ނާޖާއިޒް ފައިދާއެއް ހޯދައި ލިބިގަނެފައިނުވާނެ: ކެނޑިޑޭޓް ފަޔާޒް

ކުރިން ވަޒީފާ އަދާކުރި އިދާރާ ކަމުގައިވާ ޕީއެސްއެމްގެ އެއްވެސް ވެރިއެއްގެ ކިބައިން އަދި އެ ނޫން މީހެއްގެ ކިބައިންވެސް ނާޖާއިޒް ފައިދާއެއް ހޯދައި އަދި ލިބިގެންފައި ނުވާނެ ކަމަށް ކުރިއަށް އޮތް ރައްޔިތުނ...

11 Mar 2019 | 14:35

ކުރިން ވަޒީފާ އަދާކުރި އިދާރާ ކަމުގައިވާ ޕީއެސްއެމްގެ އެއްވެސް ވެރިއެއްގެ ކިބައިން އަދި އެ ނޫން މީހެއްގެ ކިބައިންވެސް ނާޖާއިޒް ފައިދާއެއް ހޯދައި އަދި ލިބިގެންފައި ނުވާނެ ކަމަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކަނޑިތީމު ދާއިރާއަށް އަމިއްލަގޮތުން ކުރިމަތިލައްވާފައިވާ ފަޔާޒް ޔޫސުފް ވިދާޅުވެއްޖެއެވެ.

ފަޔާޒް މިހެން ވިދާޅުވީ މިއަދު ރާއްޖޭގެ އޮންލައިން ނޫހެއްގައި ލިޔެފައިވާ ހަބަރަކާއި ގުޅިގެން އެކަން ސާފުކޮށްދެއްވައި ދުވަހަށް މައުލޫމާތު ހިއްސާ ކުރައްވަމުންނެވެ.

ފަޔާޒް ވިދާޅުވީ ޕީއެސްއެމްއާއި ގުޅޭ 23 މައްސަލައެއްގެ ވާހަކައިން ފަށާފައިވާ އެ ހަބަރުގައި ހަމަ އެކަނި އޭނާގެ ވާހަކަ އޮތުމުން އެ ލިޔުމަކީ ސިޔާސީ ވަކި މަގުސަދެއް ހާސިލުކުރުމަށްޓަކައި ލިޔެފައިވާ ހަބަރެއްކަން ސާފުވާކަމަށެވެ.

"މިކަން މިހެން އައިމަ އަޅުގަނޑު އޭސީސީއަށް ގުޅާ މައުލޫމާތު ސާފުކޮށްފިން، އޭސީސީން ވިދާޅުވީ ހުށަހަޅާފައިވާ މައްސަލައިގެ ލިޔެކިޔުންތައްވެސް ފުރިހަމަ ނުވާކަމަށް އަދި އަޅުގަނޑާ ދެކޮޅަށް ހެއްކެއް ހުށަހަޅާފައިނުވާކަމަށް" ފަޔާޒް ވިދާޅުވިއެވެ.

ނޫހެއްގައި މިއަދު ލިޔެފައިވާ ހަބަރެއްގައި ބުނެފައިވަނީ ޕީއެސްއެމްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޚަލީލް އާއި ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިކްރާމް އަބްދުއްލަތީފް ރަހުމަތްތެރިއަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިން ކަމަށް ބުނެ އޭސީސީ މައްސަލައެއް ހުށަހަޅާފައިވާކަމަށާއި އަމިއްލަ ފަރާތަކުން އޭސީސީއަށް ހުށަހެޅި މައްސަލާގައި ތުހުމަތުކޮށްފައިވާ ގޮތުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެ ދެ ބޭފުޅުން ނާޖާއިޒު ފައިދާ ހޯދައިދިނީ ގާތް އެކުވެރިއެއް ކަމަށްވާ ށ. ފޭދޫ، ދުނގެތިމާގެ، ފަޔާޒު ޔޫސުފަށް ކަމަށެވެ.

ފަޔާޒް ވިދާޅުވީ ޕީއެސްއެމްގެ ވަޒީފާއަށް ވަދެވަޑައިގަތީވެސް ނޫސްވެރިން ހޯދަން ކޮށްފައިވާ އިއުލާނަކާއި ގުޅިގެން އެކަމަށް އެޕްލައި ކުރުމުން ކުރިއަށްދިޔަ ހުރިހާ ޕްރޮސެސެއްގެ ތެރެއިން ކަމަށެވެ. އިންޓަވިއު ކުރިއަށްގެންދިޔައީ އެކަމަށް ހާއްސަ މިނިވަން ޕެނަލަކުން ކަމަށާއި އެ ޕެނަލުގައި އިކްރާމް އަދި ހަލީލު ހިމެނިވަޑައިނުގަންނަވާ ކަމަށެވެ.

ފަޔާޒް ވިދާޅުވީ މިފަދަ ދަނޑިވަޅެއްގައި މިފަދަ ވާހަކަތައް ދައްކަނީ ސިޔާސީ ބޭނުމުގައި ވަކި ކެނޑިޑޭޓެއްގެ ނުފޫޒުން ކަމަށެވެ. އަދި މިފަދަ އަމަލުތައް ކުރާ ފަރާތްތަކާއިމެދު ގާނޫނީ ފިޔަވަޅު އެޅުމުގެ ވިސްނުން ގެންގުޅުއްވާކަމުގައިވެސް ފަޔާޒް ވިދާޅުވިއެވެ.

އަދި މިއަދު މިފަދަ ދޮގު ވާހަކަ ތަކެއް ދައްކަނީ މާދަމާ ދާއިރާގެ ބަހުސް ކުރިއަތް އޮތުމުން އެ ބަހުސްގައި ބައިވެރިވާން މާލެ ދާކަން އެނގުމުން ކަމަށް މީގެ އިތުރުން ފަޔާޒަށް ދާއިރާގައި އޮތް ތާއިދު ބޮޑުވެ އިންތިޚާބުގައި ކާމިޔާބު ނުލިބޭނެކަން ޔަގީން ވުމުން ދެ ކެނޑިޑޭޓެއް ވަނީ އެފަރާތް ތަކަށް ދޫ ދިނުމަށް އޭނާގެ ކިބައިން އެދިފައި ކަމަށާއި އެކަން ނުކުރާނެކަން ވިދާޅުވުމުން ދެން ކުރާނެ ކަމެއް ނެތިގެން ކޮށްފައިވާ ދަށު ދަރަޖައިގެ އަމަލެއްގެ ގޮތުގައި ސިފަ ކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް