ހުޅުމާލޭ މަގުމަތީގަ ހެދިކާ ވިއްކާ ނަމަ ރަޖިސްޓްރީކޮށް، ފީއެއް ނަގަނީ

ހުޅުމާލޭ މަގުމަތީގައި ހެދިކާ ވިއްކަން ތިބެވޭނެ އުސޫލެއް ހައުސިން ޑިވެލޮޕްމެންޓު ކޯޕަޜޭޝަން (އެޗްޑީސީ) އިން ކަނޑައަޅައިފި އެވެ. ހުޅުމާލޭގެ ފްލެޓުތަކުގެ ތިރީގައި އޮންނަ ހުސް ބިމުގައި ކޮންމެ ދުވަހަކު ހަވ...

11 Apr 2018 | 07:01

ހުޅުމާލޭ މަގުމަތީގައި ހެދިކާ ވިއްކަން ތިބެވޭނެ އުސޫލެއް ހައުސިން ޑިވެލޮޕްމެންޓު ކޯޕަޜޭޝަން (އެޗްޑީސީ) އިން ކަނޑައަޅައިފި އެވެ.

ހުޅުމާލޭގެ ފްލެޓުތަކުގެ ތިރީގައި އޮންނަ ހުސް ބިމުގައި ކޮންމެ ދުވަހަކު ހަވީރު، މޭޒާއި ގޮނޑި ބަހައްޓައިގެން ހެދިކާ ވިއްކުމަކީ މިހާރު އާންމު ކަމެކެވެ. އަދި ބޮޑެތި މަގުތަކުގައިވެސް އަންހެން ވެރިން ހެދިކާ ވިއްކަން ތިބެ އެވެ.

އެޗްޑީސީން ކަނޑައަޅާފައިވަނީ ހެދިކާ ވިއްކަން ތިބޭ މީހުން ރަޖިސްޓްރީވުމުގެ އިތުރުން އެ ފަރާތްތަކުގެ އަތުން ފީއެއް ނަގާށެވެ. އެގޮތުން ހަމައެކަނި އަހަރީ ފީގެ ގޮތުގައި ދައްކަން ޖެހެނީ 150 ރުފިޔާ އެވެ.

މި އުސޫލުގެ ދަށުން ހެދިކާ ވިއްކަން ތިބެވޭނީ އެޗްޑީސީން ކަނޑައަޅާ ތަންތަނުގައި އެވެ. ހެދިކާ ވިއްކަން ތިބޭ މީހުންނަކީ އެޗްޕީއޭ އިން ކަނޑައަޅާފައިވާ، ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި ހުންނަން ޖެހޭ ސާފުތާހިރު ކަމުގެ މިންގަނޑުތައް ބަޔާން ކުރާ ގަވައިދުގައި ބުނާ ގޮތަށް ސާފުތާހިރުކޮށް ތިބޭ، ސާފުތާހިރު އުސޫލުތައް ހިފަހައްޓާ ބަަޔަކަށް ވާން ޖެހޭނެ ކަމަށް އުސޫލުގައި ވެ އެވެ.

އުސޫލުގައި ވާގޮތުގައި ހެދިކާ ވިއްކަން ތިބެވޭނީ މެންދުރު ފަހު 3:00 ން ހަވީރު 6:00 އަށެވެ.

އެޗްޑީސީން ބުނީ މިފަދަ އުސޫލެއް އެކުލަވާލަން ޖެހުނީ ހުޅުމާލޭގައި އުޅޭ ބައެއް މީހުން އާމްދަނީ ހޯދުމުގެ މަގުސަދުގައި އެ ރަށުގެ އެކި ސަރަހައްދުތަކުގައި ހެދިކާ ވިއްކަމުން ދާތީ، އެ މަސައްކަތް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ.

އެޗްޑީސީން ދޫކުރާ ހެދިކާ ވިއްކުމުގެ ހުއްދަ ދޫކުރަނީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް