މި ހިނގާ މާޗް މަހުގެ 28 ވަނަ ދުވަހުގެ ކުރިން ކަރަންޓުގެ އަގު ހެޔޮ ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު އަލީ ވިދާޅު ވެއްޖެއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އަޙްމަދު އަލީ ވިދާޅުވީ ކަރަންޓުގެ އަގު ހެޔޮ ކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން އެކަމާއި ގުޅޭ މަޝްވަރާތަކާއި ސާވޭތައް މިހާރު ނިންމާފައިވާ ކަމުގައެވެ.
އަޙްމަދު އަލީ ވިދާޅުވީ ކަރަންޓުގެ އަގު ކުޑަކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ކަމާގުޅޭ ހުރިހާ އިދާރާތަކާއި ގުޅިގެން ކަމަށެވެ. އެގޮތުން ރައީސް އޮފީހާއި، މިނިސްޓްރީ އޮފް އެންވާރަމެންޓާއި، ސްޓެލްކޯ، ފެންކަ އަދި އެމްޑަބްލިއުއެސްސީން ވަނީ މި މަޝްވަރާތަކުގައި ބައިވެރިވެފައެވެ.
ކަރަންޓުގެ އަގު ކުޑަކުރުމަށް ކަނޑައަޅާފައިވަ މިންވަރެއް އަދި މިނިސްޓްރީއިން ހާމަކޮށްފައެއް ނުވެއެވެ. އަޙްމަދް އަލީ ވިދާޅުވީ މިނިސްޓްރީއިން އެކުލަވާލި ޑްރާފްޓް، ރައީސަށް ހުށަހަޅާ އަގުތައް ފައިނަލް ކުރުމަށްފަހު، ސަރުކާރުގެ ފުރަތަމަ 100ދުވަހުގެ ތެރޭގައި އަގުތައް އިޢުލާން ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
ކަރަންޓްގެ އަގު ކުޑަ ކުރުމާއި ރާއްޖެގެ ހުރިހާ ރަށެއްގައިވެސް އެއް އަގެއްގައި ކަރަންޓްގެ ހިދުމަތް ފޯރުކޮށް ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ރިޔާސީ ވައުދުފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް