ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައިވާ މުއްދަތުގެ ތެރޭގައި ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޭންޖެހޭ ފައިސާ ދޫކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން، މެމްބަރުންގެ އަދަދު 10،000 އަށް އަރާ ޕާޓީތަކަށް، އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން ފައިސާ ޖަމާކޮށްދޭން ޖެހެ އެވެ. އެ ގާނޫނުގައި ވާ ގޮތުން ދުވަސްތައް ގުނަން ޖެހެނީ ބަންދު ދުވަސްތައް ނުލަ އެވެ.
އީސީގެ މެންބަރު އަހުމަދު އަކްރަމް މިއަދު ވިދާޅުވީ ޕާޓީތަކަށް ފައިސާ ދޫކުރުމަށް އަންނަ މަހު ފިނޭންސް މިނިސްޓްރީއަށް ފޮނުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު ކުރަމުންދަނީ އިދާރީ މަސައްކަތްތައް ކަމަށާއި އެ މަސައްކަތް ނިމުމުން ކޮންމެ ޕާޓީއަކަށް މިއަހަރުގެ ބަޖެޓުން ކަނޑައެޅިފައިވާ ފައިސާގެ އަދަދު ހާމަ ކުރާނެ ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ ފައިސާ ދޫކުރުމަށް ގާނޫނުގައި ބުނެފައިވާ މުއްދަތު މިދިޔަ މަހު ހަމަވެއްޖެ ކަމަށެވެ. އެކަމަކު ގާނޫނުގައި ބުނެފައިވާތޮތަށް ބަންދު ދުވަސްތައް ނުލައި އަހަރުގެ ފުރަތަމަ ތިން މަސް ގުނައިފި ނަމަ އެ މުއްދަތު ހަމަވަނީ އަންނަ މަހުގެ އަށް ވަނަ ދުވަހަށެވެ.
ގާނޫނުގައި ބުނެފައިވާ މުއްދަތުގައި ފައިސާ ދޫކުރާނެ ކަމުގެ ޔަގީންކަން އީސީން ދިން އިރު މިދިޔަ އަހަރު އެ ފައިސާ ދޫކުރެވިފައިވަނީ އަހަރު ނިމެނިކޮށް އޮކްޓޯބަރު މަހުގެ ތެރޭގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް