ކޮވިޑް-19ގެ ފަރުވާއަށް ބޭނުންކުރެވޭނެކަމަށް ސިއްހީ މާހިރުން ވިދާޅުވާ ބޭހެއްކަމަށްވާ ހައިޑްރޮކްސީކްލޮރޯކްއީން ރާއްޖެއަށް އެކްސްޕޯޓްކުރުމުގެ ހުއްދަ އިންޑިއާއިން ދިނުމުން، އެކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ޝުކުރު އަދާކުރައްވައިފިއެވެ.
އިންޑިއާއިން ބޭރުކުރުން މަނާކޮށްފައިވާ މި ބޭސް ބޭރުކުރުމަށް ހުއްދަ ދީފައިވަނީ ރާއްޖެ ހިމެނޭ ގޮތަށް ދުނިޔޭގެ 13 ޤައުމަކަށެވެ. ރާއްޖެއަށް ބޭސް ބޭރުކުރުމުގެ ހުއްދަ ދީފައިވާއިރު، އިންޑިއާއިން ވަނީ އެޤައުމުން ބޭރުކުރުން ކޮންޓްރޯލް ކޮށްފައިވާ އެހެން ބައެއް ބާވަތްތަކުގެ ބޭސްވެސް ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ ދީފައެވެ. އަދި ރާއްޖެއަށް ބޭނުންވާ އަސާސީ ބޭހުގެ 3 މަސްދުވަހުގެ ޝިޕްމަންޓެއް ހިލޭ ދީފައިވާއިރު، ކޮވިޑް-19 އާއި ގުޅިގެން އެސް.ޓީ.އޯ އިން އޯޑަރުކުރި ބޭސްތަކުގެ ޝިޕްމަންޓް ރާއްޖެއަށް ނުގެނެވި ތާށިވުމުން، އެތަކެތި ރާއްޖެއަށް ހިލޭ ގެނެސްދީފައިވެއެވެ. އިންޑިއާއިން މި ބޭސްތައް ރާއްޖެއަށް ގެނެސްފައިވަނީ އެޤައުމުގެ 5 ސިޓީއެއްގައި ހުއްޓައި، އެޤައުމުގެ އެއަރފޯސް މަތިންދާބޯޓެއްގައެވެ.
ކޮވިޑް-19 އާއި ގުޅިގެން ދިމާވެފައިވާ ޙާލަތުގައި އިންޑިއާގައި އުފައްދާ ކާޑުގެ ބައެއް ބާވަތްތަކާ އެހެނިހެން ބައެއް އަސާސީ މުދާ އެޤައުމުން ބޭރުކުރުން މަނާކޮށްފައިވީނަމަވެސް، ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ ހުއްޓުމެއް ނެތި ލިބޭނެކަމުގެ ޔަޤީންކަން އިންޑިއާ ސަރުކާރުން ވަނީ ދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް