N/A
ހަންޓަ ވައިރަސް ފެތުރުނު ކްރޫޒް ޝިޕް އެމްވީ ހޮންޑިއުސް އިން ބޭލި 18 ފަސެންޖަރުން ގޮވައިގެން އެމެރިކާ އަށް ދިޔަ ފްލައިޓުގައި ހުރި ފަސެންޖަރެއް ހަންޓަ ވައިރަހަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެމެރިކާގެ ޑިޕާޓްމެންޓް އޮފް ހެލްތް އެންޑް ހިއުމަން ސާވިސަސް (އެޗްއެޗްއެސް) އިން ބުނެފިއެވެ.
އެޗްއެޗްއެސް އިން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ފްލައިޓުގެ 18 ފަސެންޖަރުންގެ ތެރެއިން ދެ މީހެއް ޚާއްޞަ ޔުނިޓެއްގައި މޮނީޓަރ ކުރެވެމުން އަންނަ ކަމަށެވެ. އެކެއް ޕީސީއާރް ޓެސްޓުން ޕޮޒިޓިވް ވެފައިވެއެވެ. އަނެކެއްގެ ކިބައިން ލުއި އަލާމާތް ހުއްޓެވެ. ޕޮޒިޓިވް ވި ފަސެންޖަރު ގެންދާނީ ނެބްރާސްކާ ޔުނިވާސިޓީ މެޑިކަލް ސެންޓަރުގެ ނެޝަނަލް ކަރަންޓީން ޔުނިޓަށެވެ. ލުއި އަލާމާތް ހުރި ފަސެންޖަރު ދެވަނަ ޚާއްޞަ ފެސިލިޓީ އަކަށެވެ. މި އާ ކޭހާ އެކު ޖުމްލަ ކޭސް ނުވައެކަށް އެރީއެވެ.
ޕޮޒިޓިވް ކޭހެއް ފެނުނީ، ސީޑީސީ ގެ އޮފިޝަލެއް ހޮނިހިރު ދުވަހު "އެއްވެސް މީހަކު ކަރަންޓީން ނުކުރާނެ" ކަމަށާއި "އަލާމާތެއް ނެތް މީހުން ޓެސްޓް ކުރާކަށް ލަފައެއް ނުދެން" ކަމަށް ބުނިތާ އެންމެ ދުވަހެއް ފަހުންނެވެ. ސީޑީސީ ގެ ޕްލޭނަކީ ފަސެންޖަރުން ނެބްރާސްކާ ގައި ބެލުމަށް ފަހު ގެއަށް ފޮނުވައި 42 ދުވަހު އަމިއްލަ އަށް ބަލީގެ އަލާމާތް މޮނިޓާ ކުރުމެވެ.
އެހެން ޤައުމުތަކުގެ ފިޔަވަޅުތައް ވަރުގަދައެވެ. ސްޕެއިނުން 14 ރައްޔިތުން ގެންގޮސް ބޭތިއްބީ މެޑްރިޑް ގެ ގޮމެޒް-އުލާ މިލިޓަރީ ހޮސްޕިޓަލުގެ ވަކި ކޮޓަރިތަކެއްގައެވެ. ޕީސީއާރް ޓެސްޓް ހެދިއެވެ. ހަތް ދުވަސް ފަހުން ދެވަނަ ޓެސްޓް ހަދާނެއެވެ. ދުވާލަކު ދެ ފަހަރު ހުން ބަލާނެއެވެ. ފްރާންސް ގެ ފަސް ފަސެންޖަރުން ގެންދިޔަ ފްލައިޓުގައި އެކަކު ބަލިވީމާ ބޮޑުވަޒީރު ލެކޯނޫ ވަގުތުން ފަސް މީހުން ވެސް ސްޓްރިކްޓް އައިސޮލޭޝަނަށް ލައި، ކޮންޓެކްޓް ޓްރޭސިން ހިންގައި، ކައިރީ ތިބި މީހުންގެ ރައްކާތެރިކަންވެސް ކަށަވަރު ކުރަން އެންގިއެވެ. ޑަބްލިއުއެޗްއޯ އިން ލަފާ ދިނީ 42 ދުވަހުގެ ކަރަންޓީނެވެ.
ޓެނެރީފެ ގައި އާދީއްތަ ދުވަހު 19 ޤައުމެއްގެ 94 ފަސެންޖަރުން ބާލައި، ރީޕެޓްރިއޭޝަން ފްލައިޓްތަކުގައި ފޮނުވައިފިއެވެ. ބާކީ ތިބި ފަސެންޖަރުން ހޯމަ ދުވަހު ބާލައި ނިންމާނެ ކަމަށް ސްޕެއިން ހެލްތު މިނިސްޓަރ މޮނިކާ ގާސީއާ ބުންޏެވެ. އެންމެ ފަހު ދެ ފްލައިޓް: އޮސްޓްރޭލިއާ އާއި ނެދަލެންޑްސް "ސްވީޕާ ޕްލެއިން" ހޯމަ ދުވަހު ފުރާނެއެވެ. ފަސެންޖަރުން ބާލައި ނިމުމުން ބޯޓު 30 ކުރޫ މެންބަރުންނާ އެކު ނެދަލެންޑްސް ގެ ރޮޓެޑަމް އަށް ދާނެއެވެ.
ޑަބްލިއުއެޗްއޯ ގެ ޓެކްނިކަލް ލީޑް މާރިއާ ވެން ކާކޯވް ބުނީ ހޮންޑިއުސް ގެ ހުރިހާ ފަސެންޖަރުން "ހައި-ރިސްކް ކޮންޓެކްޓް" ގޮތުގައި ބެލެވޭ ކަމަށާއި، ނަމަވެސް ޢާންމުންނަށް ނުރައްކާ ކުޑަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް