N/A
ހަންޓަ ވައިރަސް ފެތުރިގެން ތިން މީހުން މަރުވި ކްރޫޒް ޝިޕް އެމްވީ ހޮންޑިއުސް އިން، ބަލީގެ ޙަޤީޤަތް ނޭނގި ގާތްގަނޑަކަށް 40 ފަސެންޖަރުން ބޯޓުން ފައިބައިގެން ދުނިޔޭގެ އެކި ޤައުމުތަކަށް ގޮސްފައިވާ ކަމަށް ނެދަލެންޑްސް ސަރުކާރުން ބުނެފިއެވެ.
ބޯޓުގައި ފުރަތަމަ ބަލިވެ މަރުވީ 70 އަހަރުގެ ނެދަލެންޑްސް ފިރިހެނެކެވެ. އޭނާ އެޕްރީލް 11 ގައި ބޯޓުމަތީގައި މަރުވީ "ނޭވާލާ ނިޒާމުގެ ބައްޔެއް" ކަމަށް ބެލެވިގެންނެވެ. ނަމަވެސް ހަންޓަ ވައިރަސް ކަން ލެބޯޓަރީ ޓެސްޓުން ކޮންފާމްވީ މެއި ތިނެއްގައެވެ. ފުރަތަމަ މީހާ މަރުވިތާ 21 ދުވަސް ފަހުންނެވެ. އެ ދެމެދުގައި ބޯޓު ސެއިންޓް ހެލީނާ ގައި ބަނދަރުކޮށް، 40 ފަސެންޖަރުން ކޮންޓެކްޓް ޓްރޭސިނެއް ނެތި، ޗެކެއް ނެތި ފައިބައިގެން ދިޔައީއެވެ. ފޭބި މީހުންގެ ތެރޭގައި 11 ޤައުމެއްގެ ރައްޔިތުން ހިމެނޭ އިރު، ދެ މީހެއްގެ ޤައުމު ވެސް ނޭނގެއެވެ.
އޭގެ ނަތީޖާ މިހާރު ފެންނަން ފަށައިފިއެވެ. ސެއިންޓް ހެލީނާ އިން ފައިބައިގެން ދިޔަ ސްވިޒަލެންޑް ފިރިހެނެއްގެ ކިބައިން ޒޫރިކް ޔުނިވާސިޓީ ހޮސްޕިޓަލުގައި ހަންޓަ ވައިރަސް ޕޮޒިޓިވް ވެއްޖެއެވެ. ސިންގަޕޫރުގެ ދެ ރެޒިޑެންޓުން ނެޝަނަލް ސެންޓާ ފޯ އިންފެކްޝަސް ޑިޒީޒަސް ގައި އެކަހެރިކޮށް ޓެސްޓް ކުރަމުންދެއެވެ. އެމެރިކާގެ ވާޖީނިއާ، ޖޯޖިއާ، ކެލިފޯނިއާ އަދި އެރިޒޯނާ — ހަތަރު ސްޓޭޓެއްގައި ފަސެންޖަރުން މޮނިޓާ ކުރަމުންދެއެވެ. މިހާތަނަށް އެއިން އެއްވެސް މީހެއްގެ ކިބައިން ބަލީގެ އަލާމާތެއް ފެނިފައި ނުވާ ކަމަށް ކަމާ ބެހޭ އިދާރާތަކުން ބުނެއެވެ.
ބޯޓުން ފޭބި މީހުންގެ އިތުރުން، ފްލައިޓް މެދުވެރިކޮށް ވެސް ވައިރަސް ފެތުރިފައިވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. ނެދަލެންޑްސް ދެމަފިރިންގެ ތެރެއިން 69 އަހަރުގެ އަނބިމީހާ ބޯޓުން ފައިބައިގެން ދެކުނު އެފްރިކާ މަގުން ނެދަލެންޑްސް އަށް ދާން އެޕްރީލް 25 ގައި ޖޮހެނެސްބާގުގެ އެއާޕޯޓުގައި ކޭއެލްއެމް ފްލައިޓަށް އެރިއެވެ. ނަމަވެސް ހާލު ދެރަވެ ބޯޓުން ބޭލީއެވެ. ޖެހިގެން އައި ދުވަހު ހޮސްޕިޓަލުގައި މަރުވީއެވެ. އެ ކުޑަ ވަގުތުކޮޅުގެ ކޮންޓެކްޓުން، ހާރްލެމް އަށް ނިސްބަތްވާ ކޭއެލްއެމް ފްލައިޓް އެޓެންޑެންޓެއް ބަލިވެ، ލުއި އަލާމާތްތައް ފެނިގެން އެމްސްޓެޑަމް ޔުނިވާސިޓީ މެޑިކަލް ސެންޓަރުގައި އެކަހެރިކޮށް ޓެސްޓް ކުރަމުންދެއެވެ. ޑަބްލިއުއެޗްއޯ އިން ދަނީ އެ ފްލައިޓުގައި ދަތުރުކުރި 80 އަށް ވުރެ ގިނަ ފަސެންޖަރުންގެ ކޮންޓެކްޓް ޓްރޭސިން ހިންގަމުންނެވެ.
ސީކުއެންސިން އިން ކަށަވަރުވެފައި ވަނީ މި އައުޓްބްރޭކް އުފެދުނީ "އެންޑީޒް" ސްޓްރެއިން އިން ކަމަށެވެ. އެންޑީޒް ސްޓްރެއިނަކީ ހަންޓަ ވައިރަހުގެ ވައްތަރުތަކުގެ ތެރެއިން އިންސާނުންގެ ދެމެދުގައި ފެތުރުމުގެ ފުރުޞަތު ހުރި ހަމައެކަނި ވައްތަރެވެ. ނެދަލެންޑްސް ދެމަފިރިން 2025 ވަނަ އަހަރުގެ ނޮވެންބަރުން ފެށިގެން 2026 ވަނަ އަހަރުގެ އެޕްރީލާ ހަމައަށް ޗިލީ، އުރުގުއޭ އަދި އާޖެންޓީނާ ގައި ހަތަރު މަހުގެ ރޯޑް ޓްރިޕެއް ކުރި ކަމަށް އާޖެންޓީނާގެ ހެލްތު މިނިސްޓްރީ ގެ ރިޕޯޓުން ދައްކައެވެ. ޑަބްލިއުއެޗްއޯ އިން ބެލެވެނީ ދެމަފިރިންނަށް ވައިރަސް ޖެހުނީ އެ ދަތުރުމަތީގައި، ބޯޓަށް އެރުމުގެ ކުރިން ކަމަށެވެ.
މިހާރު ޖުމްލަ ކޭސް ވަނީ އަށަކަށް އަރާފައެވެ، ފަސް ކޮންފާމް، ތިން ސަސްޕެކްޓެޑް. ބޯޓު ވަނީ ކޭޕް ވާޑެ އިން ފުރައިގެން ސްޕެއިންގެ ޓެނެރީފެ އަށް މިސްރާބު ޖަހާފައެވެ. ނަމަވެސް ކެނެރީ އައިލެންޑްސް ގެ ރައީސް ފެރްނާންޑޯ ކްލާވީހޯ ވަނީ ކޮވިޑް-19 ގެ ތަޖުރިބާ އަށް ފަހު ރައްޔިތުންގެ ސަލާމަތާ މެދު ކަންބޮޑުވެ، ބޯޓު ބަލައިގަތުމާ ދެކޮޅު ހައްދަވާފައެވެ. ނަމަވެސް ސްޕެއިންގެ ހެލްތު މިނިސްޓަރ މޮނިކާ ގާސީއާ ވިދާޅުވީ ޓެނެރީފެ ގައި ބޯޓު ބަނދަރު ކުރުވާނެ ކަމަށާއި ތިން ދުވަހުގެ ތެރޭގައި ބޯޓު ފޯރާނެ ކަމަށެވެ. ބޯޓުގައި ތިބި 14 ސްޕެއިން ރައްޔިތުން ޓެނެރީފެ އަށް ބާލައި، ފަހުން މެޑްރިޑް ގެ ޚާއްޞަ އެކަހެރި ފެސިލިޓީއެއްގައި 45 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރާނެ ކަމަށް ސްޕެއިން ސަރުކާރުން ބުންޏެވެ.
ޑަބްލިއުއެޗްއޯގެ ޓެކްނިކަލް އެޑްވައިޒަރ ވެން ކާކޯވް ބުނީ މިއީ ކޮވިޑެއް ނޫން ކަމަށާއި މިއީ އިންފްލުއެންޒާ އެއްވެސް ނޫން ކަމަށެވެ. ފެތުރެނީ މުޅީން ތަފާތު ގޮތަކަށް ކަމަށެވެ. ވައިރަސް ފެތުރެނީ ގާތް، ސީދާ ކޮންޓެކްޓުން ކަމަށާއި ޢާންމުންނަށް ނުރައްކާ ކުޑަ ކަމަށެވެ. ނަމަވެސް ވައިރަހުގެ އިންކިއުބޭޝަން 45 ދުވަހާ ހަމައަށް ދެމިގެން ހިނގައިދާނެތީ، އިތުރު ކޭސް ފެނުން އެކަށީގެންވާ ކަމަށް ޑަބްލިއުއެޗްއޯ އިން އިންޒާރު ދީފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް