އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ހައްޔަރު ކުރުމަށް ފަހު ފޯނު އަތުލުމަށް ފަހު ދޫކޮށްލައިފި އެވެ.
މުހައްމާ ހައްޔަރުކޮށްފައިވަނީ މަގުމަތިން ހިނގާފައި ވަޑައިގެންނަވަނިކޮށް ކަމަށް މައުލޫމާތު ލިބެ އެވެ. ފުލުސް އޮފީހަށް ގެންދިއުމަށް ފަހު ފޯނު އަތުލައި، މުހައްމާ ދޫކޮށްލީ އަންނަ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް އެ އިދާރާއަށް ހާޒިރު ވުމަށް ޗިޓު ހަވާލު ކުރުމަށް ފަހު އެވެ.
ފުލުހުން މުހައްމާ އާއި ހަވާލު ކުރި ޗިޓުގައި ބުނެފައިވަނީ އޭނާގެ މައްޗަށް ދައުލަތުގެ މުވައްޒަފުންނަށް ރިޝްވަތު ދޭން އުޅުއްވި ކަމުގެ ތުހުމަތު ކުރެވޭ ކަމަށެވެ. އެގޮތުން އެކެއް ފެބްރުއަރީގެ ހުކުމާއި ގުޅިގެން ދައުލަތުގެ އެކި އިދާރާތައް ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް މުވައްޒަފުންނަށް ރިޝްވަތު ހުށަހަޅައި މުވައްޒަފުން ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ހުރަސް އަޅައި ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކުރެވެ އެވެ.
މުހައްމާގެ އިތުރުން އިދިކޮޅު އެތައް ބަޔަކު ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ސަރުކާރު ވައްޓާލުމަށާއި ރިޝްވަތު ހިފުމާއި ހަމަ ނުޖެހުން އުފައްދަން އުޅޭ ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ އިތުރުން ފަނޑިޔާރު އަލީ ހަމީދު ހިމެނިވަޑައިގެންނަވަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް