ހިމަބިހި ފެނުނީ މާލޭ ސިޓީއިން، ފެނުނީ ދިވެއްސެއްގެ ގައިން

ދޮޅު އަހަރަށްފަހު ރާއްޖެއިން ހިމަބިހި ފެނިފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެފައިވާއިރު ހިމަބިހި ފެނުނީ މާލޭ ސިޓީއިން ކަމަށާއި ފެނުނީ ދިވެއްސެއްގެ ގައިން ކަމުގައި ކުޑަކުދިންގެ ޑޮކްޓަރ އަހ...

11 Jan 2020 | 04:33

ދޮޅު އަހަރަށްފަހު ރާއްޖެއިން ހިމަބިހި ފެނިފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެފައިވާއިރު ހިމަބިހި ފެނުނީ މާލޭ ސިޓީއިން ކަމަށާއި ފެނުނީ ދިވެއްސެއްގެ ގައިން ކަމުގައި ކުޑަކުދިންގެ ޑޮކްޓަރ އަހްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ޑރ. ފައިސަލް މިހެން ވިދާޅުވީ ޓްވިޓާގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.

މީހަކު ޓްވިޓާގައި ސުވާލުކޮށްފައިވަނީ ހިމަބިހި ފެނުނީ ކޮން ސަރަހައްދަކުންކަން ސަރުކާރުން ސާފުކޮށްދިނުން ރަނގަޅުވާނެ ކަމަށެވެ. ޖަވާބުގައި ޑރ. ފައިސަލް ވިދާޅުވެފައިވަނީ ހިމަބިހި ފެނުނީ މާލޭ ސިޓީއިން ކަމަށެވެ. އިތުރު ސުވާލެއްގައި މީހަކު އަހާފައިވަނީ އެއީ ދޭސީއެއްތޯ ބިދޭސީއެއްތޯ؟ އެވެ. ޑރ. ފައިސަލް ވިދާޅުވީ އެއީ ދިވެއްސެއް ކަމަށް ޑރ. ފައިސަލް ވިދާޅުވެފައިވެއެވެ.

ރާއްޖެއިން ހިމަބިހި ފެނިފައިވާއިރު މީގެ ކުރިން ޑރ. ފައިސަލް ކުރެއްވި ޓްވީޓެއްގައި އިލްތިމާސް ކުރައްވާފައިވަނީ ދަރިފުޅުގެ ވެކްސިން ކާޑު ޗެކު ކުރެއްވުމަށެވެ. ހަނދާން ނެތިގެން ނުޖެހި ހުރި ވެކްސިންތައްވެސް ހަމަ ކުރެއްވުމަށެވެ. ވެކްސިން ނުޖަހާ ހުއްޓާ އޭގެން ރައްކާތެރިކޮށްދޭ ބައްޔެއް ޖެހިއްޖެނަމަ އެ ކޮންޓްރޯލު ކުރެވޭނެ ގޮތްތައް ރާއްޖޭގައިވެސް މަދުވާނެ ކަމުގައި ޑރ. ފައިސަލް ވިދާޅުވެފައިވެއެވެ.

https://twitter.com/Faisalnaifaru/status/1215702450029522944

ހިމަބިއްސަކީ އެ ބަލިޖެހިފައިވާ މީހެއް ކެއްސާއިރު ނުވަތަ އަޅާ ކިބިހީގެ ޒަރިއްޔާއިން ފެތުރޭ ނުރައްކާތެރި ވައިރަސް އެކެވެ. އަދި މި ވައިރަސް ވައިގެ ތެރޭގައި ދެ ގަޑިއިރު ވަންދެން ހުންނަ ކަމަށް ސިއްހީ މާހިރުން ވަނީ ބުނެފަ އެވެ.

ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި ގަދަޔަށް ހުންއައުމާއި، ކެއްސުން، ނޭފަތުން އަރިދަފުސް އައުން، ލޯ ރަތްވުން، އަދި ރަތް ކުދި ބިހި ގައިން ނެގުން ފަދަ އަލާމާތްތައް ހިމެނެ އެވެ.

ހިމަބިހި ޖެހޭތާ 4 ވަނަ ދުވަސް ހިސާބުގައި ހަށިގަނޑުން ތުނި ބިހި، ނުވަތަ ފެންބިހި ތަކެއް ފާޅުވާން ފަށައެވެ. މިފެންބިހި ތައް ފުރަތަމަ ފާޅުވަނީ މޫނު މަތީގައެވެ. އެއަށްފަހު އަތް ފައި އަދި ބުރަކައްޓާއި މޭމަތީގައި މިބިހިތައް ނަގަން ފަށައެވެ. ގާތްގަނޑަކަށް 5 ދުވަސްވަންދެން މިބިހިތައް ދެމިހުރެއެވެ.

ހިމަބިހިން ރައްކާތެރިވުމަށް ކުޑަކުދިންގެ އުމުރުން 9 މަހުގައި މީސްލްސް ވެކްސިން ދިނުމަކީ މުހިއްމު ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް