ގެމަނަފުށީ ދާއިރާ ހިމެނޭ ހަތަރު ރަށުގައި ދޮރުން ދޮރަށް ހިނގުމުގެ ކެމްޕެއިން ހަރަކާތެއް، އެ ދާއިރާއަށް ކުރިމަތިލައިފައިވާ ޖޭޕީ ކެންޑިޑޭޓު، އަލީ އާދިލް ކުރިއަށް ގެންދަވައިފިއެވެ.
އާދިލްގެ ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު މަނިކު ދުވަހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިހާތަނަށް ކެމްޕެއިންގެ ތެރެއިން ކުރިޔަށް ގެންދިޔަ ހުރިހާ ހަރަކާތެއްވެސް ވަރަށް ކާމިޔާބު ކަމަށެވެ. ތަފާތު ހިޔާލުގެ މީހުންނާއި ދިމާވިކަމަށާއި، ނަމަވެސް ދޮރުން ދޮރުގެ ހަރަކާތް ރަނގަޅުކަމަށް މުހައްވަދު މައުލޫމާތު ދިނެވެ.
ދާއިރާގައި ހިމެނޭ ހަތަރު ރަށް ކަމަށްވާ ގެމަނަފުށި، ކަނޑުހުޅުދޫ، ކޮނޑޭ އަދި ދެއްވަދޫ ގައި ކެމްޕެއިން ޖަގަހައެއް ގާއިމް ކުރެވިފައި ވާނެކަމަށް މުހައްމަދު ވިދާޅުވިއެވެ. އަދި ޒުވާނުންގެ މެދުގައި އެންމެ މަގުބޫލު ކުޅިވަރުތައް މި ޖަހަގަތަކުން އިންތިޒާމު ކުރަމުން ދާކަމަށްވެސް މުހައްމަދު ވިދާޅުވިއެވެ. މިގޮތުން އަންނަ ހަފްތާގައި ފުޓްސަލް މުބާރާތަކާއި، ފުޓްބޯޅަ އަދި ވޮލީ މުބާރާތެއް ދާއިރާގެ ޒުވާނުންނަށް ހާއްސަކޮށްގެން ބާއްވަން ހަމަޖެހިފައިވާކަމަށްވެސް މުހައްމަދު އިތުރަށް ވިދާޅުވިއެވެ.
ކެމްޕެއިން ކުރުމަށް އަންނަ ހަފްތާގެ ތެރޭގައި ޕޯސްޓަރު ހަރުކުރުމުގެ މަސައްކަތް ފެށިގެންދާނެކަމަށް ދުވަހަށް މައުލޫމާތު ދެމުން މުހައްމަދު ވިދާޅުވިއެވެ.
މީގެ އިތުރުން، ކުރިޔަށް އޮތް ދުވަސްތަކުގައި، ކެމްޕެއިން ހަރަކާތްތަކުގެ ގޮތުން އިތުރު އިވެންޓްތައް ރާވަމުން ގެންދާކަމަށްވެސް މުހައްމަދު ވަނީ ފާހަގަކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް