މުރުތައްދުވުމާއި ހަނގުރާމައަށް ދާ މީހުންނަށް ހަރުކަށި ފިޔަވަޅު އަޅަނީ

އިސްލާމް ދީނަށް ފުރައްސާރަކޮށް މުރުތައްދުވާ މީހުންނާއި، ހައްދުފަހަނައަޅާ ގޮސް ދީނުގެ ނަމުގައި ހަނގުރާމަކޮށް މީހުންނަށް ގެއްލުން ދޭ މީހުންނާއި "ހޭޓް ސްޕީޗް" ފަތުރާ މީހުންނަށް ހަރުކަށި ފިޔަވަޅުތަކެއް އަ...

11 Apr 2018 | 09:56

އިސްލާމް ދީނަށް ފުރައްސާރަކޮށް މުރުތައްދުވާ މީހުންނާއި، ހައްދުފަހަނައަޅާ ގޮސް ދީނުގެ ނަމުގައި ހަނގުރާމަކޮށް މީހުންނަށް ގެއްލުން ދޭ މީހުންނާއި "ހޭޓް ސްޕީޗް" ފަތުރާ މީހުންނަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމައި އުސޫލެއް އާއްމުކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން އާންމުކޮށްފައިވާ މި އުސޫލުގައި ވާގޮތުގައި މުރުތައްދުވާ މީހުންނަށް ދައުލަތުން ފޯރުކޮށްދޭ އަސާސީ ހިދުމަތްތަކުން މަހުރޫމު ކުރަންޖެހެ އެވެ. އަދި ހައްދަު ފަހަނައަޅާ ގޮސް ދީނުގެ ނަމުގައި ހަނގުރާމައަށް ދާ މީހުންނަށް އެމީހުން ހަރުކަށި އަދަބު ދޭން ކަނޑައަޅާފައިވާއިރު "ހޭޓް ސްޕީޗް" ނުވަތަ ދީނާ ދެކޮޅަށް ވާހަކަދައްކާ މީހުންނަށް ކަނޑައަޅާފައިވާ އަދަބުތަކަށް ބަދަލު ގެންނަން ޖެހެ އެވެ.

އުސޫލުގައިވާގޮތުން މުރުތައްދުވާ މީހުންނަށް އިސްލާމްދީނަށް ރުޖޫއަވުމަށް ފުރުސަތުދޭން ޖެހެ އެވެ. އޭގެ ފަހުގައި ނުވެއްޖެ ނަމަ އަޅާ ފިޔަވަޅުތަކުގެ ތެރޭގައި މަދަނީ ފަރާތްތަކުގެ ޕެންޝަނާއި އެހެނިހެން އަސާސީ ހިދުމަތްތައް ފިޔަވައި، ސަރުކާރުން ދޭ އެކިއެކި އެހީތަކާއި އާސަންދަ އާއި ބިމުގެ ހައްގުތަކާއި ގޯތިގެދޮރުގެ ސްކީމްތަކާއި ލޯނު ސްކީމް ފަދަ ކަންކަމުން މަހުރޫމް ކުރެވޭ ގޮތަށް ގާނޫނުތައް ބަދަލުކުރަން ޖެހޭނެ ކަމަށް އެ އުސޫލުގައި ބުނެފައި ވެ އެވެ.

ހަނގުރާމައަށްދާ މީހުންނަށް އެހީވެދީ ހަރަދުކުރުމުގައި ހިމެނޭ މީހުންނަށް ޖިނާއީ މައްސަލަތަކުގައި ހަނުހުރުމުގެ ހައްގާއި ދަތުރުފަތުރު ކުރުމުގެ މިނިވަންކަމުގެ ހައްގާއި ޒާތީ މުވާސަލާތުތަކަށް ލިބިފައިވާ ރައްކާތެރިކަން، އެ ހާލަތަކަށް ބަލައި ހަނިކުރުމަށް އުސޫލުގައި ނިންމާފައި ވެ އެވެ. އޭގެ އިތުރުން މި ފަދަ މީހުންނަށް ޕެރޯލާއި ކްލެމެންސީ އާއި އެ ނޫން ވެސް ހުކުމްގެ ލުޔެއް ނުލިބޭނެ ގޮތަށް، ގާނޫނީ ގޮތުން ހަމަޖައްސަން ޖެހޭ ކަމަށް ވެސް ބުނެފައި ވެ އެވެ.

"ހޭޓް ސްޕީޗް" ފަތުރާ މީހުން ހިންގާ ސައިޓުތަކާއި ސޯޝަލް މީޑިއާ ގްރޫޕުތައް ކޯޓު އަމުރެއްގެ ދަށުން ނަމަވެސް ހުއްޓުވުމަށް އުސޫލުގައި ކަނޑައަޅާފައިވެ އެވެ. އަދި ސޯޝަލް މީޑިއާގައި މި ފަދަ ލިޔުންތައް ލިޔާ މީހުންނާ މެދު ޖިނާއީ ފިޔަވަޅު އެޅުމަށް ވެސް އުސޫލުގައި ވެ އެވެ.

މީގެ އިތުރުން، މި ފަދަ އަމަލުތަކާ ގުޅިގެން އާއްމުކޮށް ދޭ އަދަބުތައް ކަމަށްވާ، ގޭގައި ބަންދު ކުރުމާއި ޖޫރިމަނާ ކުރުން ފަދަ ކަންކަން އުނިކޮށް، އަދަބުތައް ރިވިއު ކުރުމަށް ވެސް އުސޫލުގައި ނިންމާފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް