ކޮރޯނާ ވައިރަހުގައި މަރުވި މީހުންގެ އަދަދު ހާހުން މައްޗަށް

ނުރައްކާތެރި ކޮރޯނާ ވައިރަހުގައި ޗައިނާއިން މަރުވި މީހުންގެ އަދަދު ހާހުން މައްޗަށް ގޮސްފިއެވެ. މި އަދަދު ހާހުން މައްޗަށް ގޮސްފައިމިވަނީ އިއްޔެއިން މިއަދާއި ހަމައަށް މަރުވި މީހުންގެ އަދަދު 108 އަށް އެރ...

11 Feb 2020 | 01:48

ނުރައްކާތެރި ކޮރޯނާ ވައިރަހުގައި ޗައިނާއިން މަރުވި މީހުންގެ އަދަދު ހާހުން މައްޗަށް ގޮސްފިއެވެ.

މި އަދަދު ހާހުން މައްޗަށް ގޮސްފައިމިވަނީ އިއްޔެއިން މިއަދާއި ހަމައަށް މަރުވި މީހުންގެ އަދަދު 108 އަށް އެރުމުންނެވެ. މިއީ މިހާތަނަށް ދުވަހެއްގައި މަރުވި މީހުންގެ އަދަދު 100 އަށް އެރި ފުރަތަމަ ފަހަރެވެ.

މިއާއެކު މި ވައިރަހަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދުވެސް މިވަނީ ބޮޑުތަނުން މައްޗަށް ގޮސްފައެވެ. އެ އަދަދު މިހާރު މިވަނީ 42،638 އަށް އަރާފައެވެ. މިއީ އިއްޔެއާއި އަޅާ ބަލާއިރު 2478ގެ އިތުރުވުމެކެވެ.

މި އަދަދު މިހާ މައްޗަށް ގޮސްފައިވާއިރު މި ވައިރަހަކީ މިދިޔަ ޑިސެމްބަރު މަހުގައި ފެތުރެން ފެށި ވައިރަހެކެވެ. މި ވައިރަސް އެންމެ ފުރަތަމަ ފެނުނީ ޗައިނާގެ ހުބެއި ޕްރޮވިންސްގެ ވޫހާން ސިޓީންނެވެ. މި ވައިރަސް ފެތުރެން ފެށީ ޑިސެމްބަރު މަހުގެ ކުރީކޮޅުގައި ނަމަވެސް މި ވައިރަސް ފެތުރޭކަން ޗައިނާއިން ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ސަމާލުކަމަށް ގެނައީ ޖަނަވަރީ ހަތްވަނަ ދުވަހުގައެވެ.

އެއާއެކު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ދުނިޔޭގެ އެކި ގައުމުތަކަށް މި ވައިރަހާއި ބެހޭ މައުލޫމާތާއި އަޅަންވާ ސަލާމަތީ ފިޔަވަޅުތަކުގެ މައުލޫމާތުތައް ފޯރުކޮށްދޭން ފެށިއެވެ.

މިހާރު މި ވައިރަސް ވަނީ 28 ގައުމަކުން ފެނިފައެވެ. ޗައިނާއިން ބޭރުން ދެ ގައުމަކުން ދެމީހަކުވެސް މަރުވެފައިވެއެވެ.

މި ވައިރަހަށް ރާއްޖެއިންވެސް ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. އެގޮތުން ކަރަންޓީނު ފެސިލިޓީތައް ގާއިމުކޮށް، ރާއްޖެ އެތެރެވާ ފަތުރުވެރިންނާއި ދަތުރުވެރިން އަންނަނީ މޮނީޓަރ ކުރަމުންނެވެ. އަލްހަމްދުލިﷲ މި ވައިރަހަށް ރާއްޖެއިން އަދި މީހަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް