ރާއްޖޭގައި ކޮރަޕްޝަން ހުއްޓުވައި، ދިވެހި މުޖުތަމައުން އޭގެ ނޭދެވޭ އަސަރު ނައްތާލުމަށްޓަކައި ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ތެރެއިން، ސަރުކާރުގެ އެންމެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ މާލީ ބަޔާންތައް މިއަދު ހާމަ ކުރައްވައިފިއެވެ.
މިކަން ފެއްޓެވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރަހީމް މުޙައްމަދު ޞާލިޙާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމްގެ އިތުރުން، ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ހުރިހާ މެންބަރުންގެ މާލީ ބަޔާންތައް މިހާރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްގައި ޝާއިޢު ކުރެވިފައި ހުންނާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެންމެ އިސްވެރިންގެ މާލީ ބަޔާންތައްވެސް ވަނީ ހާމަ ކުރައްވާފައެވެ.
އެގޮތުން ރ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން، އާއިޝަތު ނަހުލާގެ މާލީ ބަޔާނަށް ބަލާލާއިރު ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ އެންމެ 2،443.40 (ދެހާސް ހަތަރު ސަތޭކަ ސާޅީސް ތިން ރުފިޔާ ސާޅީސް ލާރި) އެވެ. އެއީ އެސްޓީއޯގެ އާއްމު ހިއްސާއިން ލިބިފައިވާ އާމްދަނީކަމުގައި ބަޔާންކޮށްފައިވެއެވެ. މިލްކިއްޔާތުގައި އެއްވެސް މުދަލެއް އަދި ވިޔަފާރި މަސްލަހަތެއް ނެތެވެ. އަދި އެއްވެސް ދަރަންޏެއްވެސް ނެތެވެ.
ރައީސް އޮފީހުން ހާމަކުރައްވާގޮތުގައި ރާއްޖޭގައި ކޮރަޕްޝަން ނައްތާލައި، ދިވެހި ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑު އަހަންމިޔަތެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަސައްކަތްތަކެކެވެ. ސަރުކާރުގެ އިދާރާތަކާއި، ދައުލަތުގެ ކުންފުނިތަކަށް އައްޔަނުކުރާ ހުރިހާ ފަރާތްތަކުގެ މާލީ ބަޔާންތައް ހާމަކޮށް ގަވައިދުން ރިވިއުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ރިޔާސީ ވައުދެކެވެ. އަދި މިއީ ތާރީޚުގައި ސަރުކާރުން އިސްނަންގަވައިގެން ކޮރަޕްޝަނާ ދެކޮޅަށް މި ފެންވަރުގެ މުހިންމު މަސައްކަތްތަކެއް ކުރައްވާ ފުރަތަމަ ފަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް