ޗިކަންގުންޔާއާ މެދު ޑރ. ނިޔާޝާގެ އިލްތިމާސް

މިއީ މިދުވަސްވަރު ޗިކަންގުންޔާ ރާއްޖޭގައި ފެތުރެމުންދާތީ މި ބައްޔާ ބެހޭގޮތުން އާންމުން ހޭލުންތެރި ކުރުމަށް، ކުޑަކުދިންގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރު އަދި އައިޖީއެމްއެޗުގެ ޗައިލްޑް ހެލްތު ޑިޕާޓްމެންޓްގެ...

11 Apr 2019 | 05:28

މިއީ މިދުވަސްވަރު ޗިކަންގުންޔާ ރާއްޖޭގައި ފެތުރެމުންދާތީ މި ބައްޔާ ބެހޭގޮތުން އާންމުން ހޭލުންތެރި ކުރުމަށް، ކުޑަކުދިންގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރު އަދި އައިޖީއެމްއެޗުގެ ޗައިލްޑް ހެލްތު ޑިޕާޓްމެންޓްގެ ހެޑް ޑރ. ނިޔާޝާ އިބްރާހީމް ދުވަހަށް ދެއްވާފައިވާ އިންޓަވިއުއެކެވެ.

ދުވަސް: ޗިކަންގުންޔާ މި ބައްޔަކީ ކޮބާ؟

ޑރ. ނިޔާސާ:

މި ބައްޔަކީ ޑެންގީ ޖައްސާ އީޑީސް މަދިރީގެ ކިބައިން ވާސިލުވާ ވައިރަސްއެއްގެ ސަބަބުން އަރާ ބައްޔެއް، އެ ވައިރަސް އަކީ އެ ބާވަތުގެ މަދިރީގެ ތެރޭގައި ހުންނަ ވައިރަހެއް، ޑެންގީ ހުމާއި ޗިކަންގުންޔާ އަކީ އެއްގޮތަށް އަރާ ދެ ބަލި، ތަފާތަކީ ދެ ބަލީގެ ވައިރަސް ތަފާތުކަން.

ދުވަސް: ޗިކަންގުންޔާ ބަލި ޖެހެނީ ކިހިނެއް؟

ޑރ. ނިޔާޝާ:

މި ބަލި ޖެހެނީ އީޑީސް މަދިރި ހަފައިގެން، ބަލިޖެހެން މެދުވެރިވާ ސަބަބަކީ، މަދިރި ހެފުމުން އޭގެ ވައިރަސް މީހާގެ ހަށިގަނޑުގެ ތެރެއަށް ދިއުމުން.

ދުވަސް: ބަލީގެ އަލާމާތްތަކަކަކީ ކޮބާ؟

ޑރ. ނިޔާޝާ:

އެހެން ވައިރަލް ޑިސީސް ތަކެކޭ އެއްގޮތަށް މި ބަލީގައިވެސް ފުރަތަމަ އަންނާނީ ހުން، ދެ ތިން ދުވަހު ހުން އައުމަށްފަހު ވަރަށް ގަދަޔަށް ގައިގަ ރިއްސާ، ހުޅުހުޅު ދުޅަވެ އަދި މީހާވެސް ދުޅަވާނެ، މީގެ އިތުރުން ގައިގަ ފާޑެއްގެ ރަތް ކުލައިގެ ބިހިތަކެއްވެސް ނަގާފާނެ، އަދި ކަރުގަ ހުންނަ ގޮށްތައް ވެސް ދުޅަވެދާނެ، ޑެންގީ ހުމަށްވުރެ ޗިކަންގުންޔާގައި ތަންތާ ރިއްސާވަރު ބޮޑުވާނެ.

ދުވަސް: ބަލި ޖެހިއްޖެކަމުގެ ޝައްކު ކުރެވޭނަމަ އަމަލު ކުރަންވީ ކިހިނެއް؟

ޑރ. ނިޔާޝާ:

ފުރަތަމަ ކޮޅުގަ ހުމަކީ ޗިކަންގުންޔާ ތޯ ޑެންގީތޯ ބުނަން ވަރަށް އުނދަގޫ ވާނެ، ހުން އަންނަތާ ތިން ދުވަސް ވާއިރު ޑޮކްޓަރަށް ދައްކަން އިލްތިމާސްކުރަން، އޭގެ ކުރިން ޕެރެސެޓްމޯލް ގުޅައެއް ކާލިޔަސް އެންމެ ރަގަޅު، ނަމަވެސް ބޭސް ކާއިރު ކާންވާ ޑޯޒްއަށް ކެއުމަކީ އެދެވިގެންވާ ކަމެއް، ޕެރެސެޓްމޯލް ކާންޖެހޭނީ އެ އުމުރުފުރާއަކަށް ބޭނުންވާ ވަރަކަށް. ގޭގަ ހަމައެކަނި ފުރަތަމަ ދެ ދުވަހު ކުރެވޭނެ ކަމަކީ ދިޔާ އެއްޗެހި ގިނައިން ބޭނުންކުރުމާއި، އަރާމުކުރުމުގެ އިތުރުން ޕެރެސެޓްމޯލް ބޭނުންކުރުން، ނަމަވެސް ހުން އަންނަތާ ތިން ވަނައަށް ވާ ދުވަހު ހުން ހުރެއްޖެނަމަ ޑޮކްޓަރަށް ދައްކަން ދިއުމަކީ އެދެވިގެންވާ ކަމެއް.

ދުވަސް: ދުރާލާ ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކަކީ ކޮބާ؟

ޑރ. ނިޔާޝާ:

ޑެންގީ އަދި ޗިކަންގުންޔާ އިންވެސް ރައްކާތެރިވުމަށް ބޭނުންވަނީ އީޑީސް މަދިރިން ސަލާމަތްވުން، މަދިރިން ސަލާމަތްވުމުން ދެ ބަލިންވެސް ސަލާމަތް ވެވޭނެ، މަދިރިން ރައްކާތެރިވުމަށް އެޅޭނެ ހުރިހާ ފިޔަވަޅެއް އެޅުން ވަރަށް މުހިއްމު، މި މަދިރިއަކީ މާ ދުރަށް އުދުހެވޭ މަދިރިއެއް ނޫންކަމުން މި މަދިރި އުޅޭނީ ގޭތެރޭއާއި ގެ ވަށައިގެން. މިއީ ސާފު ފެނުގައި އުޅޭހިތްވާ މަދިރިއެއް، ސާފު ފެން ގޭތެރޭގަ އާއި، ގެ ވަށައިގެން ހުރެއްޖެނަމަ، އެ ތަންތަން ސާފުކުރުން ވަރަށް މުހިއްމު.

މިސާލަކަށް ގަސް އިންދާފަ ހުންނަ ޕޮޓްތަކާއި، ގެ ކައިރީ ހުންނަ ދަޅުބުރިއާއި، މަގުމައްޗަށް އެއްލާފައި ހުންނަ ޓަޔަރު އެއްޗެހީގައި ފެން ހެދިފައި ހުރިތޯ ބަލައި އެ ތަންތަން އަވަސް އަވަހަށް ސާފުކުރަން ވާނެ، ސާފު ފެން ޖަމާވާ އެއްޗެހި ހުރެއްޖެނަމަ އެތަކެތި ނައްތާލަން ޖެހޭ، މާލޭގައި ނަމަ ކޮންސްޓްރަކްޝަން އޭރިއާސްތަކުގައި ސީޓުތައް މަތީގައި މަދިރި އާލާވޭ، އެތަންތަނަކީ އާންމުންނަށް ވަދެވޭ ތަންތަނަށް ނުވުމުން ވާރޭ ވެހިފަ ފެން ހަރުލާފައި ހުރެއްޖެނަމަ އެކަހަލަ ތަންތަނުގައި ފުދޭވަރަކަށް މަދިރި އާލާވޭ،  އެ ތަންތަކީ ފުދޭވަރަކަށް މަދިރި އެއްވާ ތަންތަން.

ސާފު ފެން ހަރުލާފައި ހުންނަ ތަންތަން އަވަސް އަވަހަށް ސާފުކުރުން އެއީ ބަލިން ރައްކާތެރިވުމަށް އެޅޭނެ އެންމެ ބޮޑު ފިޔަވަޅު ދެން މަދިރި ހެފުމުން ސަލާމަތް ވުމަށްވެސް މަސައްކަތް ކުރަން ޖެހޭ، އެގޮތުން، ބަދިރި ބޭސް ނުވަތަ ލޯޝަން ބޭނުންކުރުމާއި، ގޭތެރޭގައި މަދިރިން ސަލާމަތް ވުމުގެ ގޮތުން އިލެކްޓްރިކް އެއްޗެހި ބޭނުންކުރުން ހިމެނޭ، ކުޑަ ކުދިންނަށް ވެސް އެކުދިންގެ ހަންގަނޑާއި ގުޅޭ މަދިރި ބޭސް ނުވަތަ ލޯޝަން ބޭނުންކުރުމުގެ އިތުރުން، އެކުދިންގެ އަތްފައި ފޮރުވޭ ވަރުގެ ދިގު އެއްޗެހި ލެއްވުމަށް އިލްތިމާސްކުރަން.

މަދިރި އާންމުކޮށް އުޅެނީ އިރުއަރާ ވަގުތާއި އިރު އޮއްސޭ ވަގުތުގައި، އެހެންކަމުން އެވަގުތު ތަކުގެ ގޭތެރޭގެ ދޮރުތައް ލެއްޕުން ވަރަށް މުހިއްމު، ހެނދުނު ހައެއް ޖަހާއިރު އާއި އިރުއޮއްސި ހައެއް ޖަހާއިރު ދޮރުތައް ބަންދުކޮށްލުމުން މަދިރި ގޭތެރެއަށް ނުވަންނާނެ.

ދުވަސް: ބަލިޖެހެނީ ވަކި ހާއްސަ އުމުރެއްގެ ބަޔަކަށް ތަ؟

ޑރ. ނިޔާޝާ:

މި ބައްޔަކީ ހުރިހާ އުމުރުފުރާއަކަށް ވެސް ޖެހޭ ބައްޔެއް، ނަމަވެސް ބަލި ބޮޑުވާލެއް ބައެއް ހާލަތްތަކުގައި ބައެއް މީހުންނަށް ގިނަ. މިސާލަކަށް އުމުރުގެ ދެކޮޅުގެ މީހުންނަށް ބޮޑުވޭ، އެއް އަހަރުން ދަށުގެ ކުދިންނާއި 65 އަހަރުންގެ މަތީގެ މީހުންނަށް ބަލި ބޮޑުވުމުގެ ފުރުސަތު ބޮޑު. މީގެ އިތުރުން މާބަނޑު މީހުންނާއި ދިގު މުއްދަތަކަށް ބޭސް ކާ މީހުންނަށްވެސް ބަލި ބޮޑުވޭ، މިސާލަކަށް ކެންސަރަށް ބޭސްކުރާ މީހުންނާއި، ހުޅުހުޅުގެ މައްސަލަ ހުންނަ މީހުންނާއި، ކިޑްނީ ޓްރާންޕްލާންޓިނ ހަދައިގެން ދިގު މުއްދަތަކަށް ހަށިގަނޑުގެ ދިފާއީ ބާރު ދަށްވާ ކަހަލަ ބޭސް ބޭނުންކުރާ މީހުން ހިމެނޭ، ޗިކަންގުންޔާގެ އެންމެ ބޮޑު އުނދަގުލަކަށް ވަނީ ރިއްސާ ރިއްސުން ދިގު މުއްތަކަށް ދެމިގެން ހިނގައިދާނެތީ. ހާއްސަކޮށް ހުޅުހުޅުގެ މައްސަލަ ހުންނަ މީހުން އެއް އަހަރު ދުވަސް ނުވަތަ ދެ އަހަރު ދުވަހު ވެސް މި ބަލީގެ ވޭނުގައި އުޅެންޖެހޭ، މީގެ އިތުރުން އުމުރުން ދުވަސްވީ މީހުންވެސް ހުޅުހުޅުގައި ރިއްސާތީ ތަންކޮޅެއް ގިނަ ދުވަހު އުޅެންޖެހިދާނެ. ނަމަވެސް ހުން ވަރަށް އަވަހަށް ރަގަޅުވާނެ.

ދުވަސް: ނިންމާލުމުގެ ގޮތުން ފާހަގަކޮށްލަށް ބޭނުންވާ ކަމަކީ ކޮބާ؟

ޑރ. ނިޔާޝާ:

ޑެންގީ އަދި ޗިކަންގުންޔާ އަކީ ވައިރަލް ހުން، ދެބަލި ޖައްސަނީ އެއް މަދިރިއެއް، ދެބަލީގެ ތެރެއިން އެންމެ ނުރައްކާތެރީ ބައްޔަކީ ޑެންގީ ހުން، އެހެންކަމުން ހުން އަންނަތާ ތިން ވަނައަށްވާ ދުވަހު ޑޮކްޓަރަށް ދައްކަން ދާންޖެހޭނެ، ފަހަރެއްގަ ތިން ވަނަ ދުވަހު ހަދާ ޓެސްޓުން ނޯމަލްވެ ދެދުވަސް ނޫނީ އެއް ދުވަސް ފަހުން ފޮލޯ އަޕް އެއް ހަދާލަންވެސް ޑޮކްޓަރު ބުނެފާނެ، އެހެން ވެއްޖެ ނަމަ އެ ފޮލޯ އަޕް ވެސް ހަދާލުން މުހިންމު، ޗިކަންގުންޔާ ކަން ޔަގީންވެއްޖެ ނަމަ ގޭގައި ރެސްޓް ކުރުން ރަގަޅުވާނެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް