ފުލުހުން ފެށި ކުޑަކަމަކުން މުޖްތަމައަށް ބޮޑު ހެޔޮ ބަދަލެއް

މި އަހަރު މިހާތަނަށް ހިނގި އެންމެ ހިތާމަވެރި އެއް ހާދިސާއަކީ މާރިޗް މަހުގެ ކުރީކޮޅު ސެނަހިޔާ ކައިރި، ކަފިހި ހުރަހުން މަގު ހުރަސްކުރަނިކޮށް ޓެކްސީއަކުން ޖެހި އަންހެނަކަށް ބޮޑެތި އަނިޔާތަކެއް ލިބުނު ހާދ...

11 Apr 2019 | 08:34

މި އަހަރު މިހާތަނަށް ހިނގި އެންމެ ހިތާމަވެރި އެއް ހާދިސާއަކީ މާރިޗް މަހުގެ ކުރީކޮޅު ސެނަހިޔާ ކައިރި، ކަފިހި ހުރަހުން މަގު ހުރަސްކުރަނިކޮށް ޓެކްސީއަކުން ޖެހި އަންހެނަކަށް ބޮޑެތި އަނިޔާތަކެއް ލިބުނު ހާދިސާއެވެ.

އެ އަންހެން މީހާ ހޭ އެރީ މަހެއްހާ ދުވަސް ފަހުންނެވެ.

މި ހާދިސާއާއެކު ޓެކްސީ ޑްރައިވަރުންނާއި ސައިކަލު އަދި އެހެނިހެން ވެހިކަލް ދުއްވާ މީހުންވެސް ކަފި ހުރަހަށް މަޑުކޮށްލުން ކޮންމެވެސް ވަރަކަށް ކުރަން ފެށިއެވެ. ނަމަވެސް ދިވެހި މުޖްތަމައުގައި ގިނަ ފަހަރަށް އެފަދަ ކަމެއް ވާނީ މަދު ދުވަސްކޮޅެއްގެ ކަމަކަށެވެ.

އެހެން ނަމަވެސް މިފަހުން ފުލުހުން ވަނީ ކަފި ހުރަސްކައިރީގައި ފޯރިމަރަން ފަށާފައެވެ. ހާއްސަ ގޮތެއްގައި ރޭގަނޑު ވަގުތު މަޖީދީ މަގުގެ ބައެއް ހިސާބުތަކުން އަދި ބައެއް ފަހަރު އެހެން މަގުމަގުންވެސް މި މަންޒަރު ފެންނަން ފެށިއެވެ.

ފުލުހުން މިކަން ފެށުމާއެކު މިހާރު މުޖްތަމައުގައި ރަނގަޅު ބަދަލެއް އަންނަކަން ފާހަގަކުރެވެއެވެ. ފުލުހުން ނުތިބޭ ވަގުތުތަކުގައިވެސް މަގު ހުރަހާއި ހަމައިން މީހަކު ހުރެއްޖެނަމަ، ބަޔަކު ތިބި ނަމަ ދުއްވާ މީހުން މަޑުކޮށްލާ މަންޒަރު މިހާރު ފެނެއެވެ.

މިފަދަ މާހައުލެއް ބޮޑު ބަދަލަކާއެކު އަންނަން ފަށާފައިމިވަނީ ފުލުހުން ފެށި ކުޑަކަމަކުންނެވެ. ނަމަވެސް މި އާދަ މި ކުޑަ މުޖްތަމައުގައި އަށަގެންފިނަމަ މިއީ އެތައް ބައެއްގެ ފުރާނަ ސަލާމަތްކުރެވޭނެ ހެޔޮ އާދައެކެވެ.

އެހެން ނަމަވެސް އަދިވެސް މިކަމުގައި ފުލުހުންގެ ދައުރު ފުޅާ ކޮށްލުން މުހިންމު ކަމުގައި ފެނެއެވެ. ފުރަ މާލޭގައި އިންތިހާއަށް ވެހިކަލް ގިނަ ވެފައިވާއިރު، އަދި ކުރިއަށް މިއޮތީ ބަރަކާތްތެރި ރަމަޟާން މަސް ކަމުން، ޓްރެފިކް ބާރު ވަރަށް ބޮޑުވާނެއެވެ. މިހާރުއްސުރެ ފުލުހުން މިފަދަ ކަންކަން ވީހާވެސް ގިނަކޮށް މުޖްތަމައުގައި މި އާދަ އަށަގަންނުވައިފިނަމަ ވެގެންދާނީ މުޖްތަމައަށް ގެނެވޭ ބޮޑު ހެޔޮ ބަދަލަކަށެވެ.

މިކަމުގައި މާލޭ ސިޓީ ކައުންސިލަށްވެސް ކުޅެވިދާނެ ރޯލު ބޮޑެވެ. އަދި މިހާރުވެސް މާލޭ ސިޓީ ކައުންސިލުން ކަންތައްތަކެއް ކުރަމުން އަންނަކަން ފާހަގަ ކުރެވެއެވެ.

މާލޭ ސިޓީ ކައުންސިލަށް ކުރެވިދާނެ ކަމަކީ ކަފި ހުރަސްތަކުގެ ކުލަ ފަނޑުވެ ނުވަތަ ފޮހެވިފައިވާ ސަރަހައްދުތަކުގައި ވީ އެންމެ އަވަހަށް ކުލަ އާ ކުރުމެވެ. އަދި ކަފި ހުރަސް ބޯޑުވެސް ޖެހުމެވެ. ބޯޑު ވީހާވެސް ހާމަކަންބޮޑު ގޮތެއްގައި ފެންނާނެ ފަދަ ގޮތަކަށް ޖެހުމެވެ.

ފަރުދުންގެ ޒިންމާއެއްވެސް އެބަ އޮތެވެ. ޖެހުނު ދިމާލަކުން މަގު ހުރަސް ނުކުރުމެވެ. މަގު ހުރަސް ކުރުމުގައި ދެ ކޮޅު ބެލުމަށްފަހު ކަފި ހުރަސް ބޭނުން ކުރުމެވެ.

މުޖްތަމައަށް ހެޔޮ ބަދަލެއް ގެނެވޭނީ ރައްޔިތުންގެ ހިދުމަތުގައި ތިބޭ ހިދުމަތްތެރީންނާއި އެންމެ ފަރުދުންވެސް ގުޅިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް