ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި 4-1 ގެ މޮޅެއް ހޯދާފައިވަނިކޮށް، އެތައް ބަޔަކު ހައިރާންކޮށްލުމަށް ފަހު ރޯމާއިން ބާސެލޯނާ ޗެމްޕިއަންސް ލީގުން ކަޓުވާލައިފިއެވެ. ރޭ ރޯމާ ދަނޑުގައި ކުޅުނު މެޗު އެ ޓީމު 3-0 ގެ ނަތީޖާއިން ކާމިޔާބުކޮށް، އެގްރިގޭޓް ނަތީޖާ 4-4 އިން އެއްވަރުވިއިރު، ރޯމާއަށް ސެމީ ފައިނަލްގެ ޖާގަ ކަށަވަރުވީ ބާސާ ދަނޑުގައި ޖެހި އަވޭ ގޯލްގެ ފައިދާއާއެކުގައެވެ.
ރޯމާއަކީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި އޮތް އެންމެ ބަލި ޓީމުގެ ގޮތުގައި ގިނަ ބަޔަކު ބެލި ޓީމެވެ. އަނެއްކޮޅުން ފުރަތަމަ ލެގު ބާސެލޯނާއިން 4-1 އިން ކާމިޔާބު ކުރުމުން، ފަހަތުން އަރާ ބާސާގެ މައްޗަށް ގަދަވެވޭނެކަމަށް ފުޓްބޯޅައިގެ ގިނަ ތަޖުރިބާކާރުން ލަފާ ވެސް ނުކުރެއެވެ. އެހެން ނަމަވެސް ގިނަ ބަޔަކު ހައިރާން ކޮށްލުމަށްފަހު ރޯމާ ސެމީ ފައިނަލްގެ ޖާގަ ހޯދިއިރު، ފާއިތުވި ސީޒަންގެ ޗެމްޕިއަންސް ލީގުގައި ވެސް ބާސާ ކެޓީ ކުއާޓާ ފައިނަލާ ހިސާބުންނެވެ.
ރޭގެ މެޗު ފެށުނީއްސުރެ ރޯމާއިން ނަތީޖާ އަނބުރާލުމަށް ވަރަށް ބޮޑަށް ކުރިއަށް ޖެހި ޕްރެސްކޮށްގެން ކުޅުނުއިރު، މެޗުގެ ފުރަތަމަ ހަމަލާ އުފެއްދީ ބާސެލޯނާއިންނެވެ. އެހެންނަމަވެސް އެ ހަމަލާ ރޯމާގެ ގޯލްކީޕަރ އެލީސަން ދިފާއު ކުރިއެވެ.
މެޗުގެ ފުރަތަމަ ހަމަލާ ބާސާއިން އުފެއްދި ނަމަވެސް ރޯމާގެ ކުޅުމަކަށް ބަދަލެއް ނުގެނެއެވެ. އެ ޓީމުން ހައި ޕްރެސިން ގޭމެއް ކުޅެ ބާސެލޯނާގެ ޕޮޒިޝަން ގޭމް ހަލާކުކޮށްލިއިރު، ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ގޯލަށް ނުރައްކާ ކުރީ ވެސް ރޯމާއިންނެވެ. ބާސެލޯނާއަށް ފުރަތަމަ ހާފުގައި ރޯމާގެ ގޯލަށް އަމާޒުކޮށްލެވުނީ ވެސް އެންމެ ހަމަލާއެކެވެ.
ރޯމާއިން ލީޑު ނެގީ މެޗުގެ ކުރީކޮޅު އެ ޓީމުގެ ފޯވާޑް އެޑިން ޖެކޯ ޖަހައިދިން ލަނޑާއެކުއެވެ. މިއީ 6 ވަނަ މިނިޓުގައި ޑި ރޮސީ ދިން ބޯޅައަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. އެންމެ ފަހުން ބާސެލޯނާއާ ދެކޮޅަށް ކުޅުނު 3 މެޗުގައި ވެސް ޖެކޯ ލަނޑު ޖަހާފައިވާއިރު، ރޭގެ މެޗުގައި އެންމެ މޮޅު ކުޅުމެއް ދެއްކި އެއް ކުޅުންތެރިޔަކީ ވެސް އޭނާއެވެ.
އިތުރު ލަނޑެއް ޖެހުން ހައްގުވާވަރަށް ރޯމާއިން ފުރަތަމަ ހާފުގައި ކުޅުނު ނަމަވެސް ފުރަތަމަ ހާފު ނިމުނީ 1-0 ގެ ނަތީޖާގައި އޮވެއެވެ. އެހެނަސް ދެ ވަނަ ހާފު ފެށިގެން މެޗުގެ 58 ވަނަ މިނިޓުގައި އެޑިން ޖެކޯއަށް ބާސެލޯނާގެ ޑިފެންޑަރ ޕީކޭ ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއަކުން ޑި ރޮސީ ކާމިޔާބުކުރި ލަނޑާއެކު ރޯމާގެ ހުވަފެން ހަގީގަތަކަށްވުމާ ގާތްވިއެވެ.
ރޯމާއިން އެގްރިގޭޓް ނަތީޖާ އެއްވަރުކޮށް، އަވޭ ގޯލްއިން ކުރި ހޯދީ، ފުރިހަމަ ވަގުތު ހަމަވާން އެންމެ 8 މިނިޓަށް ވެފައިވަނިކޮށް މަނޯލަސް ކާމިޔާބު ކޮށްދިން ލަނޑާއެކުއެވެ.
ރޯމާއަށް ކުރި ލިބުމާއެކު ބާސެލޯނާއިން އެއްކޮށް ކުރިއަށްޖެހި ހަމަލާއެއްގެ ފުލު ހަމަލާއެއް އުފެއްދި ނަމަވެސް ރޯމާގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ.
މިއީ 1984 ވަނަ އަހަރުގެ ފަހުން ރޯމާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދަތުރު ކުރި ފުރަތަމަ ފަހަރެވެ. 1984 ވަނަ އަހަރު ރޯމާއިން ފައިނަލްގައި ވެސް ކުޅުނުއިރު އެ ޓީމު ބަލިވީ ލިވަޕޫލް އަތުންނެވެ. ތާރީޚީ ފައިނަލަކަށް ދަތުރު ކުރުމަށް ސެމީގައި ކޮންމެ ޓީމަކާ ޖެހުނަސް ކެރިގެން ކުރިމަތިލުމުގެ ހިތްވަރު ރޯމާއަށް ލިބިފައިވާއިރު، އެ ޓީމުގެ ކުރީގެ ތަރި މުޙައްމަދު ސަލާހް ކުޅޭ ލިވަޕޫލްއާ ދެކޮޅަށް ނުކުންނަށް ޖެހުމުގެ ފުރުސަތު ވެސް އެބައޮތެވެ. ލިވަޕޫލްއިން ވަނީ ރޭ މެންޗެސްޓާ ސިޓީ 2-1 އިން ބަލިކޮށް ސެމީގެ ޖާގަ ކަށަވަރު ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް