މިދިޔަ މޭ މަހު ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު އިތުރުވެ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 1.09 ބިލިއަން ރުފިޔާ ލިބިފައި ވާކަމަށް އެ އޮތޯރިޓީން ހާމަކޮށްފިއެވެ.
އެ އޮތޯރިޓީން ބުނީ، މި އަދަދަކީ މިދިޔަ އަހަރުގެ މޭ މަހާއި އަޅާބަލާއިރު 3.4 ޕަސެންޓް އިތުރު އަދަދެއް ނަމަވެސް އަންދާޒާ ކުރި އަދަދަށްވުރެ 5.5 ޕަސެންޓް ދަށް އަދަދެއް ކަމުގައެވެ.
އެ އޮތޯރިޓީން އިތުރަށް ބުނީ، ވޭތުވެދިޔަ އަހަރުގެ މޭ މަހު ލިބުނު އާމްދަނީއަށްވުރެ މި އަހަރުގެ މޭ މަހުގެ އާމްދަނީ އިތުރުވުމުގެ ސަބަބަކީ ވޭތުވެދިޔަ އަހަރުގެ މޭ މަހާއި އަޅައިބަލާއިރު ޓޫރިސްޓުން ރާއްޖެ އައިސްފައިވާ މިންވަރު 36.3 ޕަސެންޓް އިތުރުވެފައިވުމެވެ. މީގެ ސަބަބުން ބީ.ޕީ.ޓީ، ޖީ.އެސް.ޓީ އަދި ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވެފައިވުމެވެ. އެހެންނަމަވެސް، މި އަހަރުގެ މޭ މަހު ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ އާމްދަނީ ދައްވެފައިވުމުގެ މައިގަނޑު ސަބަބަކީ ބޭންކް ޕްރޮފިޓް ޓެކުހުގެ ގޮތުގައި ލިބެންޖެހޭ ފައިސާ ލިބިފައިނުވުން ކަމަށް ވެސް މީރާ އިން ފާހަގަކުރިއެވެ.
މިއަހަރުގެ މޭ މަހުގައި އެ އޮތޯރިޓީއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 61.4 ޕަސެންޓް ނުވަތަ 666.90 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބީ.ޕީ.ޓީ އިންނެވެ. އެއީ 8.8 ޕަސެންޓް ނުވަތަ 95.40 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ގްރީން ޓެކުހުގެ ގޮތުގައި 77.66 މިލިއަން ރުފިޔާ (7.2 ޕަސެންޓް)، އެއަރޕޯޓު ޑެވެލޮޕްމަންޓް ފީގެ ގޮތުގައި 64.84 މިލިއަން ރުފިޔާ (6.0 ޕަސެންޓް)، އެއަރޕޯޓު ސަރވިސް ޗާޖްގެ ގޮތުގައި 64.27 މިލިއަން ރުފިޔާ (5.9 ޕަސެންޓް) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 116.62 މިލިއަން ރުފިޔާ (10.7 ޕަސެންޓް) ހިމެނެއެވެ.
މޭ 2019 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 43 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް