ހަންޓަ ވައިރަހުގެ ޕޭޝަންޓް ޒީރޯ - ދުނިޔެ ދެކެލަން ދިގު ބުރެއް ޖަހައިލަން ނިކުތް ދެމަފިރިންނާ ހަމައިން ފެށޭ ވާހަަކަ

ނެދަލެންޑްސް ގެ ދެމަފިރިންނެވެ. ފިރިމީހާ އަށް 70 އަހަރެވެ. އަނބިމީހާ އަށް 69 އަހަރެވެ. ދެ މީހުންނަކީ ވެސް ދޫނި ބެލުމަށް (ބާޑްވޮޗިން) ލޯބިކުރާ ދެ މީހުންނެވެ. 2025 ވަނަ އަހަރުގެ ނޮވެންބަރު 27 ގައި ދެކުނ...

08 May 2026 | 18:36
N/A

N/A

ނެދަލެންޑްސް ގެ ދެމަފިރިންނެވެ. ފިރިމީހާ އަށް 70 އަހަރެވެ. އަނބިމީހާ އަށް 69 އަހަރެވެ. ދެ މީހުންނަކީ ވެސް ދޫނި ބެލުމަށް (ބާޑްވޮޗިން) ލޯބިކުރާ ދެ މީހުންނެވެ. 2025 ވަނަ އަހަރުގެ ނޮވެންބަރު 27 ގައި ދެކުނު އެމެރިކާއިން ދިގު ދަތުރެއް ފެށީ ދުނިޔޭގެ ރީތި ތަންތަން ބަލައިލުމުގެ ހުވަފެނުގައެވެ. ނަމަވެސް ހަތަރު މަސް ފަހުން، އެ ދެމަފިރިންގެ ފަރާތުން ފެށުނީ ޒަމާނެއްގެ ކޮޅުން ކްރޫޒް ޝިޕެއްގައި ހިނގި އެންމެ ނުރައްކާތެރި ވައިރަސް އައުޓްބްރޭކެވެ. ތިން މީހުން މަރުވެ، ދުނިޔޭގެ 23 ޤައުމެއްގައި ކޮންޓެކްޓް ޓްރޭސިން ހިންގަން ޖެހުނީއެވެ.

ހުރިހާ ކަމެއް ފެށުނީ ކޮން ހިސާބަކުން؟

ދެމަފިރިން 2025 ނޮވެންބަރު 27 ގައި އާޖެންޓީނާ އަށް ފޭބީ ދިގު ރޯޑް ޓްރިޕެއް ފެށުމުގެ ނިޔަތުގައެވެ. ކާރެއްގައި 40 ދުވަހު އާޖެންޓީނާ ތެރޭ ދަތުރުކުރީއެވެ. 2026 ޖެނުއަރީ ހަތެއްގައި ޗިލީ އަށް ބޯޑަރު ހުރަސްކޮށް ގޮސް 24 ދުވަހު ޗިލީގައި ދަތުރުކުރީއެވެ. ޖެނުއަރީ 31 ގައި އެނބުރި އާޖެންޓީނާ އަށް ވަނީ ނެކުއެން ޕްރޮވިންސް މަގުންނެވެ. ދެން މެންޑޯޒާ ޕްރޮވިންސް މަގުން، 20 ދުވަހުގެ ރޯޑް ޓްރިޕެއްގައި ބްރެޒިލް-ޕެރެގުއޭ ބޯޑަރާ ކައިރި މިސިއޮނެސް ޕްރޮވިންސް އަށެވެ. މާޗް 13 ގައި ޔުރުގުއޭ އަށެވެ. މާޗް 27 ގައި އެނބުރި އާޖެންޓީނާގެ އެންމެ ދެކުނު ރަށް އުޝުއާޔާ އަށް ގޮސް، އެޕްރީލް އެކެއްގައި ކްރޫޒް ޝިޕް އެމްވީ ހޮންޑިއުސް އަށް އެރީއެވެ.

ނެކުއެން އާއި މިސިއޮނެސް - މި ދެ ތަނަކީ ވެސް ޑަބްލިއުއެޗްއޯ އިން ކުރިން ވެސް ހަންޓަ ވައިރަސް އެންޑެމިކް ސަރަހައްދުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވާ ތަންތަނެވެ.

ވައިރަސް ޖެހުނީ ކިހިނެއް؟

ސީދާ ޖެހުނު ގޮތް އަދި ކަށަވަރެއް ނުވެއެވެ. ނަމަވެސް ދެ ތިއަރީއެއް ތަޙުޤީޤު ކުރެވެމުންދެއެވެ. ފުރަތަމަ ތިއަރީ އަކީ ބާޑްވޮޗިން ކުރިއަށް ގެންދިއުމުގެ ތެރޭ، މީދާ އާލާވާ ސަރަހައްދެއްގައި ނަޖިހާ ކޮންޓެކްޓް ވުމެވެ. ދެވަނަ ތިއަރީ އަކީ އުޝުއާޔާ ގެ ލޭންޑްފިލް ސަރަހައްދަކުން ވައިރަހަށް ހުށަހެޅުނީ ކަމެވެ.

އާޖެންޓީނާގެ ހެލްތު މިނިސްޓްރީ އާއި މެލްބްރޭން އިންސްޓިޓިއުޓް ގުޅިގެން ދެމަފިރިންގެ ދަތުރު ރޫޓުގެ ސަރަހައްދުތަކުގައި މީދާ ހިފައި ޓެސްޓް ކުރަމުންދެއެވެ. ފާހަގަކޮށްލެވޭ ކަމަކީ، އުޝުއާޔާ ގައި ދުވަހަކު ވެސް ހަންޓަ ވައިރަސް ކޭހެއް ރެކޯޑް ކޮށްފައި ނުވާ ކަމެވެ. ނަމަވެސް 2025 ޖޫން އިން ފެށިގެން އާޖެންޓީނާ ގައި 101 ހަންޓަ ވައިރަސް ކޭސް ރެކޯޑް ކޮށްފައިވެއެވެ — ކުރީ އަހަރާ އަޅާ ބަލާ އިރު ދެ ގުނައެވެ.

ޑީއެންއޭ ސީކުއެންސިން އިން ކަށަވަރުވީ މި އައުޓްބްރޭކް އުފެދުނީ "އެންޑީޒް ސްޓްރެއިން" އިން ކަމެވެ. ހަންޓަ ވައިރަހުގެ 50 އަށް ވުރެ ގިނަ ވައްތަރު ހުންނަ އިރު، އެންޑީޒް ސްޓްރެއިނަކީ އިންސާނުންގެ ދެމެދުގައި ފެތުރުމުގެ ފުރުޞަތު ހުރި ހަމައެކަނި ވައްތަރެވެ.

ބޯޓުގައި ވީ ކިހިނެއް؟

އެޕްރީލް އެކެއްގައި ނެދަލެންޑްސް ގެ އޯޝަންވައިޑް އެކްސްޕެޑިޝަންސް ކުންފުނީގެ އެމްވީ ހޮންޑިއުސް ފުރީ 23 ޤައުމެއްގެ ފަސެންޖަރުންނާއި ކުރޫ މެންބަރުންނާ އެކުގައެވެ. 196 ފަސެންޖަރުން ގެންދެވޭ މި ބޯޓުގެ ޓިކެޓް އަގު އުޅެނީ 14,000 އާއި 22,000 ޔޫރޯ ދެމެދެވެ. މަންޒިލަކީ އެންޓާޓިކާ އާއި ދެކުނު އެޓްލާންޓިކުގެ އެންމެ އެކަހެރި ޖަޒީރާ ތަކެވެ.

އެޕްރީލް ހައެއްގައި ފިރިމީހާގެ ކިބައިން ބަލީގެ ފުރަތަމަ އަލާމާތްތައް ފެންނަން ފެށިއެވެ. ހުން، ބޮލުގައި ރިއްސުން، ބަނޑުގައި ރިއްސުން، ބޭރަށް ހިންގުން — މީ ހަންޓަ ވައިރަހުގެ ފުރަތަމަ ސްޓޭޖެވެ. އެޕްރީލް 11 ގައި ނޭވާލާން އުނދަގޫވެ ފުއްޕާމެޔަށް ފެން އެއްވެ، ފަސް ދުވަހުގެ ތެރޭގައި ބޯޓުމަތީގައި މަރުވީއެވެ. ނަމަވެސް ހަންޓަ ވައިރަސް ކަމެއް ނޭނގެއެވެ. "ގުދުރަތީ ސަބަބުތަކެއް" ކަމަށް ބެލީއެވެ. ބޯޓުގައި މައިކްރޯބައޮލޮޖިކަލް ޓެސްޓް ހެދޭނެ ގޮތެއް ނެތެވެ — ބޯޓު ދަތުރުކުރީ ދުނިޔޭގެ އެންމެ އެކަހެރި ހިސާބުތަކުގައެވެ.

21 ދުވަސް - ނޭނގި ފެތުރުނީ!

ފުރަތަމަ މީހާ މަރުވީ ކިހިނެއްކަން ކޮންފަދަ ބައްޔެއްގައިކަން ނޭނގޭ ހާލުގައި ބޯޓު ދަތުރު ކުރީއެވެ. ހަންޓަ ވައިރަސް ކަން ލެބޯޓަރީ ޓެސްޓުން ކޮންފާމްވީ މެއި ތިނެއްގައެވެ - ފުރަތަމަ މީހާ މަރުވިތާ 21 ދުވަސް ފަހުންނެވެ.

އެ 21 ދުވަހުގެ ތެރޭގައި:

އެޕްރީލް 13-15: ޓްރިސްޓަން ޑާ ކުންޔާ ގައި ބޯޓު މަޑުކުރިއެވެ. ދުނިޔޭގެ އެންމެ އެކަހެރި ޖަޒީރާ ތަކުގެ ތެރެއިން ތަނެކެވެ. 250 މީހުންގެ އާބާދީ ހިމެނޭ މި ޖަޒީރާ ގެ ރައްޔިތެއް ފަސެންޖަރުންނާ ކޮންޓެކްޓް ވެ، މިހާރު ބަލީގެ ޝައްކުގައި ހޮސްޕިޓަލުގައެވެ.

އެޕްރީލް 24: ސެއިންޓް ހެލީނާ ގައި ބޯޓު ބަނދަރުކޮށް، ފިރިމީހާގެ ހަށިގަނޑު ބޭލީއެވެ. 30 ފަސެންޖަރުން - 12 ޤައުމެއްގެ ރައްޔިތުން - ކޮންޓެކްޓް ޓްރޭސިނެއް ނެތި، ޗެކެއް ނެތި ފައިބައިގެން ދިޔައީއެވެ. (ނެދަލެންޑްސް ސަރުކާރުން ބުނީ ގާތްގަނޑަކަށް 40 ފަސެންޖަރުން ކަމަށެވެ.)

އެޕްރީލް 25: ބަލިވެ ހުރި އަނބިމީހާ ޖޮހެނެސްބާގު އެއާޕޯޓުގައި ކޭއެލްއެމް ފްލައިޓް KL592 އަށް އެރީއެވެ. 45 މިނެޓް ފަހުން ހާލު ދެރަވެގެން ބޯޓުން ބޭލީއެވެ.

އެޕްރީލް 26: އަނބިމީހާ ޖޮހެނެސްބާގުގެ ހޮސްޕިޓަލުގައި މަރުވީއެވެ.

އެޕްރީލް 27: ބޯޓުގައި ބަލިވި އިނގިރޭސި ފިރިހެނެއް އެސެންޝަން އައިލެންޑުން ދެކުނު އެފްރިކާ އަށް އިވެކުއޭޓް ކުރީއެވެ.

އެޕްރީލް 28: ޖަރުމަނު އަންހެނެއްގެ ކިބައިން ބަލީގެ އަލާމާތް ފެނުނީއެވެ.

މެއި 2: ޖަރުމަނު އަންހެން މީހާ ބޯޓުގައި މަރުވީއެވެ.

މެއި 3: ދެކުނު އެފްރިކާ ގައި އައިސީޔޫގައި އޮތް އިނގިރޭސި ފިރިހެން މީހާގެ ޓެސްޓުން ހަންޓަ ވައިރަސް ޕޮޒިޓިވް ވެ - ފުރަތަމަ ފަހަރަށް ހަންޓަ ކަން ކަށަވަރުވީ މި ހިސާބުންނެވެ.

ދެން ވީ ކިހިނެއް؟

ހަންޓަ ކަން ކަށަވަރުވީ ހިސާބުން ދުނިޔޭގެ ޞިއްޙީ ނިޒާމު ހޭލިއެވެ. ނެދަލެންޑްސް އަންހެން މީހާގެ ހަށިގަނޑު ވެސް ޓެސްޓް ކުރީއެވެ - މެއި ހަތަރެއްގައި ޕޮޒިޓިވް ވީއެވެ. ސެއިންޓް ހެލީނާ އިން ފައިބައިގެން ދިޔަ ސްވިޒަލެންޑް ފިރިހެނެއް ޒޫރިކް ޔުނިވާސިޓީ ހޮސްޕިޓަލުގައި މެއި ހައެއްގައި ޕޮޒިޓިވް ވީއެވެ.

ބޯޓުގެ ޑޮކްޓަރު - ނެދަލެންޑްސް ރައްޔިތެއް - ގެ ހާލު ވެސް ސީރިއަސް ވީއެވެ. ބަލި މީހުންނަށް ފަރުވާ ދެމުން ދަނިކޮށް ޖެހުނީއެވެ. ޗުއްޓީ ހަދަން ބޯޓުގައި ދަތުރުކުރި އެމެރިކާގެ އޮރެގަން ގެ ޑޮކްޓަރެއް ކަމަށްވާ ސްޓީފަން ކޯންފެލްޑް ޝިޕް ޑޮކްޓަރުގެ ރޯލާ ހަވާލުވީއެވެ. މެއި ހައެއްގައި ޝިޕް ޑޮކްޓަރު ހިމެނޭ ގޮތަށް ތިން މީހުން އެއާ އެމްބިއުލެންސް އިން ޔޫރަޕަށް އިވެކުއޭޓް ކުރީއެވެ.

ބޯޓުން ބޭރަށް ފެތުރުނީ ކިހާ ވަރަކަށް؟

މެއި އަށެއް ގެ ނިޔަލަށް ބޯޓުން ބޭރުން ކޮންފާމް ކޭހެއް ނެތެވެ. ކޭއެލްއެމް ފްލައިޓް އެޓެންޑެންޓް މެއި އަށެއްގައި ހަންޓަ ވައިރަހަށް ނެގެޓިވް ވީއެވެ. ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮންޓެކްޓް ޓްރޭސިން ކުރިއަށް ދެއެވެ.

އެމެރިކާގެ ވާޖީނިއާ، ޖޯޖިއާ، ކެލިފޯނިއާ، އެރިޒޯނާ، ޓެކްސަސް - ފަސް ސްޓޭޓެއްގައި ކުރީގެ ފަސެންޖަރުން މޮނިޓާ ކުރެއެވެ. ސިންގަޕޫރުގެ ދެ ރައްޔިތަކު ޓެސްޓް ކުރިއަށް އެބަ ދެއެވެ. ފްރާންސް ގެ ރައްޔިތެއްގެ ކިބައިން އަލާމާތްތައް ފެނިގެން ޓެސްޓް ކުރިއަށް އެބަ ގެންދެއެވެ.  ކެނެޑާ ގެ ތިން މީހުން އެކަހެރިކޮށްފައިވެއެވެ.  ޓްރިސްޓަން ޑާ ކުންޔާ ގެ ރައްޔިތަކުވެސް މިހާރު އެކަހެރިކޮށްފައިވެއެވެ.

ކުރިއަށް ވާނީ ކިހިނެއް؟

މެއި އަށެއް ގެ ނިޔަލަށް ޖުމްލަ ހައެއް ކޮންފާމް ކޭސް، ނުވައެއް ސަސްޕެކްޓެޑް ކޭހެވެ. ތިން މީހުން މަރުވެފައިވާ ނަމަވެސް، ހަންޓަ ވައިރަހުން ކަމަށް ކަށަވަރުވީ އެއް މަރެވެ. ބާކީ ދެ މަރު އެ ދަނީ ތަހުގީގު ކުރަމުންނެވެ.

ބޯޓު މިހާރު އޮތީ ކޭޕް ވާޑެ އާއި ކެނެރީ އައިލެންޑްސް ދެމެދުގައެވެ. ސްޕެއިން ގެ ޓެނެރީފެ ގެ ގްރެނެޑީޔާ ކާގޯ ބަނދަރަށް މެއި ނުވައެއް ނުވަތަ 10 ގައި ފޯރާނެ ކަމަށް ބެލެވެއެވެ. ބޯޓު ބަނދަރެއް ނުކުރާނެއެވެ - ބޭރުގައި ބާއްވައިގެން ކުދި ބޯޓުތަކުން ފަސެންޖަރުން ބާލައި، ޢާންމުންނާ ކޮންޓެކްޓް ނުވެ، ސީދާ އެއާޕޯޓަށް ގެންގޮސް، އެ މީހެއްގެ ޤައުމަކަށް ފޮނުވާނެއެވެ.

ކެނެރީ އައިލެންޑްސް ގެ ރައީސް ފެރްނާންޑޯ ކްލާވީހޯ ބޯޓު ބަލައިގަތުމާ ދެކޮޅު ހެދި ނަމަވެސް، ސްޕެއިން ގެ ހެލްތު މިނިސްޓަރ މޮނިކާ ގާސީއާ ބުނީ "ބައިނަލްއަޤުވާމީ ޤާނޫނާއި އިންސާނީ ހަމަތަކާ އެއްގޮތަށް" ބޯޓު ބަލައިގަންނާނެ ކަމަށެވެ. އެމެރިކާގެ ސީޑީސީ އިން މި އައުޓްބްރޭކް "ލެވެލް 3" (އެންމެ ދަށް ލެވެލް) އެމާޖެންސީ ގޮތުގައި ކެޓެގަރައިޒް ކޮށްފައިވެއެވެ. ޓްރަމްޕް ވެސް ބުނީ ހާލަތާ މެދު ބްރީފް ކޮށްފައިވާ ކަމަށާއި "ކޮންޓްރޯލް ވެފައިވާ ކަމަށް އުންމީދު ކުރާ" ކަމަށެވެ.

ޑަބްލިއުއެޗްއޯ ގެ އެލާޓް އެންޑް ރެސްޕޮންސް ޑިރެކްޓަރ ޑރ. އަބްދިރަހްމާން މަހަމޫދް ބުނީ "ހުރިހާ ޤައުމުތަކުން ގުޅިގެން ޞިއްޙީ ފިޔަވަޅުތައް އެޅީމާ މިއީ ލިމިޓެޑް އައުޓްބްރޭކެއް ގޮތުގައި ކޮންޓްރޯލު ކުރެވޭނެ" ކަމަށެވެ. ޓެކްނިކަލް އެޑްވައިޒަރ މާރިއާ ވެން ކާކޯވް ބުނީ "މިއީ ކޮވިޑެއް ނޫން ކަމަށާއި މިއީ އިންފްލުއެންޒާ އެއްވެސް ނޫން ކަމަށެވެ. ފެތުރެނީ މުޅީން ތަފާތު ގޮތަކަށް ކަމަށެވެ. ނަމަވެސް ވައިރަހުގެ އިންކިއުބޭޝަން ހަ ހަފުތާ އާ ހަމައަށް ދެމިގެން ހިނގައިދާނެތީ، އިތުރު ކޭސް ފެނުން އެކަށީގެންވާ ކަމަށް ޑަބްލިއުއެޗްއޯ އިން އިންޒާރު ދީފައިވެއެވެ.

ހަންޓަ ވައިރަހަކީ ކޮބާ؟

ހަންޓަ ވައިރަހަކީ މީދާ ފަދަ ޖަނަވާރުންގެ ނަޖިހާއި ކުޑަކަމުދާ ތަކެތީގެ ޒަރީޢާ އިން އިންސާނުންނަށް ފެތުރޭ ވައިރަހެކެވެ. ވައިގެ ތެރެއިން ފެތުރޭ ބައްޔެއް ނޫނެވެ. ބަލި ޖެހިއްޖެ ނަމަ ފުއްޕާމެޔަށް ފެން އެއްވެ، ނޭވާ ލާން ދަތިވާ "ހަންޓަ ވައިރަސް ޕަލްމޮނަރީ ސިންޑްރޯމް" ޖެހެއެވެ. އެމެރިކާގެ ސީޑީސީ ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 1993 އިން 2023 އަށް 890 ކޭސް ރެކޯޑް ކޮށްފައިވާ އިރު، 35 އިންސައްތަ ކޭސް ނިމުނީ މަރުންނެވެ. ކުރިން ވެސް އާޖެންޓީނާ ގައި "ސުޕަރ ސްޕްރެޑާ" ހާދިސާ އެއް ހިނގާފައިވެއެވެ - އެންމެ މީހެއްގެ ފަރާތުން 34 މީހުންނަށް ޖެހުނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް