ލުބުނާނުގެ ސުލްހައާއި ސަލާމަތަށް އިންޑިއާ އިންވެސްޓްކޮށްފައިވާ ކަމަށް އެ ޤައުމުން ބުނެފި

އިސްތިއުމާރީ އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތައް ކުރިއަށް ގެންދާ ދަނޑިވަޅެއްގައި، ޢާންމުންގެ ރައްކާތެރިކަމަކީ އެންމެ އިސް އަހައްމިއްޔަތު ދޭ ކަން ކަމަށް ބުނެ އިންޑިއާއިން ކަންބޮޑުވުން ފާޅުކޮށްފ...

11 Apr 2026 | 07:54
އިންޑިއާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް

އިންޑިއާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް

އިސްތިއުމާރީ އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތައް ކުރިއަށް ގެންދާ ދަނޑިވަޅެއްގައި، ޢާންމުންގެ ރައްކާތެރިކަމަކީ އެންމެ އިސް އަހައްމިއްޔަތު ދޭ ކަން ކަމަށް ބުނެ އިންޑިއާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ނިއު ދެއްލީގައި ބޭއްވި ބައިނަލްއަޤުވާމީ ބްރީފިންގެއްގައި ވާހަކަދައްކަވަމުން އިންޑިއާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވިދާޅުވީ، ދެ ހަފުތާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް ލުބުނާނުގައި ގިނަ ޢަދަދެއްގެ ޢާންމުން މަރުވަމުންދާތީ އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. "ޔުނައިޓެޑް ނޭޝަންސް އިންޓެރިމް ފޯސް އިން ލެބަނަން (ޔުނިފިލް) އަށް ސިފައިން ފޮނުވާ ޤައުމެއްގެ ހައިސިއްޔަތުން ލުބުނާނުގެ ސުލްހައާއި ސަލާމަތަށް އިންވެސްޓްކޮށްފައިވާ ޤައުމެއް. ކަންކަން ދާ މިސްރާބާ މެދު ވަރަށް ކަންބޮޑުވޭ" ކަމަށް ޖައިސްވާލް ވިދާޅުވިއެވެ.

ލުބުނާނުގައި ގާތްގަނޑަކަށް 1000 އިންޑިއާ ރައްޔިތުން ދިރިއުޅެމުންދާ ކަމަށާއި، އެ ޤައުމުގައި ހުންނަ އެމްބަސީން އެ މީހުންގެ ސަލާމަތާ ގުޅޭ ގޮތުން ގާތުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމެރިކާއާއި އީރާނާ ދެމެދު ޤާއިމުކޮށްފައިވާ ނާޒުކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ދެމި އޮތް ނަމަވެސް، ލުބުނާނުގައި ހިންގާ އަސްކަރީ ޙަރަކާތްތައް އެ އެއްބަސްވުމުގެ ދަށުން ހުއްޓާލަންޖެހޭ ކަމާ މެދު ޚިޔާލު ތަފާތުވުން ބޮޑެވެ.

ތެހެރާނުން ބުނަނީ ލުބުނާނުގެ އޮޕަރޭޝަންތައް ވެސް ހުއްޓާލުމުގެ ތެރޭގައި ހިމެނޭ ކަމަށެވެ. ނަމަވެސް ވޮޝިންގޓަނާއި އިސްރާއީލުން ބުނަނީ ޙިޒްބުﷲ އާ ދެކޮޅު ހަމަލާތައް ހުއްޓާލުމުގެ ތެރޭގައި ނުހިމެނޭ ކަމަށެވެ. މި ހަފުތާގެ ކުރީކޮޅު އިސްރާއީލުން ދިން ވަރުގަދަ ހަމަލާތަކެއްގައި މަދުވެގެން 300 މީހުން މަރުވި ކަމަށް ލުބުނާނުގެ ކަމާބެހޭ ފަރާތްތަކާ ހަވާލާދީ ސީއެންއެން އިން ރިޕޯޓުކޮށްފައިވެއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ "ލުބުނާނުގައި ހަނގުރާމަ ހުއްޓާލުމެއް ނެތް. ޙިޒްބުﷲ އަށް ފުރިހަމަ ބާރާއެކު ހަމަލާ ދެމުން ގެންދާނެ" ކަމަށެވެ.

މީގެ އިތުރުން ނަތަންޔާހޫ ބުނީ ޙިޒްބުﷲ ހަތިޔާރު ބެހެއްޓުވުމަށާއި ތާރީޚީ ސުލްހައިގެ އެއްބަސްވުމެއް ހޯދުމަށް ލުބުނާނު ސަރުކާރާ ސީދާ މަޝްވަރާތައް ފެށުމަށް ކެބިނެޓަށް އެންގި ކަމަށެވެ. ސީއެންއެން އިން ރިޕޯޓުކުރާ ގޮތުގައި ލުބުނާނުގެ ބޮޑުވަޒީރު ނަވާފް ސަލާމް ކުރިއަށް އޮތް ދުވަސްތަކުގައި ވޮޝިންގޓަނަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް