ކާތިކް ފުރަތަމަ އެކްޝަން ފިލްމަށް ތައްޔާރުވާން ފަށައިފި

ބޮލީވުޑްގައި މިހާރު އެންމެ މަޝްހޫރު ޒުވާން ތަރިންގެ ތެރޭގައި ހިމެނޭ ކާތިކް އާރިޔާން، އޭނާގެ ފުރަތަމަ އެކްޝަން ފިލްމަށް ތައްޔާރުވާން ފަށައިފި އެވެ. މިހާތަނަށް12 ފިލްމަކުން ފެނިގެން ގޮސްފައިވާ ކާތިކް މު...

11 Feb 2020 | 01:55

ބޮލީވުޑްގައި މިހާރު އެންމެ މަޝްހޫރު ޒުވާން ތަރިންގެ ތެރޭގައި ހިމެނޭ ކާތިކް އާރިޔާން، އޭނާގެ ފުރަތަމަ އެކްޝަން ފިލްމަށް ތައްޔާރުވާން ފަށައިފި އެވެ.

މިހާތަނަށް12 ފިލްމަކުން ފެނިގެން ގޮސްފައިވާ ކާތިކް މުޅިންވެސް ކުޅެފައިވަނީ ލޯބީގެ ރޯލުތަކާއި މަޖާ ރޯލުތަކެވެ. އެހެންވެ އޭނާ ހުރީ އެކްޝަން ފިލްމެއް ކުޅެން ވަރަށް ބޭނުންވެފަ އެވެ.

ކާތިކްއަށް އެ ފުރުސަތު ދިނީ މިހާރު ސިނަމާގައި ދައްކަމުންދާ އަދި ބޮޑު ކާމިޔާބީއެއް ހޯދަމުންދާ އަޖޭ ދޭވްގަންގެ "ތާނަޖީ: ދި އަންސަންގް ވޮރިއާ" ގެ ޑައިރެކްޓަރު އޯމް ރައުތެވެ. މި ފިލްމާއި ގުޅޭ މާގިނަ މަސައްކަތްތަކެއް އަދި ނުކުރެ އެވެ.

ހަމައެކަނި ސްކްރިޕްޓްގެ މަސައްކަތް ނިމިފައިވާ ފިލްމުގައި ދެން ކާތިކް އާއި އެކު މަސައްކަތް ކުރާނެ ތަރިން ހޯދުމުގެ މަސައްކަތްވެސް އަދި ނުކުރާ ކަމަށް އޯމް ބުނެފައިވެ އެވެ. ހަމައެކަނި އޯމް ބުނެފައިވަނީ އެއީ ވަރަށް ވަރުގަދަ ބޮޑު ބަޖެޓަކުން ހަދާ ފިލްމެއް ކަމަށެވެ.

މި ފިލްމުގެ މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވަނީ އިންޑިއާ އާއި އެހެން ބައެއް ގައުމުތަކުގައި އެވެ.

ކާތިކް ކުޅެފައިވާ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" އާއި "ލުކާ ޗުއްޕީ" އަދި "ޕަތީ ޕަތުނީ އޯރް ވޯ" ހިމެނެ އެވެ. އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ މިމަހުގެ14 ވަނަ ދުވަހު ރިލީޒް ކުރާ "ލަވް އާޖް ކަލް" އިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް