N/A
ފެބްރުއަރީ 28 ގައި އެމެރިކާއާއި އިޒްރޭލު ގުޅިގެން އީރާނަށް ވައިގެ ހަމަލާތައް ފެށި ފަހުން ހަ ހަފުތާ ފާއިތުވެ، އެތައް ހާސް ބައެއްގެ ފުރާނަ ގެއްލި، ދުނިޔޭގެ ތެލުގެ ބާޒާރު ހުއްޓުމަކަށް އައިސް، މުޅި މެދުއިރުމަތީގެ ހާލަތު ނުރައްކާ ފައްތަރަކަށް ވެއްޓިފައި ވަނިކޮށް، ދެ ފަރާތުގެ އިސް ވެރީން ވެސް މިހާރު ތިބީ ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައެވެ. މިއަދުގެ ހެނދުނުގެ ވަގުތެއްގައި ސެރީނާ ހޮޓެލުގައި ފެށުމަށް ތާވަލުކޮށްފައިވާ މި މަޝްވަރާތަކަކީ ހަނގުރާމަ ނިންމައި ސުލްޙައެއް ގެނެވިދާނެ ފުރުޞަތެއް ކަމަށް ދެ ފަރާތުން ވެސް ސިފަކުރެއެވެ. ނަމަވެސް ސީރިއަސް ހުރަސްތަކެއް އެބަހުއްޓެވެ.
މޭޒު ދޮށުގައި ތިބީ ކޮން ބައެއް؟
އެމެރިކާގެ ވަފުދު ލީޑުކުރަނީ ނައިބު ރައީސް ޖޭޑީ ވޭންސެވެ. އޭނާގެ އިތުރުން ޓްރަމްޕްގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފް އަދި ޓްރަމްޕްގެ ދަނބިދަރި ޖެރެޑް ކުޝްނާ ވެސް ވަފުދުގައި ހިމެނެއެވެ. އީރާނުގެ ވަފުދު ލީޑުކުރަނީ ޕާލަމެންޓުގެ ރައީސް މުޙައްމަދު ބާޤިރް ޣާލީބާފެވެ. ޚާރިޖީ ވަޒީރު ޢައްބާސް ޢަރަޤްޗީއާއި ސުޕްރީމް ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ ޢަލީ އަކްބަރް އަޙްމަދިޔާނާއި ސެންޓްރަލް ބޭންކުގެ ގަވަރުނަރު ޢަބްދުއްނާޞިރް ހެމައްތީ ވެސް ހިމެނެއެވެ.
ވޭންސް ހިމެނުމަކީ ފާހަގަކޮށްލެވޭ ކަމެކެވެ. އީރާނުގެ ބައެއް އޮފިޝަލުން ވިޓްކޮފް އަދި ކުޝްނާއާ މެދު ހިތްހަމަނުޖެހެއެވެ — ފެބްރުއަރީގައި ޢޫމާނާއި ޖެނީވާގައި އެ ދެ ބޭފުޅުންނާ އެކު މަޝްވަރާ ކުރަމުން ދަނިކޮށް ހަމަލާތައް ދިންކަން އީރާނުން ފާހަގަކުރެއެވެ. ވޭންސް އަކީ މެދުއިރުމައްޗަށް އެމެރިކާ ސިފައިން ފޮނުވުމާ ދެކޮޅު ވިސްނުމެއް ގެންގުޅޭ ފަރާތެއް ކަމަށް ބެލެވޭތީ، ވޭންސަކީ އީރާނުން ބޮޑަށް ބަލައިގަންނަ މޫނެކެވެ.
ފެށުމުގެ ކުރިން ވެސް ޝަރުތު — ކޮޅެއްގައި ޖެހިދާނެތަ؟
މަޝްވަރާ ފެށުމުގެ ކުރިން ވެސް ޣާލީބާފް ދެ ޝަރުތެއް ކަނޑައަޅައިފައިވެއެވެ. ފުރަތަމަ ޝަރުތަކީ ލުބުނާނުގައި އިޒްރޭލުގެ ހަމަލާތައް ހުއްޓާލުމެވެ. ދެ ވަނަ ޝަރުތަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިފެހެއްޓިފައިވާ އީރާނުގެ މާލީ ވަސީލަތްތައް ދޫކުރުމެވެ. މި ދެ ކަންތައް ފުރިހަމަ ނުވާހާ ހިނދަކު މަޝްވަރާ ނުފެށޭނެ ކަމަށް ޣާލީބާފް ވަނީ ބުނެފައެވެ.
މީގެ ޖަވާބު ބޮޑަށް ގުޅިފައި ވަނީ ލުބުނާނުގެ ހާލަތާއެވެ.
ލުބުނާނު — ހަނގުރާމަ ހުއްޓާލުމުގެ "ޓެސްޓު"؟
ހަނގުރާމަ ހުއްޓާލުން އިޢުލާންކުރި ދުވަހު — އެޕްރީލް އަށެއްގައި — އިޒްރޭލުން ލުބުނާނުގެ އެކި ކަންކޮޅުތަކަށް ބޮޑެތި ވައިގެ ހަމަލާތަކެއް ދީ 303 މީހުން މަރައިލައި 1,150 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލިއެވެ. މީގެ ތެރޭގައި 30 ކުޑަކުދީން ހިމެނެއެވެ. "ފައިނޭންޝަލް ޓައިމްސް"ން ސިފަކުރި ގޮތުގައި، އެއީ ލުބުނާނުގެ ތާރީޚުގައި "އެންމެ ފަނާކުރަނިވި ބޮމުގެ ހަމަލާތަކުގެ ތެރެއިން ހަމަލާއެކެ"ވެ. ހުކުރު ދުވަހު ނަބާތިއްޔާގައި ސަރުކާރުގެ ސެކިއުރިޓީ އޮފީހަކަށް ދިން ހަމަލާގައި 13 ސެކިއުރިޓީ އޮފިސަރުން ވެސް މަރުވިއެވެ.
ލުބުނާނާ ގުޅޭ ގޮތުން ދެ ފަރާތް ތިބީ ދެ ކޮޅުގައެވެ. ޕާކިސްތާނާއި އީރާނު ބުނާ ގޮތުގައި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ލުބުނާން ހިމެނެއެވެ. ނަމަވެސް އެމެރިކާއާއި އިޒްރޭލު ބުނަނީ ލުބުނާން ނުހިމެނޭ ކަމަށެވެ. ނަތަންޔާހޫ ސީދާ ބުނީ ލުބުނާނުގައި "ހަނގުރާމަ ހުއްޓާލުމެއް ނެތް" ކަމަށެވެ. އޭނާ ބުނީ ޙިޒްބުالله ހަތިޔާރު ބެހެއްޓުމާ ބެހޭ ސީދާ މަޝްވަރާތައް ލުބުނާނާ އެކު ފަށަން ކެބިނެޓަށް އިރުޝާދު ދީފައިވާ ކަމަށެވެ — ބޮންއެޅުން ހުއްޓައިނުލައެވެ. ޙިޒްބުالله ވެސް ބުނީ "ބޮމުގެ ހަމަލާ ހުއްޓައިނުލާހާ ހިނދަކު" މަޝްވަރާ ނުކުރެވޭނެ ކަމަށެވެ.
މިއީ އީރާނާއި އެމެރިކާގެ މަޝްވަރާތައް ފެށުމުގެ ކުރިން ވެސް ފެންނަ އެންމެ ބޮޑު ގޮންޖެހުމެވެ. އީރާނުގެ ރައީސް މަސްޢޫދް ޕެޒެޝްކިޔާން ބުނީ ލުބުނާނަށް ހަމަލާ ދެމުންދާ ނަމަ މަޝްވަރާތައް "ބޭކާރު" ވާނެ ކަމަށެވެ.
އީރާނުގެ 10 ނުކުތާ — ހުށަހެޅީ ކޮން ކަންތައްތަކެއް؟
އީރާނުން ހުށަހެޅި 10 ނުކުތާގެ ޕްލޭންގައި ހިމެނެނީ: ހޮރުމޫޒް ކަނޑުއޮޅި މައްޗަށް އީރާނުގެ ބާރު ދެމެހެއްޓުމާއި، ޔޫރެނިއަމް ފައްކާކުރުމުގެ ޙައްޤު ލިބުމާއި، އެމެރިކާ ސިފައިން މެދުއިރުމަތީ އަސްކަރީ މަރުކަޒުތަކުން ފޭބުމާއި، ހުރިހާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލުމާއި، ހަނގުރާމައިގެ ބަދަލު ދިނުމާއި، ހިފެހެއްޓިފައިވާ މާލީ ވަސީލަތްތައް ދޫކުރުމާއި، އދ. ސެކިއުރިޓީ ކައުންސިލާއި އައިއޭއީއޭގެ ޤަރާރުތައް ބާޠިލުކުރުމެވެ.
އެމެރިކާގެ 15 ނުކުތާގެ ހުށަހެޅުން މުޅީން ތަފާތެވެ. ޓްރަމްޕް ސީދާ ބުނީ "ޔޫރެނިއަމް ފައްކާކުރުމެއް ނޯންނާނެ" ކަމަށެވެ. ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ބުނީ "އީރާނަށް ދުވަހަކު ވެސް ނިއުކްލިއާ ހަތިޔާރު ލިބިގެން ނުވާނެ" ކަމަށެވެ. ޔޫރެނިއަމް ފައްކާކުރުމުގެ މައްސަލައަކީ ފެބްރުއަރީ މަހު ވެސް މަޝްވަރާތައް ރޫޅައިލި ނުކުތާއެވެ.
ހޮރުމޫޒް ކަނޑުއޮޅި — ދުނިޔޭގެ ނޭވާހޮޅި
ހަނގުރާމަ ހުއްޓާލުމުގެ ޝަރުތެއް ގޮތުގައި ހޮރުމޫޒް ކަނޑުއޮޅި ހުޅުވައިލުން ހިމެނެއެވެ. ނަމަވެސް ހުއްޓާލުމުގެ ފަހުން ވެސް ކަނޑުއޮޅިން ދަތުރުކުރީ މަދު އުޅަނދެކެވެ. ޝިޕިން ކުންފުނިތަކުން ބުނަނީ ހަނގުރާމަ ހުއްޓާލުން "ނާޒުކު" ކަމުގެ ނުރައްކާ ބޮޑުކަމުން ދަތުރުކުރަން ނުރައްކާ ކަމަށެވެ. އީރާނުން ކަނޑުއޮޅިން ދަތުރުކުރާ ޓޭންކަރުތަކުން ފީ ނަގާ ކަމުގެ ރިޕޯޓުތައް ވެސް ފެންމަތިވެ، ޓްރަމްޕް ވަނީ "ފީ ނަގާ ނަމަ ހުއްޓަން" ބުނެ އިންޒާރު ދީފައެވެ. މި ހުރިހާ ކަމެއްގެ ނަތީޖާއެއްގެ ގޮތުން، ތެލުގެ އަގު އަނެއްކާ ވެސް މައްޗަށް ގޮސް، އެމެރިކާގެ މާޗް މަހުގެ އިންފްލޭޝަން 3.3 އިންސައްތައަށް ވަނީ އުފުލިފައެވެ.
ޕާކިސްތާނުން ވަރަށް ޕޮޒިޓިވް
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ޤައުމާ މުޚާޠަބުކޮށް ވިދާޅުވީ "މިއީ ގޮތް ނިންމާ ވަގުތު" ކަމަށެވެ. ޕާކިސްތާނުގެ އިސް ޑިޕްލޮމެޓުންނާއި ތަޖުރިބާކާރުން ޤަބޫލުކުރާ ގޮތުގައި، ހޮނިހިރު ދުވަހު ބޮޑު ކާމިޔާބީއެއް ލިބުމުގެ ފުރުޞަތު ކުޑައެވެ. ނަމަވެސް ޕާކިސްތާނުގެ ލަނޑުދަނޑިއަކީ ދެ ފަރާތް މަޝްވަރާ ކުރިއަށް ގެންދަން އެއްބަސްވުމެވެ — ފެށުމެއް ގެނައުމެވެ.
ޕާކިސްތާނަކީ ވެސް މި ހަނގުރާމައިގެ ސީދާ އަސަރު ކުރި ޤައުމެކެވެ. ތެލާއި ގޭހުގެ ބޮޑު ބައެއް މެދުއިރުމަތީން އެތެރެކުރާ ޤައުމެއް ކަމުން ހޮރުމޫޒް ބަންދުވުމުގެ ގެއްލުން ސީދާ އިޙުސާސްކުރެއެވެ.
ކޮޅެއްގައި ޖެހިދާނެތަ؟
ކުރިމަތީގައި ހުރި ހުރަސްތައް ގިނައެވެ. ނިއުކްލިއާ މައްސަލައިގައި ދެ ފަރާތުގެ ސްޓޭންޑް ދިމާ އިދިކޮޅެވެ. ލުބުނާނުގައި ހަނގުރާމަ ނުހުއްޓި، ހަނގުރާމަ ހުއްޓާލުމުގެ ޤަބޫލުކުރެވޭ ހަމައެއް ނެތެވެ. ހޮރުމޫޒް ހުޅުވައިލުމުގައި ޢަމަލީ ފިޔަވަޅެއް ނޭޅެއެވެ. ޓްރަމްޕް އެއްފަރާތުން "އެއްބަސް ވެއްޖެ" ކަމަށް ދައުވާ ކުރާ އިރު، ޣާލީބާފް ބުނަނީ "އެއްބަސްވީ ކަންތައް ވެސް ނުކޮށްދޭ" ކަމަށެވެ. ދެ ފަރާތުގެ ޢާންމު ބަސްމޮށުމުގައި މި ފެންނަ ބާރުގެ ކުޅިގަނޑު ދައްކައިދެނީ، ކޮޅެއްގައި ޖެހުން ފަސޭހަ ނުވާނެ ކަމެވެ.
ނަމަވެސް ފުރުޞަތެއް ވެސް އެބައޮތެވެ. ދެ ފަރާތް ވެސް ހަނގުރާމައިގެ އިންތިހާ ގެއްލުން ތަޖުރިބާކޮށްފިއެވެ. މި ފަހަރުގެ މަޝްވަރާ ސީދާ ބައްދަލުވުމަކާ ހަމައަށް ދާނެ ކަމަށް ބެލެވޭ ކަމީ ކުރީގެ ބުރުތަކާ ތަފާތު ކަމެކެވެ. ޕާކިސްތާނުގެ ލަނޑުދަނޑި ފުޅާ ޑީލެއް ނޫނެވެ — މަޝްވަރާ ކުރިއަށް ގެންދަން ދެ ފަރާތް ރުހުމެވެ. މި ހަމައިގާ އެކަށީގެންވާ ނަތީޖާއެއް ނުކުތުމުގެ ފުރުޞަތު ބޮޑެވެ. ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު ހަމަވާ އެޕްރީލް 22 ދުވަހާ ހަމައަށް ވެސް ވަގުތު އެބަ އޮތެވެ.
ނަމަވެސް އެ މުއްދަތުގައި ވެސް ލުބުނާނުގެ ހާލަތު ގޯސްވެ، ނުވަތަ ހޮރުމޫޒް ކަނޑުއޮޅީގެ ދެބަސްވުން ހޫނުވެއްޖެ ނަމަ، މުޅި ސުލްޙައިގެ މޭޒު ފެއިލްވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް