ލަންކާ ކައިރީގައި ކޮޅިގަނޑެއް އުފެދި، ރާއްޖެއަށް މޫސުން ގޯސްވާނެ

ސްރީލަންކާގެ ދެކުނުގައި އުފެދިފައިވާ ކޮޅިގަނޑުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ. އެ އިދާރާއިން މިއަދު ބުނީ އެ ކޮޅިގަނޑޫ އުފެދިފައިވަނީ ރާއްޖޭގެ އިރުން ކަމަ...

11 Mar 2018 | 06:36

ސްރީލަންކާގެ ދެކުނުގައި އުފެދިފައިވާ ކޮޅިގަނޑުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

އެ އިދާރާއިން މިއަދު ބުނީ އެ ކޮޅިގަނޑޫ އުފެދިފައިވަނީ ރާއްޖޭގެ އިރުން ކަމަށާއި ކޮޅިގަނޑު މިހާރު ހުޅަނގަށް ޖެހެމުންދާ ކަމަށެވެ. މެޓް އޮފީހުން ލަފާ ކުރާ ގޮތުގައި ކުރިޔަށް އޮތް 48 ގަޑި އިރު ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ އެވެ.

އަދި ވައިގަދަވެ ކަނޑު ގަދަވާނެ ކަމަށް ލަފާ ކުރެވޭތީ ކަނޑު ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް އިލްތިމާސް ކުރެ އެވެ. މެޓް އޮފީހުން ބުނީ ލަންކާ ކައިރީގައި އުފެދިފައިވާ ކޮޅިގަނޑަކީ މާ ވަރުގަދަ ކޮޅިގަނޑެއް ނޫން ކަމަށެވެ.

މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ދެކުނުގެ އަތޮޅުތަކުގެ ރަށްތަކަށް ވަނީ ބޯކޮށް ވާރޭވެހި ގުގުރާފަ އެވެ. އަދި ބައެއް ރަށްރަށަށް ގުގުރުމާއި އެކު ހޮނު އެޅުމުން ކަރަންޓު ކެނޑުމާއި ގޭގޭގައި ހުރި އިލެކްޓްރޯނިކް ސާމާނު ހަލާކުވެފައިވެ އެވެ.

މިހާރުވެސް ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ ރަށްތަކަށް އޮތީ ވައިޓް އެލާޓު ނެރެފަ އެވެ. މެޓް އޮފީހުން ބުނީ މިއަދު ހަވީރު 4:00 އާއި ހަމައަށް އެ ސަރަހައްދު ތަކަށް ބޯކޮށް ވާރޭވެހި ގުގުރުމާއި އެކު 40 މޭލަށް ވައި ގަދަވާނެ ކަމަށެވެ.

އެހެންވެ މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުކަން ދީގެން ދަތުރުފަތުރު ކުރުމަށް އިލްތިމާސް ކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް