ފަނޑިޔާރުންގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާއި އެންޓި ޑިފެކްޝަން ބިލުގެ ބަހުސް މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި އެވެ.
މަޖިލީހުގެ އިދާރާއިން އާންމު ކޮށްފައިވާ އެޖެންޑާގައި ވާގޮތުން މާދަމާގެ ޖަލްސާގައި އޮތީ ހަމައެކަނި އެ ދެ މަސައްކަތެވެ. ދެން އޮތީ މަސައްކަތެއް ނިމިއްޖެ ނަމަ ވޯޓަށް އެހުމެވެ.
މީގެ ތެރެއިން އެންޓީ ޑިފެކްޝަން ބިލަކީ ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުށަހެޅުއްވި ބިލެކެވެ. އެ ބިލުގައި ވާގޮތުން މަޖިލީހަށް މެންބަރަކު އިންތިހާބުވާ ސިޔާސީ ޕާޓީއަކުން ވަކިވެއްޖެ ނަމަ ނުވަތަ ކަނޑާލައިފި ނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ އެވެ. އެކަމަކު އަމިއްލަ ގޮތުން އިންތިހާބުވާ މެންބަރުން ސިޔާސީ ޕާޓީ އަކާއި ގުޅުނަސް ގޮނޑިއެއް ނުގެއްލޭނެ އެވެ.
ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއް ރަހީމް އަބްދުﷲ އެވެ. އެ އިސްލާހުގައި ވާގޮތުން ފަނޑިޔާރުންގެ މައްޗަށް ޖިނާއީ ކުށެއް ސާބިތު ވެއްޖެ ނަމަ ކުށް ސާބިތުވާ ދުވަހުން ފެށިގެން ފަނޑިޔާރުކަން ގެއްލޭނެ އެވެ.
މި އިސްލާހުތައް މަޖިލީހަށް ހުށަހެޅުމުން އިދިކޮޅު މެންބަރުން ވަނީ އެ އިސްލާހު ތަކަށް ތާއީދު ނުކުރާ ކަމަށް ބުނެފަ އެވެ. އެކަމަކު މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު (އައްޑޫ ޝަރީފު) ވިދާޅުވީ އެންޓީ ޑިފެކްޝަންގެ ބިލަށް ތާއީދު ކުރައްވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް