ރާއްޖޭގެ ހުރިހާ ސުކޫލެއްގައި ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމް އެޑިއުކޭޝަން މިނިސްޓްރީން ފަށައިފިއެވެ.
މި ޕްރޮގްރާމް މިއަދު ފައްޓަވައިދެއްވީ ތާޖުއްދީން ސުކޫލުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އެވެ.
މި އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެއްޓުނުއިރު މި ޕްރޮގްރާމް 25 ސުކޫލެއްގައި ފެއްޓި ނަމަވެސް، މިއަދުން ފެށިގެން ބާކީ 188 ސުކޫލުގައި ވެސް ހެނދުނުގެ ނާސްތާ ލިބޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.
މި މަޝްރޫޢު ރަސްމީކޮށް އިފްތިތާހް ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވީ، މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިހް ވަރަށް އިސްކަމެއް ދެއްވާ ޕްރޮގްރާމެއް ކަމަށެވެ. ދުވަހުގެ ފެށުން ރަނގަޅު ގޮތުގައި ފެށިއްޖެ ނަމަ މުޅިދުވަސް ރަނގަޅުވެގެންދާނެކަމަށާއި އެހެން ކަމުން ރަނގަޅު ނާސްތާއެއް ހެނދުނު ދަރިވަރުން ނެގުމަކީ މުހިއްމު ކަމެއްކަން ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ އާއިޝަތު އަލީ ވިދާޅުވީ ޕައިލެޓް ޕްރޮގްރާމްގެ ނަތީޖާ ދައްކާ ގޮތުން ނާސްތާގެ ސަބަބުން ދަރިވަރުން ފިލާވަޅަށްދޭ ސަމާލުކަން އިތުރުވެ، ސްކޫލަށް ގަޑިޖެހިގެން އަންނަ ކުދިންގެ އަދަދު މަދުވެފައިވާ ކަމަށެވެ. އަދި އެސެމްބްލީގައި އަނބުރައިގަނެގެން ވެއްޓޭ ކުދިންގެ އަދަދު ދަށްވެ، ބަނޑާއި ބޮލުގައި ރިއްސާތީ ހެލްތު ރޫމަށް ދާ ދަރިވަރުންގެ އަދަދުވެސް މަދުވެފައިވާ ކަމަށެވެ.
އެ މިނިސްޓްރީން އިތުރަށް ބުނީ، ނާސްތާ ޕްރޮގްރާމަށް އިތުރު މެނޫތަކެއް ވެސް ތައްޔާރު ކުރެވެމުން ދާ ކަމުގައެވެ.
މި ޕްރާމް ފެށީ ދައުލަތުގެ ބަޖެޓުން 50 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެންނެވެ. މިއީ ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރެއިން އެއް ވަޢުދުކަން ވެސް ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް