ފަލަސްތީނު ސުލްހައިގެ މަޝްވަރާގެ މެދުވެރިއަކަށް އިންޑިއާ ވެދީ: އައްބާސް

ފަލަސްތީނާއި އިޒްރޭލު މަސްރަހުގައި މަޝްވަރާގެ މެދުވެރިއަކަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެދިނުމަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އެދިލައްވައިފި އެވެ. މޯދީ ކުރެން އައްބާސް މިކަމަށް އ...

10 Feb 2018 | 23:47

ފަލަސްތީނާއި އިޒްރޭލު މަސްރަހުގައި މަޝްވަރާގެ މެދުވެރިއަކަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެދިނުމަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އެދިލައްވައިފި އެވެ.

މޯދީ ކުރެން އައްބާސް މިކަމަށް އެދިލެއްވީ މޯދީ މިހާރު ފަލަސްތީނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

އައްބާސް ވިދާޅުވެފައިވަނީ އިންޑިއާއިން އެކަމުގެ މެދުވެރިއަކަށް ވެއްޖެ ނަމަ އެމެރިކާއިން އިސްނަގާ ނެގުން ހުއްޓުމަކަށް އަތުވެދާނެ ކަމަށެވެ.

އިޒްރޭލާއި ފަލަސްތީނާއި ދެމެދުގެ ސުލްހައިގެ ވާހަކަތަކުގައި އާންމު ގޮތެއްގައި މެދުވެރިއެއްގެ ރޯލު އަދާކުރަމުން އަންނަނީ އެމެރިކާއިންނެވެ. އެހެންނަމަވެސް ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމުގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ބަލައިގަތް ހިސާބުން ފަލަސްތީނުން ވަނީ ސުލްހައިގެ ވާހަކަތައް އެމެރިކާ މެދުވެރިވެ އޮވެ ކުރިއަށް ނުގެންދާނެކަން އަންގާފައި އެވެ.

ފަލަސްތީނުގެ ރާމަﷲ އަށް މޯދީ ކުރެއްވި މި ދަތުރުފުޅު ތާރީހީ ދަތުރުފުޅަކަށް ވެގެންދަނީ މިއީ އިންޑިއާގެ ބޮޑުވަޒީރަކު ފަލަސްތީނަށް ޒިޔާރަތްކުރެއްވި ފުރަތަމަ ފަހަރު ކަމުގައިވާތީ އެވެ.

އައްބާސް އާއެކު ކުރިއަށްދިޔަ ބައްދަލުވުމުގައި މޯދީ ވިދާޅުވެފައިވަނީ އިންޑިއާއިން އޮތީ ފަލަސްތީނާއި އެކުގައި ކަމަށާއި ފަލަސްތީނުގެ ގައުމީ ހައްގުތަކަށް އިންޑިއާއިން ތާއީދު ކުރާނެ ކަމަށެވެ.

މޯދީ ވަނީ މި ދަތުރުފުޅުގައި، ފަލަސްތީނުގައި ހޮސްޕިޓަލެއް އެޅުމަށާއި ތިން ސްކޫލް އެޅުމަށާއި އިތުރު ބައެއް ތަންތަން ބިނާކުރުމަށް 41 މިލިޔަން ޑޮލަރު ފަލަސްތީނަށް ހަދިޔާ ކުރައްވާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް