ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކާ ގުޅޭ ޚަބަރާއި މަޢުލޫމާތު މީޑިއާތަކުގައި ފެތުރުމުގައި ސާމާލުވުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމް.އެމް.ސީ)ން އެންމެހާ މީޑިއާތަކަށް އިލްތިމާސްކޮށްފިއެވެ.
އެގޮތުން އެކައުންސިލްއިން ނެރުނު ނޫސްބަޔާންގައި ބުނެފައިވަނީ ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކަކީ ޚައްސާސީ މައްސަލަތަކަށްވުމާއެކު މިފަދަ މައްސަލަތަކާއި ގުޅޭ ޚަބަރާއި މަޢުލޫމާތު މީޑިއާގައި ޢާންމު ކުރެވޭގޮތަކުން ކުޑަކުދިންނަށް ނޭދެވޭ އަސަރުކުރުން ތަކުރާރުވުމާއި، ރީ-ވިކްޓިމައިޒްވުމުގެ ފުރުސަތު ބޮޑުވާތީ، ކުޑަކުދިންނާ ގުޅުންހުރި ޚަބާރާއި މަޢުލޫމާތު ފެތުރުމުގައި، އެކައުންސިލުން އެކުލަވާލާފައިވާ "ކުޑަކުދިންނާ ގުޅޭ ޚަބަރާއި މަޢުލޫމާތު ހާމަކުރުމުގެ ގައިޑްލައިން" އާ އެއްގޮތަށް ޚަބަރުފެތުރުމަށް އެންމެހާ މީޑިއާތަކަށް ހުށަހަޅާކަމަށެވެ.
އަދި ޤާނޫނު ނަމްބަރް 2009/12 (ކުޑަކުދިނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަށް އަމަލުކުރުމުގެ ޤާނޫނު) ގެ 54 މާއްދާގެ ދަށުން އެ ޤާނޫނުގައި ބާޔާންކޮށްފައިވާ ކަމެއް ދިމާވެފައިވާ ކުއްޖެއްގެ ތަފްސީލުތައް މީޑިއާގައި ޝާއިޢުކުރުމަކީ ހުއްދަކަމެއް ނޫންކަންވެސް އެމް.އެމް.ސީ އިން މީޑިއާތަކަށްވަނީ ހަނދާންކޮށްދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް