ހދ. ނޮޅިވަރަމްގައި ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނުނު ޝާހިދާ އަލީގެ މަރުގެ މައްސަލައިގަ މީހަކު ހައްޔަރު ކޮށްފި އެވެ.
ޝާހިދާ މަރުވެފައި ހުއްޓާ ފެނުނީ މިދިޔަ މަހުގެ އެއް ވަނަ ދުވަހުގެ ރޭ ފަތިހު އެވެ. އެންމެ ފުރަތަމަ މަންޒަރު ފެނުނު ކަމަށް ވަނީ އޭނާގެ ފިރިމީހާ އަށެވެ. ޝާހިދާގެ މަރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން ސުވާލު ކުރުމަށް އެދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު، ފަހުން އޭނާގެ ފިރިމީހާ ވަނީ ދޫކޮށްލާފައި އެވެ.
މިއަދު ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ޝާހިދާގެ މަރާ ގުޅިގެން ނޮޅިވަރަމުން 61 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން މިއަދު މެންދުރު 12:45 ހާއިރު ކަމަށް އޮފިސަރު ވިދާޅުވި އެވެ.
ހައްޔަރު ކުރި މީހާގެ އިތުރު ތަފްސީލް ފުލުހުން ހާމަ ނުކުރިނަމަވެސް އެ ރަށުން މައުލޫމާތުދިން މީހަކު ބުނީ އެ މައްސަލައިގަ މިއަދު ހައްޔަރު ކުރީ ޝާހިދާގެ ފިރިމީހާ ކަމަށެވެ.
ޝާހިދާގެ މަރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން އޭނާގެ ހަށިގަނޑު ވަނީ އިންޑިއާއަށް ފޮނުވައިގެން ޕޯސްޓްމޯޓަމް ހަދާފަ އެވެ.
އޭނާގެ މަރާ ގުޅިގެން އާއިލާގެ މީހުންނާއި އެ ރަށު މީހުން މީޑީއާގައި ބުނެފައިވަނީ ޝާހިދާ އަކީ ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުންދިޔަ މީހަކަށް ވިޔަސް އޭނާ ދަންޖެހިފައިވާ، ވާ އައްސާފައި ހުރި ހިސާބަށް އޭނާއަށް ނޭރޭނެ ކަމަށެވެ. އަދި އެ ވަލުގައި ޖަހާފައިވާ ގޮށްވެސް ޖަހަން ނޭނގޭނެ ކަމަށެވެ.
ޝާހިދާ ވަނީ މީގެ ދެތިން މަސް ކުރިން ގެއްލިގެން ހޯދާފަ އެވެ. އެ ފަހަރު އޭނާ ފެނިފައިވަނީ ދެ ދުވަސް ފަހުން އެ ރަށު ވަލު ތެރޭގައި ހޭނެތިފައި އޮއްވަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް