ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހައްޔަރު ކުރަން ކުރިމިނަލް ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފު އަޑުއެހުންތައް މާދަމާ ހައިކޯޓުގައި ފެށުމަށް ތާވަލުކޮށްފި އެވެ.
ޔާމީން ހައްޔަރުކުރި މައްސަަލައިގެ އިސްތިއުނާފްގެ އަޑުއެހުންތައް ތާވަލް ކޮށްފައިވަނީ މާދަމާ ހެނދުނު 10:00 ޖަހާ އިރެވެ.
ރައީސް ޔާމީން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނީ އެމަނިކުފާނުގެ މައްޗަށް ތުހުމަތުކޮށްފައިވާ ލޯންޑްރީ މައްސަލާގަ އެވެ. އެ މަނިކުފާނު ބަންދު ކުރަން އަމުރު ނެރުނީ އެކަމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ކޯޓުގައި އެދިގެނެވެ.
އެމަނިކުފާނު ބަންދު ކޮށްފައިވަނީ މާފުށީ ޖަލުގެ ހާއްސަ ޔުނިޓެއްގަ އެވެ. ބަންދުކުރި ފަހުން ތިން ފަހަރެއްގެ މަތިން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައިވެ އެވެ. އެޑްމިޓްކުރީ ހިތުގެ އާލާސްކަންފުޅަކާ ގުޅިގެންނެވެ. އެމަނިކުފާނު ބަންދުކުރުމުގެ ޝަރީއަތުގެ މަޖިލީހުގައި ވެސް ސިއްހީ ހާލުކޮޅު ރަނގަޅު ނޫން ކަމަށް ވިދާޅުވެފައިވެ އެވެ.
ހައްޔަރުކުރި އަމުރު އިސްތިއުނާފު މާދަމާ ފަށާއިރު މަނީ ލޯންޑްރިން މައްސަލާގެ ޝަރީއަތް އަދި ނުފަށަ އެވެ. އެމަނިކުފާނުގެ އެކައުންޓް ވެސް ފްރީޒްކުރަން ކުރިމިނަލް ކޯޓުން އަމުރެއް ނެރެފައިވެ އެވެ. އެ އަމުރުގެ އިސްތިއުނާފު އަޑުއެހުންތައް ހައިކޯޓުން ނިންމާލައި ހުކުމް އިއްވުމަށް ވަނީ ތައްޔާރުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް