އަނދުން ހުސެއިން އެންމެ ފަހުން ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގެންފި

މާލޭ ރައްޔިތުން ދިރިއުޅެމުންދަނީ ޕަލަސްތީން ރައްޔިތުން އުޅޭ ހާލުގަ ކަމަށް ވިދާޅުވެ އަތޮޅު ތެރޭ ރައްޔިތުންނަކީ އިޒްރާއީލް މީހުން ކަމަށް ސިފަވާގޮތަށް ދެއްކި ވާހަކަތަކާއި ގުޅިގެން ހޫނު ފެނަށް ވެއްޓިފައިވ...

11 Feb 2020 | 10:48

މާލޭ ރައްޔިތުން ދިރިއުޅެމުންދަނީ ޕަލަސްތީން ރައްޔިތުން އުޅޭ ހާލުގަ ކަމަށް ވިދާޅުވެ އަތޮޅު ތެރޭ ރައްޔިތުންނަކީ އިޒްރާއީލް މީހުން ކަމަށް ސިފަވާގޮތަށް ދެއްކި ވާހަކަތަކާއި ގުޅިގެން ހޫނު ފެނަށް ވެއްޓިފައިވާ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގެންފި އެވެ.

އަނދުން ހުސައިން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލޭ ރައްޔިތުން ދިރިއުޅެމުންދަނީ ފަލަސްތީން ރައްޔިތުން އުޅޭ ހާލުގައި ކަމަށް ވިދާޅުވީ މާލޭ ރައްޔިތުން އުޅެމުންދާ ނިކަމެތި ހާލު ސިފަކޮށްދިނުމަށް ކަމަށެވެ. އެއީ އެއްވެސް ހާލެއްގައި މާލޭގައި ދިރިއުޅޭ އަތޮޅު ތެރޭ ރައްޔިތުންނަށް ކުޑައިމީސް ބަހެއް ބުނުމުގެ ނިޔަތުގައި ވިދާޅުވި އެއްޗެއް ނޫންކަމަށް އަންދުން ހުސައިން ޓުވީޓު ކުރައްވާފައިވެ އެވެ.

އިތުރަށް ވިދާޅުވެފައިވަނީ ސީދާ ގޮތުންވެސް ނުސީދާ ގޮތުންވެސް ކުޑައިމީސް ބަހެއް ބުނުމަކީ އެ ވާހަކަތަކުގެ މާނަ ނޫންކަމަށެވެ. އެކަމަކު ދެއްކި ވާހަކައިގެ މާނަ އޮޅުނު ފަރާތްތަކުގެެ ކިބައިން މައާފަށް އެދޭކަމަށް ވިދާޅުވެފައިވެ އެވެ.

https://twitter.com/AndhunHussain/status/1227162746698911744

https://twitter.com/AndhunHussain/status/1227162827011440640

އަނދުން ހުސައިން ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ދެއްކެވި ވާހަކަތަކާއި ގުޅިގެން އެމްޑީޕީގެ މެންބަރުންގެ ތެރެއިން ފާޅުގައި ފުރަތަމަ ރައްދު ދެއްވީ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ އެވެ. މެންބަރު ޔައުގޫވި ވިދާޅުވީ އިޒްރާއީލްގެ ނުބައި ނުލަފާ މީހުންނާ އެއް ހަމައެއްގައި އަތޮޅު ތެރޭ މީހުން މިނެކެރީތީ ކަނބޮޑުވެ، ލަދުވެތިވެ ހިތާމަކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވާން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެކަމަކު މިގޮތަށް ތަފާތު ކުރުން ގެންގުޅެގެން ނުވާނެ ކަމަށެވެ.

މިކަމާ ހިތްހަމަ ޖެހިވަޑައި ނުގަތް މިއަދު ހެނދުނު އަނދުން ހުސައިން ކުރެއްވި ޓުވީޓެއްގައި ވަނީ ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ދިނުމާ ދެކޮޅަށް ޔައުގޫބު ކުރައްވާ މަސައްކަތުގައި ރިޝްވަތު ހިފާފައިވާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

އެގޮތުން ސީޕްލޭން ޓަމިނަލް ވަކި ބަޔަކަށް ދޭތީ މިދިޔަ ދުވަސްތަކުގައި މެންބަރު ޔައުގޫބު ހިތްހަމަ ނުޖެހުން ފާޅުކުރި ކަން ތާރީހުން އެނގެން ހުންނާނެ ކަމަށް މެންބަރު ހުސައިން ވިދާޅުވި އެވެ. އަދި ވިދާޅުވެފައިވަނީ ދެން އެކަމުގައި މެންބަރު ޔައުގޫބަށް ކޮންމެ ގޮތެއް ވަރިހަމަވާނެ ކަމަށާއި ޔައުގޫބު ހުންނެވީ ކޮޅު ގޮހޮރަށް ކައިގެން ދަށުވެފައި ކަމަށެވެ.

އިތުރަށް ވިދާޅުވެފައިވަނީ މެންބަރު ޔައުގޫބުު މެންފަދަ ބޭފުޅުންގެ ފެންވަރަކީ އެއީ ކަމަށެވެ.

އަނދުން ހުސައިން ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގެންފަ މިވަނީ ގިނަ ބަޔަކު އެކަމަށް ސޯޝަލް މީޑިއާގައި ގޮވާލަމުން ދަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް