އޮކްޓޯބަރު 15 އަކީ ދަނޑުވެރިންގެ ދުވަސް ކަމުގަ ހަމަޖައްސައިފި

މިއަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޮކްޓޯބަރު15 ވަނަ ދުވަހަކީ ދަނޑޫވެރިންގެ ދުވަހުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހަމަޖައްސަވައިފި އެވެ. މިގޮތަށް ނިންމެވީ މިއަދު އޮތް ...

11 Feb 2020 | 14:29

މިއަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޮކްޓޯބަރު15 ވަނަ ދުވަހަކީ ދަނޑޫވެރިންގެ ދުވަހުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހަމަޖައްސަވައިފި އެވެ.

މިގޮތަށް ނިންމެވީ މިއަދު އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ހުށަހެޅި ކަރުދާހަކަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރުމަށް ފަހު އެވެ. މި މަޝްވަރާގައި ވަޒީރުން ފާހަގަ ކުރެއްވި ކަންކަމުގެ ތެރޭގައި ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ވަކި ދުވަހެއް ފާހަގަ ކުރާނަމަ ދިވެހި ދަނޑުވެރިކަމުގެ ތަރައްގީގެ ސިޔާސަތުތަކާއި މަޝްރޫއުތައް އެހެނިހެން ސިނާއަތުތަކާއި އެއް މިސްރާބެއްގައި ތަރައްގީކުރުމަށް ފުރުސަތު ފަހިވެގެންދާނެ އެވެ.

ރައީސް އޮފީހުން ބުނީ ދަނޑުވެރިކަމުގެ ދުވަހެއް ފާހަގަ ކުރުމުގެ މަގުސަދަކީ ދިވެހިރާއްޖޭގެ ކާނާގެ ޔަގީންކަން ކަށަވަރުކުރުމުގެ ގޮތުން ދަނޑުވެރިންކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމާއި، ޒުވާނުންނާއި މަސައްކަތްކުރާ އުމުރުގެ މީހުން ދަނޑުވެރިކަމަށް ޝައުޤުވެރިކުރުވުމެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނޑުވެރިކަމުގެ އެކި މަސައްކަތްތަކުގައި ޙަރަކާތްތެރިވާ ފަރާތްތައް އެއްތަނަކުން ބައްދަލުވެ، އެފަރާތްތަކަށް ކުރިމަތިވަމުންދާ ހުރަސްތަކާއި ދަތި ކަންކަން ފާހަގަކޮށް އެ ކަންކަން ޙައްލުކުރުމަށް ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކުރުމުގެ ފުރުޞަތު ހޯދައިދިނުމެވެ. މީގެ އިތުރުން ތިމާވެށްޓަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމަށް ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށްޓަކައި އެކަމަށް އެންމެ އެކަށޭނަ އައު ފަންނުތައް ދަނޑުވެރިންނަށް ތަޢާރަފުކުރުންވެސް ހިމެނެއެވެ.

އޮކްޓޯބަރު15 ވަނަ ދުވަސް ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަން ނިންމީ އޮކްޓޯބަރު16 ވަނަ ދުވަހަކީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ކަމުގައި ވާތީ އެވެ. ރައީސް އޮފީހުން ބުނީ ދެ ދުވަސް އެކުގައި ފާހަގަ ކުރުމަށް އެ ދުވަހު ދަނޑުވެރިންގެ ދުވަސް ފާހަގަކުރެއްވުމުގެ އެއް ބޭނުމަކީ ދަނޑުވެރިންނާއި އެ މީހުން އުފައްދާ ތަކެއްޗާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ތަފާތު ހަރަކާތްތައް ހިންގުމަށް މަގުފަހިކޮށްދިނުމެވެ.

މީގެ ކުރިން ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ކަނޑައަޅާފައިވަނީ އޯގަސްޓު މަހުގެ10 ވަނަ ދުވަހެވެ. އެކަމަކު އެކި ސަބަބުތަކާއި ހެދި ކޮންމެ އަހަރުވެސް އެ ދުވަސް ކަނޑައަޅާފައި އޮންނަ ދުވަހު ފާހަގަ ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް