ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ތަފާތަކީ ދައުލަތުގެ މުއައްސަސާއަކުން ގޯސްކޮށް ކަމެއް ކުރާ ނަމަ އެ ވާހަކަ ދައްކަން ކެރުން ކަމަށް ގަމު ދާއިރާގެ މެމްބަރު
މުހައްމަދު ވިސާމް ވިދާޅުވެއްޖެ އެވެ.
ވިސާމްގެ މި ވާހަކަ އަކީ އެމްޑީޕީގެ މި ސަރުކާރުން އައްޔަން ކުރި އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުން ވަކި ކުރުމަށް އެ ޕާޓީގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ނިންމުމާއި ގުޅިގެން ވިދާޅުވި ވާހަކަ އެކެވެ. އެ ކޮމިޓީން އޭސީސީގެ ފަސް މެމްބަރުން ވަކި ކުރަން ނިންމީ ޕާފާމަންސް އޮޑިޓެއް ހެދުމަށް ފަހު އެވެ.
ސަންގު ޓީވީގައި ވާހަކަ ދައްކަވަމުން ވިސާމް ވިދާޅުވީ ވެރިކަމަށް ތިން އަހަރު ވީއިރު ސަރުކާރާއި މިނިވަން މުއައްސަސާ އާއި ފުލުހުންގެ އިދާރާގައިވެސް ރަނގަޅު ކުރަންޖެހޭ ކަންކަން އެބަހުރި ކަމަށެވެ. އެކަން ގަބޫލު ކުރައްވާކަން ފާހަގަ ކުރައްވާ ވިސާމް ވިދާޅުވީ އެ ކަންތައްތައް އެމްޑީޕީން ފެށުނީންސުރެ ފާހަގަ ކުރަމުންދާ ކަމަށެވެ.
އެގޮތުން އޭސީސީގެ މެމްބަރުންނަށް މަސައްކަތް ނުކުރެވޭތި އެ ވާހަކަ ދެއްކުމަށް ފަހު އިއްޔެ އެމީހުން ވަކި ކުރީ ކަމަށް ވިދާޅުވި އެވެ. ހަމަ އެގޮތަށް ރައީސް އުފައްދަވާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނަށްވެސް ކަންތައްތައް ނުކުރެވޭނެ ކަން ފާހަގަވާ ނަމަ ވަކި ކުރަން ފަސް ނުޖެހޭނެ ކަމަށެވެ. އޭނާ ވިދާޅުވީ އެމްޑީޕީގެ ތަފާތު ކަމަކީ އެއީ ކަމަށެވެ.
ވިސާމް ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތާއި ބޮޑެތި ހިޔާނާތުގެ މައްސަލަތައް މިހާރަށްވުރެ ރަނގަޅަށް ބެލެން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ އޭސީސީ އާއި ޕީޖީ އޮފީހުން ދިޔައީ އެއް ބަޔަކު އަނެއް ބައެއްގެ ބޮލަށް ހިޔާނާތުގެ މައްސަލަތައް ޖަހަމުން ކަމަށާއި މައްސަލަ ހައްލު ކުރަން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް