އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރ، ހަރ އެކްސެލެންސީ ކެރޮން ރޮސްލާ، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލުއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ބަންޑާރަކޮށީގައި މިއަދު ކުރިއަށްދިޔަ އެ ބައްދަލުވުމުގައި، އެމްއެންޑީއެފްގެ ޤާބިލްކަން އިތުރު ކުރުމަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ދާއިރާތަކާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވެއެވެ. އަދި، އެމްއެންޑީއެފްގެ އިސްތިރާޖީ މިސްރާބާ ބެހޭގޮތުންނާއި، މެރިޓައިމް ސެކިޔުރިޓީ އަދި ކައުންޓަރ ޓެރަރިޒަމްއާ ގުޅޭ ގޮތުން ދެ ޤައުމުގެ ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން ވެސް ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.
ޗީފް އޮފް ޑިފެންސް ފޯސްގެ އަރިހުގައި، އެމްއެންޑީއެފް ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަންސް އެންޑް ޓްރޭނިންގގެ ޕްރިންސިޕަލް ޑައިރެކްޓަރ ކާނަލް އަޙްމަދު ޣިޔާޞްއާއި، އެމްއެންޑީއެފް ޑައިރެކްޓްރޭޓް އޮފް ޕްލޭންސް، ޕޮލިސީ އެންޑް ރިސޯސް މެނޭޖްމަންޓްގެ ޕްރިންސިޕަލް ޑައިރެކްޓަރ ލެފްޓިނެންޓް ކާނަލް ޙަސަން އާމިރު އަދި، ޑިޕާޓްމަންޓް އޮފް އިންޓަރނޭޝަނަލް ޑިފެންސް ކޯޕަރޭޝަންގެ ޑައިރެކްޓަރ، މޭޖަރ މުޙައްމަދު ފަހުމީ އެ ބައްދަލުކުރެއްވުމުގައި، ބައިވެރިވެވަޑައިގެންފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް