ކޮޅުމަޑުލު ބުރުނީގެ ތަރައްގީއާ ގުޅުންހުރި ކަންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އާ ހިއްސާކޮށްފި އެވެ.
މިކަންކަން ހިއްސާކޮށްފައިވަނީ އެރަށުގެ ކައުންސިލަރުންނާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި، ރައީސް ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.
މި ބައްދަލުކުރެއްވުމުގައި، ކައުންސިލުގެ ފަރާތުން، ކައުންސިލުގެ ރައީސް ވަނީ ސަރުކާރުން ރަށުގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް ހިންގަމުންދާތީ އެކަން ފާހަގަކުރައްވައި އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުއަދާކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ ރަށުގެ ތަރައްޤީއާ ގުޅުންހުރި އެކި ކަންކަމާ ބެހޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ރައީސުލްޖުމްހޫރިއްޔާއާއެކު މަޝްވަރާކުރައްވާފަ އެވެ. އަދި ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށް މިވަގުތަށް އެންމެ މުހިންމު ކަންކަމާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އެމަނިކުފާނާއި ޙިއްސާކުރައްވާފަ އެވެ.
އެގޮތުން، ކައުންސިލުން ވަނީ ކުރިއަށް އޮތް އަހަރު ބަނދަރުގެ މަސައްކަތް ކުރިއަށްގެންދާއިރު އެ މަޝްރޫޢުގެ ތެރެއިން ރަށަށް ރާގޮނޑި އައިނު ވަންނަ ސަރަޙައްދު ތަރައްޤީކުރުމަށް ބޭނުންވާކަމުގައި ފާހަގަކުރައްވާފަ އެވެ. އަދި އެބޭފުޅުން ވަނީ 2022 ވަނަ އަހަރު ފެށިގެންދާއިރު ރަށުގައި ގެސްޓް ހައުސްގެ ވިޔަފާރި ފެށުމަށް ހަމަޖެހިފައިވާތީ އެކަމަށްޓަކައި ވާންޖެހޭ ތައްޔާރީތައްވުމުގައި ކުރިމަތިވާ ގޮންޖެހުންތައް ފާހަގަކުރައްވާފަ އެވެ.
ހަމަ އެއާއެކު ރަށުގެ ސްކޫލަށް ކުރިމަތިވާ ދަތިތަކާއި، ކައުންސިލް އިމާރާތަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމާ، ރަށުގެ ޞިއްހީ މަރުކަޒަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ކައުންސިލުން ފާހަގަކުރެއްވެވި އެވެ. އަދި ކުޑަކުދިންގެ ޕާކެއް ހެދުމަށް ބޭނުންވާކަމަށާއި، ރަށްކައިރި ރިސޯޓެއް ތަރައްޤީކުރުމަށް ބޭނުންވާކަމުގައިވެސް އެބޭފުޅުން ފާހަގަކުރެއްވެވި އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފަ އެވެ. އަދި ކައުންސިލަރުން ކަންބޮޑުވުން ފާޅުކުރެއްވި ކަންކަމުގައި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ ތެރެއިން ހައްލު ހޯދައިދެވެންހުރި ކަންކަމުގައި ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށް ވިދާޅުވި އެވެ.
މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ވިލިފުށި ދާއިރާގެ މެންބަރު ޙަސަން ޢަފީފު ވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް