ގާނޫނީ ވަކީލަކަށްވެސް އަދި އާއިލާ މެމްބަރަކަށްވެސް ރައީސް މައުމޫން އާއި ބައްދަލުކުރުމުގެ ފުރުސަތު ނޯންނާނެ ކަމުގައި ކަރެކްޝަނުން އަންގާފައިވާކަމުގައި ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވެއްޖެ އެވެ.
މައުމޫން ހަމީދު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައި އެވެ.
އެ ޓްވީޓްގައި މައުމޫން ހަމީދު ވިދާޅުވެފައިވަނީ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވާތީ ގާނޫނީ ވަކީލަކަށްވެސް އަދި އާއިލާ މެމްބަރަކަށްވެސް މައުމޫނާ ބައްދަލު ނުކުރެއްވޭނެ ކަމުގައި ކަރެކްޝަންސް އިން އަންގާފައިވާކަމަށެވެ.
މައުމޫން ހަމީދުގެ ޓްވީޓްގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އަށް ސުވާލެއްވެސް ކުރިމަތި ކުރައްވާފައި ވެ އެވެ.
މައުމޫން ހަމީދު އިތުރަށް ވިދާޅުވެފައިވަނީ ރައީސް މައުމޫން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި އިރު އާއިލާ މެމްބަރުންނަށްވެސް އަދި ވަކީލުންނަށްވެސް ބައްދަލުކުރެވޭކަން ފާހަގަކުރާ ކަމަށެވެ.
ސުޕްރީމް ކޯޓުން ނެރުނު އަމުރަކާގުޅިގެން ނެރުނު ކުއްލި ނުރައްކަލުގެ ހާލަތަށްފަހު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހައްޔަރު ކޮށްފައިވާއިރު ރައީސް މައުމޫންގެ މައްޗަށް ހަތަރު ތުހުމަތެއް ކޮށްފައި ވެ އެވެ. އެ ތުހުމަތު ތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމާއި ސަރުކާރު ވައްޓާލަން ރޭވުން ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް