މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން ޢާންމުންނަށް ދޫކުރުމަށް ހަމަޖެހިފައިވާ 200,000 ލެޑް ބޮކީގެ ތެރެއިން ފުރަތަމަ ހަވާލުކުރާ 5000 ލެޑް ބޮކި ގޭބިސީތަކަށް ފޯރުކޮށްދިނުމަށް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފިއެވެ.
މި ބޮކިތައް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދާއި ހަވާލުކޮއްދެއްވީ މިއަދު އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ބޮކިތައް ހަވާލު ކޮއްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ޙުސައިން ރަޝީދު ޙަސަނެވެ.
ކަރަންޓުގެ ހިދުމަތް ބޭނުންކުރާ ކޮއްމެ ގޭބިސީއަކަށް ދެ ބޮކި ދޭން ވަނީ ހަމަޖެހިފައިވާއިރު، މި ބޮކިތައް ގޭބިސީތަކަށް ދޫކުރަން ހަމަޖެހިފައިވަނީ ފެނަކަ ކޯޕަރޭޝަނުންނެވެ.
މި ލެޑް ބޮކިތަކަކީ ތިމާވެށްޓާ ރައްޓެހި ކަރަންޓު ޚަރަދުކުޑަ ލެޑް ބޮކިތަކެކެވެ.
200,000 ބޮކިން ދުވާލަކަށް 9600 ޔުނިޓުގެ ކަރަންޓު ސަލާމަތްކުރެވޭ އިރު އެއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 100 ޔުނިޓު ބޭނުންކުރާ 2,400 ގެއަށް ދުވާލަކަށް ބޭނުންވާ ކަރަންޓު ކަމަށްވެސް މިނިސްޓްރީއިން ވަނީ ބުނެފައެވެ.
މި 5000 ބޮތްކަކީ ހަކަތަ ސަމަކާރަ ކުރުމާއި އިއާދަކުރަނިވި ހަކަތައާއި ގުޅޭގޮތުން މިނިސްޓްރީ އޮފް އެންވަޔަރަމަންޓާއި އިންޑިއާގެ އެނަރޖީ އެފިޝަންސީ ސަރވިސަސް ލިމިޓެޑް އާއި ދެމެދު ކުރެވިފައިވާ ފަހުމުނާމާއެއްގެ ދަށުން ދިވެހިރާއްޖެއަށް ހަދިޔާކުރުމަށް ހަމަޖެހިފައިވާ 200,000 ލެޑް ބޮކީގެ ތެރެއިން ލިބިފައިވާ ބޮކިތަކެކެވެ.
މި ބޮކިތައް ކަރަންޓުގެ ޚިދުމަތް ބޭނުންކުރާ ގޭބިސީތަކަށް ދޭ ގޮތަށް ހަމަޖެހިފައިވީނަމަވެސް، ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ހުރިހާ ގޭބިސީތަކަށް ލެޑް ބޮކި ދޫކުރެވޭނެ ކަމަށް ވެސް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް