ދުނިޔޭގެ ހަގީގަތަކީ ވަރަށް ރީތި އެހެންނަމަވެސް އެހަ އަވަހަށް ހަލާކުވެ ފަނާވެ ދަނިވި ވަގުތީ އުފަލެއް ދޭ ތަނެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
“ހަގީގީ ހަޔާތަކީ އުހުރަވީ ހަޔާތް” މި މައުޞޫއަށް މިއަދު ކީ ހުތުބާގައި ބުނީ ދުނިޔެއަކީ ހައްގާއި ބާތިލުގެ ވާދަވެރިކަމުގެ ތަނެއް ކަމަށެވެ. އަދި އެއީ މުއުމިންނާއި ފާޖިރުން އިމްތިހާނު ކުރެއްވުމަށް ލައްވާފައިވާ, ރަނގަޅު މީހުންނާއި ނުބައިމީހުން އިމްތިހާނު ކުރައްވާ ތަނެއް ކަމަށެވެ.
މާތް الله ދުނިޔޭގެ ހަޔާތް ސިފަކޮށް ދެއްވާފައި ވަނީ އެއްބަޔަކު އަނެއްބަޔަކަށް ފަހުރުވެރިވާ ތަނެއްގެ ގޮތުގައި ކަމަށް މިއަދުގެ ހުކުރު ހުތުބާގައިބުންޏެވެ.
ހުތުބާގައި ބުނީ ދުނިޔެއަށް އިންސާނާ ފޮނުއްވީ ހެޔޮ ގޮތުގައި ދުނިޔެ އިމާރާތްކޮށް, ހެޔޮ ގޮތުގައި މާތް الله އަށް އީމާންވެ, ދުނިޔެއިން ފައިދާ ލިބިގަތުމާއެކު އުހުރަވީ ހަޔާތަށްޓަކައި ހެޔޮ އަމަލުކޮށް އުޅުމަށް ކަމަށެވެ. އަދި އިންސާނާއަށް ގެއްލުން ހުރި ގޮތާއި ފައިދާހުރި ގޮތް އެކަލާނގެ ބަޔާން ކުރައްވާފައިވާ ކަމަށް ބުންޏެވެ.
ހުތުބާގައި ބުނެފައިވާ ގޮތުގައި ބުއްދިވެރިޔަކީ އަބަދުމެ އުހުރަވީ ހަޔާތް ހިތް މައްޗަށް ގެނެސް, ހެޔޮގޮތުގައި ދުންޔަވީ ހަޔާތުގެ ބޭނުން ހިފާ މީހާ އާއި ދެދުނިޔޭގެ ބާއްޖަވެރިކަމަށްޓަކައި މަސައްކަތްކުރާ މީހާ ކަމަށެވެ. އަދި މާތް الله ދުނިޔޭގެ ހަޔާތް ސިފަކޮށް ދެއްވާފައި ވަނީ އެއްބަޔަކަށް އަނެއްބަޔަކަށް ފަހުރުވެރިވާ ތަނެއްގެ ގޮތުގައި ކަމަށް ބުންޏެވެ.
އިންސާނުން ދުނިޔޭގެ އެދުންތަކަށް ހެއްލި ދަނީ ދުނިޔޭގައި ހިތްފަސޭހަކަމާއި ތަނަވަސްކަމުގައި އުޅުމުގެ ބޭނުމުގައިކަން ބުނެފައިވެ އެވެ. މީހެއްގެ ދިރިއުޅުން ބާއްޖަވެރި ދިރިއުޅުމަކަށް ވަނީ މާތް الله އަށް ތަގުވާވެރި ވެގެން ކަމަށެވެ. އަދި އޭނާގެ ހުރިހާ ކަމެއްގައި މާތް الله އަށް ކިޔަމަންތެރިވެގެން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް