އިދިކޮޅު ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް ވަޑައިގެންނެވުމުން ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު ޝިހާން އެ ބޭފުޅުންނާ ބައްދަލުކުރައްވަން ދެކޮޅު ހައްދަވައިފި އެވެ.
އިދިކޮޅު ފަރާތްތަކުން ކަރެކްޝަންސްއަށް ވަޑައިގެންނެވީ މާފުށީ ޖަލުގައި ބަންދުކޮށްފައި ތިބި ސިޔާސީ އިދިކޮޅު ބޭފުޅުންނާ މެދު ޖަލުގައި ކަންތައް ކުރަމުން އަންނަ ގޮތުގެ ކަންބޮޑުވުންތައް ހިއްސާ ކުރުމަށެވެ. އިދިކޮޅު ފަރާތްތަކާއި ޝިހާން ބައްދަލު ނުކުރެއްވީ އެޕޮއިންޓްމެންޓަކާއި ނުލައި ބައްދަލު ކުރަން ދިއުމުންނެވެ.
ކަރެކްޝަންސްގެ އޮފީހުން ނިކުމެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ ޝިހާނާ މިއަދު ބައްދަލު ނުކުރެއްވުނަސް އެޕޮއިންޓްމަންޓަކަށް އެދިފައިވާނެ ކަމަށެވެ. އެ ކަމަށް ޖަވާބު ދޭނެ ދުވަހެއް ނޭނގޭ ކަމަށް އެ އޮފީހުން ބުނެފައިވާ ކަމަށެވެ.
ޝިފާޒު ވިދާޅުވީ އިދިކޮޅު ފަރާތްތަކާ ކަރެކްޝަންސް އިން ބައްދަލު ނުކުރިއަސް، ޖަލުގެ ހާލަތާ ގުޅޭ ކަންބޮޑުވުންތައް ހިއްސާކުރަން ދާންޖެހޭ ކޮންމެ ތަނަކަށް ދާނެ ކަމަށެވެ. އަދި ޖަލުގައި ތިއްބެވި ސިޔާސީ ފަރާތްތަކުގެ ހާލަތު އާއިލާތަކުންނާއި ވަކީލުންގެ ފަރާތުން އޮޅުންފިލުވާނެ ކަމަށް ވިދާޅުވި އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމަށް ފަހު ހައްޔަރު ކުރި ބޭފުޅުންގެ ތެރޭގައި ހިމެނޭ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު، ފަނޑިޔާޜު އަލީ ހަމީދު، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ފަދަ ބޭފުޅުން ތިއްބެވީ މާފުށީ ޖަލު ބަންދުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް