ރާއްޖެ އަންނަ އިނގިރޭސިވިލާތުގެ ފަތުރުވެރިން އާންމު ތަންތަނުގައި ހެދުން އެޅުމުގައި ރާއްޖޭގެ ގަވައިދުތަކަށް އިހްތިރާމް ކުރުމަށް އެގައުމުގެ ސަރުކާރުން އިލްތިމާސްކޮށްފި އެވެ.
މިގޮތަށް އިލްތިމާސްކޮށްފައި މިވަނީ ކ. މާފުށީގައި އިނގިރޭސިވިލާތުގެ އަންހެން ފަތުރުވެރިއަކު މަސްތުގެ ހާލަތުގައި ނިވާކަން ކުޑަ ބިކިނީއެއް ލައިގެން އުޅޭތީ ފުލުހުން ނަސޭޭހަތް ދިނުމުންވެސް ނިވާ ކުރުމަށް ދެކޮޅު ހެދުމުން ހައްޔަރު ކުރި މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ.
އިނިގރޭސިވިލާތުން އެންމެ ފަހުން ޓްރެވަލް އެޑްވައިޒަރީ ނެރެފައިވަނީ ހުޅުމާލޭގައި ބިދޭސީންތަކަކަށް ހަރުކަށި ފިކުރުގެ ބަޔަކު ތޫނުއެއްޗަކުން ހަމަލާދިނުމާއި ގުޅިގެން އެ ގައުމުގެ ފަތުރުވެރިންނަށް ރާއްޖެއަށް ސަމާލުވުމަށް އަންގަ އެވެ. ހަމަ އެ އެޑްވައިޒަރީގައި އިއްޔެ ވަނީ ރާއްޖޭގެ އާންމު ތަންތަނުގައި ހެދުން އެޅުމުގައި ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް އަމަލު ކުރުމަށް އަންގާކަމަށް ބުނެ އެބައި ހިމަނާފަ އެވެ.
ރާއްޖެއާ ބެހޭގޮތުން އިނގިރޭސިވިލާތުން ފަތުރުވެރިންނަށް ދީފައިވާ މައުލޫމާތުތަކުގައި މީހުން ދިރިއުޅޭ ރަށްރަށުގައި ނިވާކަން ކުޑަ ހެދުން ލައިގެން ނޫޅެވޭނެ ކަން އަންގައިދީފަ ވެއެވެ. އަދި މަސްތުގެ ހާލުގައި އުޅުމަކީވެސް މަނާކަމެއްކަން ފާހަގަކޮށްފައިވެ އެވެ.
މާފުށިން ހައްޔަރު ކުރި އަންހެން މީހާ މަސްތުގެ ހާލުގައި ނިވާކަން ކުޑަކޮށް ރަށުތެރޭގައި އުޅޭތީ ފުލުހުންނަށް ރިޕޯޓު ކުރީ އާންމުންނެވެ. އެމީހާ ފުލުހުންނަށް ކިޔަމަންވެ ނަސޭހަތް ގަބޫލުކޮށްފަ ނުވާއިރު ފުލުސް މީހާގެ ކާޑު ދަމައިގަންނަން މަސައްކަތް ކޮށް، އައިނުވެސް އަތުލާފައިވެ އެވެ. ފުލުހުން އެމީހާ ގަދަކަމުން ހައްޔަރު ކުރީ އޭގެ ފަހުންނެވެ.
މި މައްސަލައިގަ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ފަތުރުވެރިޔާގެ ކިބައިން މައާފަށް އެދުނަސް ދިވެހި ރައްޔިތުންނާއި ހޯމް މިނިސްޓަރު ވިދާޅުވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގައި ގޯހުން ކަމެއް ނުކުރާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް