިގެން އޮވެ ޒާރާ ލޯ މަރާލިއެވެ. ލޮލަށް ދިލަ ތަދެއްގެ އިހްސާސް ކުރެވުނީ އެ ދެލޯ ދުޅަވެ ރަތްވެފައިވާތީއެވެ.
''ހަލޯ.....'' އާދިލްގެ އަޑުގައި އެކުލެވިފައިވާ މާޔޫސީކަން ޒާރާއަށް އިހްސާސް ކުރެވުނެވެ.
''ސޮރީ ....މިއަދު ކަންތައް ވީގޮތުން ..........'' ޒާރާ އަށް އިތުރަށް ވާހަކަ ދައްކަން އުނދަގޫވިއެވެ. ކަންތައް ވީގޮތް ހާމަކުރަން ޒާރާ ފަސްޖެހުނެވެ. އާދިލް ދެރަވެދާނެތީއެވެ.
''ޒާ.....ކިހިނެތްވީ ފޯނު ނުނެގީ.......'' އާދިލް އެނގެން ބޭނުންވީ އެވަރަށް ގުޅި އިރު ޒާރާ ފޯނަށް ޖަވާބު ނުދިން ސަބަބެވެ.
''މަންމަ ބަލިވެގެން ހޮސްޕިޓަލުގައި އެވަގުތު އުޅެން ޖެހުނީ.....އެހެންވެ ފޯނަށް ޖަވާބު ނުދެވުނީ.....ސޮރީ ވަރަށް ބޮޑަށް...'' ޒާރާ ގެ އަޑުގައިވަނީ އިންތިހާ ހިތްދަތި ކަމެވެ. ދޮގު ހެދުމަކީ ޒާރާ އަށް ފަސޭހަކަމަކަށް ނުވާތީ ބުނެވުނީ ބޭނުންވާ ވަރަށްވުރެ އުނދަގުލުންނެވެ.
ބޭނުންވާ ހުރިހާ ވާހަކައެއް ދެލޯބިވެރިން ހިއްސާކޮށް، ލޯބީގެ އެތައް ވައުދު ތަކަކަށް ފަހު ހަމަޖެހުމުގެ ނޭވާއެއް ޒާރާ ބޭރުކޮށްލީ ފޯނު ކަންފަތާ ދުރުކޮށްލަމުންނެވެ. އާދިލް އާ ޒާރާގެ ދިގު ކޯލަށްފަހު ޒާރާގެ މޫނުމަތި ފެންނަނީ އުޖާލާ ކޮށެވެ. އެތަށް އިރެއްގެ ހިތްދަތި ކަމަށްފަހު ހިނިތުންވުމެއް އެ ރީތި ތުންފަތުގައި ކުޅެމުން ދާން ފަށައިފިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް