ބުރުސޫރަ- ތިރީސް ހަތަރުވަނަ ބައި

ކުރީގެ އަދަދާ ގުޅޭ... އެމީހާ ފެނުމުން ރާނީ ތުރުތުރު އަޅައިގަތެވެ. ނަމަވެސް ދޮރުމަތީގައި ފުރަގަސްދީގެން އެހުރީ ފިރިމީހާ ކަން ވަހުމުވުމުން ރާނީ ހަމައަކަށް އެޅުނެވެ. "ރާނީ ކޮބާ؟" އެތެރެއަށް ބޯދިއްކޮށްލަމ...

11 Jun 2019 | 04:34

ކުރީގެ އަދަދާ ގުޅޭ...

އެމީހާ ފެނުމުން ރާނީ ތުރުތުރު އަޅައިގަތެވެ. ނަމަވެސް ދޮރުމަތީގައި ފުރަގަސްދީގެން އެހުރީ ފިރިމީހާ ކަން ވަހުމުވުމުން ރާނީ ހަމައަކަށް އެޅުނެވެ.

"ރާނީ ކޮބާ؟" އެތެރެއަށް ބޯދިއްކޮށްލަމުން ޝަމީމާ އަހައިލިއެވެ. ޒިއަން އޭރުވެސް ހުރީ ބުނާނެ އެއްޗެއް ނޭންގިފައެވެ. ޝަމީމާ އެތެރެއަށް ވަންނަން އުޅުނުވަގުތު ޒިއަން އަތުން މަނާ ކުރިއެވެ.

"ކީއްކުރަން މިތަނަށް ތިއައީ؟" ނިތްކުރިއަށް ރޫ އަރުވައިލަމުން ޒިއަން އަހައިލިއެވެ. ރާނީ ވެސް އިނީ ހައިރާންވެފައެވެ.

"ރާނީ ހޯދަން މިއައީ... އަހަރެންނަކީ ރާނީގެ ދައްތަ އެހެންވީމަ އަހަންނަށް ރާނީ އުޅޭ ނޫޅޭ ގޮތް ބެލުމުގެ ހައްގު ލިބިގެންވާނެ" މޭ ފުއްޕާލައިފައި ޝަމީމާ ބުނެލިއެވެ. އޭނާގެ މޫނުމަތިން ވަކި ތަފާތު އަސަރެއް ނުފެނެއެވެ. ޝަމީމާ އެތަނަށް އައީ ކޮންމެވެސް މަގްސަދަކުކަން ޒިއަންގެ ހިތަށް ނަގައިގަނެވުނެވެ.

"ރާނީ އަހަރެން ވަންނަންތަ؟" ރާނީގެ މޫނަށް ބަލައިލުމަށްފަހު ޝަމީމާ އަހައިލިއެވެ. ޒިއަން ވެސް ރާނީގެ މޫނަށް ބަލައިލިއެވެ. ރާނީ އެއްފަހަރު ޝަމީމާގެ މޫނަށް، އަނެއްފަހަރު ޒިއަންގެ މޫނަށް ކަޅިއެއް އެއްލިއެވެ. ދެމީހުންވެސް އިންތިޒާރު ކުރަމުން ދިޔައީ ރާނީގެ ޖަވާބަކަށެވެ. އިރުކޮޅަކު ބަލަން އިނުމަށްފަހު ރާނީ މަޑުމަޑުން ބޯ ޖަހައިލިއެވެ. އެތައް ދުވަހަކަށްފަހު ކޮންމެ ގޮތަކަށް ވިޔަސް ބަލައި ބޮޑުކުރި މީހާ ފެނުމުން ރާނީ އިނީ ކޮންމެވެސް ވަރަކަށް ހިތްހަމަޖެހިފައެވެ. އެއީ ރާނީގެ އާއިލާ އެވެ. މާޒީގައި ކޮންމެ ގޮތަކަށް ކަންތައް ހިނގާފައިވީ ނަމަވެސް އެއީ މިދުނިޔޭގައި ރާނީއާއި ރަހިމުގެ ގުޅުން ވާ ހަމައެކަނި މީހާއެވެ. އެ ކުލުނު އަދިވެސް ހިތުގެ ކަނެއްގައި ވެއެވެ.

"އަހަންނަށް އިނގޭ އަހަރެން ކޮންމެ ވަގުތަކު އަޔަކަސް ރާނީ އަހަރެން ދުރުނުކޮށްލާނެކަން... އަހަރެން މާލެ މިއައީ ވަރަށް ބޮޑު ކަމަކު... ރާނީ ހޯދަން ޝިޔާ އާ އެކީގަ ތިގެއަށް ދިޔައީމަ އިނގުނީ ހޮސްޕިޓަލުގަކަން... އެހެންވެ ލަސްނުކުރަން އަވަހަށް މިއައީ..." ރާނީ ކައިރީގައި އިށީންނަމުން ޝަމީމާ ވާހަކަދެއްކީ އާދައިގެ ވަރަށްވުރެ ބާރަށެވެ. ޒިއަން އެނދުކައިރީގައި ހުއްޓިލައިގެން ހުރީ ޝަމީމާގެ ވާހަކަތައް ކަނުލައި އަޑުއަހާށެވެ. މި އަންހެންމީހާގެ މައްޗަށް ދުވަހަކުވެސް ޒިއަންގެ ހިތް ހެވެއް ނުވާނެއެވެ. ރާނީ ޝަމީމާ ވަންނަން ހުއްދަ ދިނުމުން ޒިއަން ހުރީ ހިތާ ހިތުން ޝަކުވާ ކޮށްލަކޮށްލައެވެ.

"ކޮން ކަމަކު؟" ވަރަށް މަޑުމަޑުން ރާނީ އަހައިލިއެވެ. ރާނީ އަދިވެސް އިނީ ފާޑަކަށް ހަރަކާތް މަދުވެފައެވެ. ކަޅި ޖަހައިނުލައި ދައްތައަށް ބަލަމުން ދިޔައިރު ލޯ މަތިން ސިފަވަމުން ދިޔައީ އެ ބިރުވެރި ދުވަސްތަކެވެ. ވިސްނާވެސް ނުލައި އިންދައި ކުއްލިއަކަށް ކުރިމައްޗަށް އެރުމުން ރާނީ އިނީ ހަދާނެ ގޮތެއްވެސް ނޭންގިފައެވެ. ވާންވީ އުފާކަމެއް، ދެރަކަމެއް ނުވަތަ ގަންނަންވީ ބިރުކަމެއް ރާނީ އަކަށް ނޭންގުނެވެ.

"މިވާހަކަ ބުނުމުން ރާނީ އުފާވާނެކަން ޔަގީން... އަހަރެން ވަރަށް ދެރަވޭ ރާނީ މިހާލުގަ އޮއްވަ މިވާހަކަ ދައްކަން ޖެހުނީމަވެސް... ތީނީ ވިއްޔަ އިން ހާލު" ގޮނޑީގައި ލެނގިލަމުން މުޅި ކޮޓަރިތެރެއަށް ނަޒަރު ހިންގައިލަމުން ޝަމީމާ ބުނެލިއެވެ. ޒިއަންގެ ކޯ ކަށިގަނޑު ހަރަކާތްކޮށްލި މަންޒަރު ރާނީ އަށް ފެނުނެވެ.

"ކޮން ވާހަކައެއް؟" އަނެއްކާވެސް ރާނީ ސުވާލުކޮށްލިއެވެ.

"ރާނީ... މީގެ ހަފްތާއެއް ކުރިން ރަށަށް އައި ޖަރުމަނު ފިރިހެނެއް... ދެބައި އުމުރަށްވުރެ މުސްކުޅި މީހެއް އެއީ... އެމީހާ ރަށަށް އައިސް އަހަންފެށީ އަހަރެމެންގެ މަންމަގެ ވާހަކަ" ރާނީގެ އަތުގައި ހިފައިލަމުން ޝަމީމާ ވާހަކަ ފެށިއެވެ. ޝަމީމާ އެހިސާބަށް ބުނެވުނުއިރު ރާނީ ކުޑަކޮށް ޝަމީމާ އާއި ދިމާލަށް ގުދުވެލިއެވެ. ޝަމީމާ ދައްކަން އުޅޭ ވާހަކަ ރާނީ އަށް ކޮންމެވެސް ވަރަކަށް ނަގައިގަނެވުން ކަހަލައެވެ.

"ތި މޫނު ފޮރުވަބަލަ މަ ބިރުގަނޭ" ކުއްލިއަކަށް ޝަމީމާގެ ރާގު ބަދަލުވިއެވެ. ޝަމީމާގެ މޫނަށް ބަލަން އިން ރާނީ އާ ދިމާލަށް މިހެން ބުނެލުމަށްފަހު އަނެއް ފަރާތަށް މޫނު އަނބުރައިލިއެވެ. ވަގުތުން ރާނީ މޫނު މައްޗަށް އިސްތަށިތައް ވަރައިލިއެވެ. ޒިއަން އޭރުވެސް ހުރީ އެއްޗެއް ނުބުނެ ކެތްކޮށްލައިގެންނެވެ.

"އާނ ދެން މި މީހާ އައިސް އަހަން ފެށީމަ ބައެއް މީހުންނަށް މީ ކާކުކަން އެނގިގެން މަންމަގެ ވާހަކަ ކިޔައިދީފި... ދަރިއެއް ހުރިކަމާ މިހާރު މަރުވެއްޖެ ކަމަށްވެސް... ދެން އެމީހާ އައީ ގެއަށް އައިސް އަހަން ފަށައިފި މަގޭ ދަރި ކޮބައިހޭ" ރާނީ އިނީ ކަޅި ޖަހައިނުލައި ޝަމީމާގެ މޫނަށް ބަލަހައްޓައިގެންނެވެ.

"އަހަރެން ބައްޕަތަ؟" ރާނީގެ ބޮޑު ދެލޯ އެޔަށްވުރެ ބޮޑުވެގެން ދިޔައެވެ.

"އެހެން ދޯ މިކިޔަނީ... ކަލޭގެ ހަމަ ތި ދެލޯ އެމީހާގެ ވެސް ހުރީ... ދެތިން ދުވަހު ރަށުގަ މަޑުކޮށްފަ އަހަރެން މިއައީ އޭނަ ގޮވައިގެން ރާނީ ހޯދަން..." ރާނީގެ އަތުގައި ފިރުމައިލަމުން ޝަމީމާ ބުނެލިއެވެ.

"ދެން ކޮބާ އެމީހާ؟" މިފަހަރު ސުވާލުކުރީ ޒިއަން އެވެ. ޒިއަން އަދިވެސް ޝަމީމާ އަށް ބަލަމުން ދިޔައީ ޝައްކުގެ ނަޒަރަކުންނެވެ.

"ކަލޭ ހީކުރީ މަމިހަދަނީ ދޮގު ކަމަށްތަ؟ މާލެ މީހުން އަދި ނިކަން ފޮނި ދައްކާނެ..." ޒިއަންގެ މޫނަށް ބަލައިލުމަށްފަހު ތުން އޫކޮށްލަމުން ޝަމީމާ ބުނެލިއެވެ. އަދި ބޭރަށް ނިކުމެގެން ދިޔައެވެ. ޝަމީމާ ނިކުމެގެން ދިޔަ ދިމާލަށް ބަލަން އިން ރާނީގެ ހިތް ތެޅިގަތީ އަލުން ޝަމީމާ އެތެރެއަށް ވަނުމުންނެވެ. މިފަހަރު ޝަމީމާގެ ފަހަތުގައި ހުރީ ދޮންކަމުން ގޮސް ރަތްވެފައި ހުރި ޖަރުމަނު މީހެކެވެ. އެމީހާ ވަދެގެން އައި އިރު ކަޅި ޖަހާނުލައި ބަލަމުން ދިޔައީ ރާނީގެ މޫނަށެވެ. އާނ އެކެވެ. އެމީހާގެ އަޅި ކުލައިގެ ދެލޮލަކީ ހަމަ ރާނީގެ ދެލޮލެވެ. ހަމަ އެ ބެލުމެވެ. ވަރުގަދަ ފަން އިސްތަށިގަނޑު ވެސް ރާނީގެ އިސްތަށިގަނޑުހާ ބޯވެފައި ރީއްޗެވެ. މޫނުމަތީގެ ބައްޓަމުގައިވެސް ތަފާތެއް ނެތެވެ. ރާނީ އަދިވެސް އިނީ ކަޅި ޖަހައިނުލައި އެމީހާގެ މޫނަށް ބަލާށެވެ. ޒިއަން ވެސް ހުރީ ހަމަ އެފަދަ ހާލެއްގައެވެ.

"މަ ބުނީމެއްނު... މީ ރާނީގެ ބައްޕައޭ" ޝަމީމާ ހުރިހާ ދަތެއް ދައްކައިލަމުން ބުނެލިއެވެ. ފަހަތުން ޝިޔާ ވެސް އައިސް ވަނެވެ.

"ހޫ އާރ ޔޫ؟" ޒިއަން އެމީހާ ކައިރިން އަހައިލިއެވެ.

"އައިމް ވިލިއަމް... އައި ކޭމް ޓު މީޓް ސަމްވަން އައި ލެފްޓް ލޯންގް އެގޯ... އެންޑް ފައުންޑް ދެޓް އައި ލެފްޓް ނޮޓް އޮންލީ ހަރ ބަޓް މައި ޑޯޓާ ޓޫ... އޯ މައި ގޯޑް އައި ކޭންޓް ބިލީވް..." ވިލިއަމްގެ ލޮލުން ކަރުނަ ހިލުނެވެ.

"ކީކޭތަ ފަރަންޖީ ބަހުން މި ކިޔަނީ؟" ވިލިއަމް ދެއްކި ވާހަކަ ނޭންގިގެން ޝަމީމާ އަހައިލިއެވެ. ނަމަވެސް އެ އަޑު އެކަކަށްވެސް އިވުނު ހެންނެއް ހިއެއް ނުވެއެވެ.

"ވަޓްސް ޔުއަރ ނޭމް ބޭބީ؟" ރާނީގެ އަތުގައި ހިފައިލަމުން ވިލިއަމް އަހައިލިއެވެ. ވިލިއަމް އެއަތުގައި ހިފުމުން ރާނީގެ އަތް ތުރުތުރު އަޅައިގަތެވެ. ރާނީ އަނގައިން ބުނަން މަސައްކަތްކުރިއެވެ. ނަމަވެސް އަޑެއް ނުނިކުތެވެ. ވިލިއަމް އަނެއްކާވެސް ސުވާލު ތަކުރާރު ކޮށްލިއެވެ.

"ރާނީ" ޖަވާބު ދިނީ ޒިއަން އެވެ. ވިލިއަމް ޒިއަންގެ މޫނަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ.

"ރާނީ އިޒް ކްއީން" ޒިއަން އަނެއްކާވެސް ބުނެލިއެވެ.

"ޔެސް ރާނީ.. ކްއީން... ދެޓްސް ވަޓް އައި ކޯލްޑް ޔުއަރ މަދަރ" ވިލިއަމްގެ ލޮލުން ފައިބަން ފެށީ އުފަލުގެ ކަރުނައެވެ.  ދެން މުޅި ކޮޓަރިތެރެއަށް ފެތުރިގެން ދިޔައީ ހިމޭން ވަގުތުކޮޅެކެވެ. ނަމަވެސް ޝަމީމާ އާއި ޝިޔާ ސިއްރުން ކޮންމެވެސް ވާހަކަތަކެއް ދައްކަމުން ދިޔައެވެ.

ރާނީ އޭރުވެސް އިނީ ވިލިއަމްގެ މޫނަށް ބަލަހައްޓައިގެން ހުއްޓިފައެވެ. ރާނީ އިން ގޮތުން ޒިއަން ރާނީގެ ކައިރިއަށް ޖެހިލުމަށްފަހު ދެ ކޮނޑުގައި ހިފައިލިއެވެ. އެވަގުތު ސިއްސައިގެން ގޮސް ރާނީ އަށް ބަލައިލެވުނީ ޒިއަންގެ މޫނަށެވެ. ޒިއަން ހަމަޖެހޭށޭ ބުނާފަދަ ގޮތަކަށް ލޯ މަރައިލުމަށްފަހު ބޯ ޖަހައިލިއެވެ. ރާނީ އަނެއްކާވެސް ވިލިއަމްގެ މޫނަށް ބަލައިލިއެވެ.

"ޝީ އިޒް ޝޮކްޑް" ޒިއަން ބުނެލިއެވެ. ވިލިއަމް ވެސް އެއްބަސް ވުމުގެ ގޮތުން ބޯ ޖަހައިލިއެވެ.

"އައިމް ޝުއަރ ޝީ އިޒް... ހޫ އަރ ޔޫ؟" ވިލިއަމް އަހައިލިއެވެ. ޒިއަން އަކީ ރާނީގެ ފިރިމީހާ ކަމުގައި ޒިއަން ބުނެދިނެވެ. އަދި ރާނީ ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހުނު ސަބަބު ވެސް ޒިއަން ކިޔައިދިނެވެ. އެ ވާހަކަތައް އިވިފައި ވިލިއަމް އިނީ ނުހަނު ހައިރާންވެފައެވެ. އެހުރިހާ އިރަކު ވިލިއަމް އިނީ ރާނީގެ އަތުގައި ހިފައިގެންނެވެ. އެއަތުން ދޫކޮށްލަން ރާނީ ވެސް މަސައްކަތެއް ނުކުރެއެވެ.

"ދެން ދޯ... ޝިޔާ އަހާބަލަ މީނަ ފުރާ އިރެއް" ފޫހިކަންމަތީ ހުރެ ޝަމީމާ ބުނެލިއެވެ. ޝަމީމާ އެވަރަކުން އެއުޅެނީ ކޮންމެވެސް ބޭނުމެއް އޮވެގެންނެވެ. އެހެން ނޫންނަމަ ރާނީ އާއި ވިލިއަމް ބައްދަލުކުރުވަން އޭނާ އަމިއްލައަށް މާލެ އަންނަންވީ ކީއްވެގެން ހެއްޔެވެ. ވާހަކަ ދައްކާ ގޮތުންވެސް މާ ބޮޑު ރަހުމެއް އެ ހިތުގައި އުފެދިފައިވާ ހެންނެއް ހިއެއް ނުވެއެވެ. އަދި ރާނީ އާއި ވިލިއަމް ދިމާވުމުން ވެސް އެހާ އުފާވެރިކަމެއް އެ މޫނު މައްޗަކުން ނުފެނެއެވެ. މިހުރިހާ ކަމެއް ޒިއަން ދިޔައީ ވަރަށް ކައިރިން ބަލަމުންނެވެ.

ވިލިއަމްގެ ކައިރިޔަށް ޖެހިލަމުން ޝިޔާ އަހައިލީ ވިލިއަމް ފުރާ އިރެކެވެ. ވިލިއަމް ފުރާނީ އަދި ހަފްތާއެއް ފަހުން ކަމަށް ބުނެލިއެވެ. ދެން ޝިޔާ އަރުވައިލީ ބުމަ އެވެ. ހީވާ ގޮތުން ވިލިއަމް އަށް އެއްޗެއް ހަނދާން ކޮށްދިނީއެވެ. ވިލިއަމް ކުއްލިއަކަށް ހަނދާން ވެގެން ހީލިއެވެ.

"ޑޯންޓް ވޮރީ" ވިލިއަމް ބުނެލިއެވެ. ހީލުމަށްފަހު ޝިޔާ އެތަނުން ނިކުމެގެން ދިޔައީއެވެ.

"އަހަރެން އަދި އަންނާނަން މިވަގުތު ގޮސްލީ" ޝަމީމާ ނިކުމެ ނިކުމެ ހުއްޓައި ދޮރުން ވަނީ މާޒިން އެވެ. ޝަމީމާ ފެނުމުން މާޒިން ވެސް ހައިރާންކަންމަތީ ބަލަމުން ދިޔައެވެ. ޝަމީމާގެ މޫނުމަތިން ފެންނަމުން ދިޔައީ ބޮޑާ ކަމެކެވެ. އަދިވެސް ހަމަ އެ ގޮތްގަނޑެވެ. މާޒިން އަނގަޔަށް ވައްތަރެއް ޖައްސައިލުމަށްފަހު އެތެރެއަށް ވަނެވެ.

(ނުނިމޭ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް