ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރަށް އިނގިރޭސިވިލާތުން ސިޔާސީ ހިމާޔަތް ދީފި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެޑްވައިޒަރު އަދި ޔޮޓް ޓުއާޒްގެ ޗެއާމަން ޖާބިރުގެ ޕާސްޕޯޓު ސަރުކާރުން ހިފެހެއްޓީ ދަތުރެއްގެ މަތީގައި އުޅުއްވަނިކޮށެވެ. ޖާބިރުގެ ޕާސްޕޯޓު ކެންސަލްކޮށްފައިވާކަން އެނގުނީ އިޓަލީން އިނގިރޭސިވިލާ ދަތުރުކޮށް އެގައުމަށް އެތެރެވާން އުޅުމުގެ ތެރޭގައި އެވެ. އެއީ މިދިޔަ އަހަރުގެ ޖޫން 20 ގައި އެވެ.
ޖާބިރުގެ އަނބިކަނބަލުން އަދި ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ، ޖާބިރަށް އިނގިރޭސިވިލާތުން ރައްކާތެރިކަން ލިބުމުން އެކަމާ ވަރަށް އުފާކުރައްވާ ކަމަށެވެ. އަދި އެއީ ހިތްދަތި ދިގު ދަތުރެއް ކަމަށް ވިދާޅުވެ ދިޔާނާ ކުރެއްވި ޓުވީޓުގައި ރައީސް ނަޝީދުކުރެއްވި މަސައްކަތްޕުޅަށް ޝުކުރު އަދާކުރައްވާފައިވެ އެވެ
ޖާބިރުގެ ޕާސްޕޯޓް ކެންސަލް ކުރި މައްސަލާގައި ދައުލަތާ ދެކޮޅަށް އޭނާގެ ފަރާތުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅި އެވެ. އެކަމަކު ބަލައި ނުގަނެ މިދިޔަ ނޮވެމްބަރު މަހު ވަނީ އެ މައްސަލަ ބޭރުކޮށްލައިފަ އެވެ.
ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާ ޖާބިރުގެ ޕާސްޕޯޓް ކެންސަލް ކޮށްފައިވާއިރު، އޭނާގެ ކުންފުނި، ޔޮޓް ޓުއާސް އަތުން 45 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ވަނީ ދައުވާކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް