ފެންނަ މަންޒަރުތަކުން ބާސެލޯނާގެ ކުރީގެ ކުޅުންތެރިޔާ ނޭމާ އާއި އެ ޓީމުގެ ތަރި ލިއޮނަލް މެސީއާ ދެމެދުގައި ޚާއްސަ ކަންތައްތަކެއް ހިނގައިފިއެވެ. ނުވަތަ ހިނގަން އެބައުޅެއެވެ.
މިފަދަ ވާހަކަތަކެއް ފެތުރިގެން މި ދިޔައީ، މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި 222 މިލިޔަން ޔޫރޯގެ ރެކޯޑް ޓްރާންސްފާއެއްގައި ބާސެލޯނާ ދޫކޮށް ޕީއެސްޖީއަށް ބަދަލުވި ނޭމާ، މެސީއާއެކު ނަގާފައިވާ ފޮޓޯއަކާއެކު ކޮއްފައިވާ ޚާއްސަ ޓްވީޓަކާ ގުޅިގެންނެވެ.
ފަޔަށް ލިބުނު އަނިޔާ ރަނގަޅު ވަމުން އަންނަ ނޭމާ މިދިޔަ އާދިއްތަ ދުވަހު ކުރި ޓްވީޓްގައި ބުނެފައިވަނީ މެސީއާއެކު އޭނާ ވުމުން ވަރަށް ރަނގަޅު ގިނަ ކަންތައްތަކެއް ހިނގާކަމަށެވެ.
"އަހަންނާއި އަހަރެންގެ އެކުވެރި #ލިއޯމެސީ އެއްތަންވުމުން ވަރަށް ރަނގަޅު ކަންތައްތައް ހިނގާ (މެދުވެރިވޭ). ވަރަށް އަވަހަށް އަހަރެން އިތުރު ވާހަކަތައް ބުނެދޭނަން.." ބޮޑު ކަމެއް ހިނގަން އުޅޭފަދަ އިޝާރާތެއް ދެމުން ނޭމާ ބުނެފައިވެއެވެ.
މިއީ މެސީއާއެކު އަނެއްކާ ވެސް އެއް ޓީމަކުން ފެނުމުގެ ފުރުސަތު އޮތުންތޯ ނުވަތަ ފުޓްބޯޅައިން ބޭރުގެ ކޮންމެ ވެސް ޚާއްސަކަމެއްތޯ ސުވާލު އުފެދުނަސް އަދި އެއްވެސްކަމެއް ސާފެއް ނޫނެވެ.
އަނެއްކޮޅުން ނޭމާ މިހާރު ކުޅޭ ޕީއެސްޖީގައި އެމްބާޕޭ އާއި ކަވާނީ ފަދަ ކުޅުންތެރިންނާއެކު ވަރުގަދަ އެޓޭކިންގ ފޯސްއެއް އޮތްނަމަވެސް ޕީއެސްޖީ މެސީ ލިބޭތޯ ބެލުމަކީ ވެސް ގާތްކަމެކެވެ. އެހެނަސް މެސީ ޕީއެސްޖީއަށް ބަދަލުވުމަކީ ވުމަށްވުރެ ނުވުން ގާތްކަމެއްކަމަށް ފުޓްބޯޅައިގެ ތަޖުރިބާކާރުން ދެކެއެވެ.
ނޭމާ ޕީއެސްޖީއަށް ކުޅެދިން 20 މެޗުން 19 ލަނޑު ޖަހާ 13 އެސިސްޓް ހަދާފައިވާއިރު، އޭނާ އެ ޓީމުގައި ހުރީ ހިތްހަމަ ޖެހިގެން ނޫންކަމަށާއި، ޕީއެސްޖީއަށް ބަދަލުވެވުން އެއީ ހެދުނު ގޯހެއްކަން ނޭމާއަށް އިޙްސާސްވެފައިވާކަމަށް ބުނެ މީގެ މަސްތަކެއް ކުރިން ފެށިގެން ވަނީ އަޑުތައް ފެތުރިފައެވެ.
އަނެއްކޮޅުން ނޭމާ ބާސެލޯނާގެ ވާދަވެރި ރެއާލް މެޑްރިޑްއަށް ބަދަލުވާން އުޅޭކަމުގެ އަޑުތައް ފެތުރުނުއިރު، އޭނާ އަލުން އެނބުރި ބާސެލޯނާއަށް ދާން އުޅޭކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. ކޮންމެއަކަސް ވާން އުޅޭގޮތެއް މާބޮޑަށް ސާފެއް ނޫނެވެ. ބޮޑުކަމެއް ހިނގާނަމަ، ކުރިއަށް އޮތް ޖޫން މަހުގެ ޓްރާންސްފާ މާކެޓްގައި އެކަމެއް ފެނިގެން ދިއުން ގާތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް