ޕްރޮޓޮކޯލް އެމެންޑިންގ ދަ ޓްރިޕްސް އެގްރީމެންޓުގައި ބައިވެރިވުމަށް މަޖިލީހުގެ ރުހުން ހޯދަން އެދިއްޖެ

ޕްރޮޓޮކޯލް އެމެންޑިންގ ދަ ޓްރިޕްސް އެގްރީމެންޓުގައި ބައިވެރިވުމަށް މަޖިލީހުގެ ރުހުން ހޯދުމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެެވެ. އެމަނިކުފާނު މިގޮތަށް ނިންމަވާފައިމި...

10 Dec 2021 | 08:29

ޕްރޮޓޮކޯލް އެމެންޑިންގ ދަ ޓްރިޕްސް އެގްރީމެންޓުގައި ބައިވެރިވުމަށް މަޖިލީހުގެ ރުހުން ހޯދުމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެެވެ.

އެމަނިކުފާނު މިގޮތަށް ނިންމަވާފައިމިވަނީ ވަރލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިއު.ޓީ.އޯ)ގެ " ޓްރޭޑް ރިލޭޓެޑް އެސްޕެކްޓްސް އޮފް އިންޓްލެކްޗުއަލް ޕްރޮޕަޓީ ރައިޓްސ (ޓްރިޕްސް)، އެއްބަސްވުމަށް ބަދަލު ގެނައުމަށްޓަކައި އެކުލަވާލާފައިވާ ޕްރޮޓޮކޯލް ކަމަށްވާ، "ޕްރޮޓޮކޯލް އެމެންޑިންގ ދަ ޓްރިޕްސް އެގްރީމަންޓް" ދިވެހިރާއްޖެއިން ޤަބޫލުކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ބޭނުންވާތީ އެވެ.

މި އެމެންޑްމަންޓުގައި ދިވެހިރާއްޖެއިން ބައިވެރިވުމާ ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތީން، މި މުޢާހަދާއަށް ގެނެވޭ ބަދަލު، ދިވެހިރާއްޖެއިން ޤަބޫލުކުރުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފަ އެވެ.

ވަޒީރުންގެ މަޖިލީހުން މިކަމަށް ލަފާދެއްވާފައިވަނީ 7 ޑިސެންބަރު 2021 ވީ އަންގާރަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގަ އެވެ.

ޑަބްލިއު.ޓީ.އޯގެ އެއްބަސްވުންތަކުގެ ތެރޭގައި ހިމެނޭ މުހިންމު އެއްބަސްވުންތަކުގެ ތެރެއިން، "ޓްރޭޑް ރިލޭޓެޑް އެސްޕެކްޓްސް އޮފް އިންޓްލެކްޗުއަލް ޕްރޮޕަޓީ ރައިޓްސް (ޓްރިޕްސް) އެއްބަސްވުމަކީ، މެންބަރު ޤައުމުތަކުގެ ފިކުރީ މުދާ ރައްކާތެރިކޮށްދިނުމާ ގުޅޭ ބައިނަލްއަޤްވާމީ މުހިންމު އެއްބަސްވުމެކެވެ.

ޓްރިޕްސްގެ އެއްބަސްވުމަށް ގެނެވުނު އިޞްލާހު، "ޕްރޮޓޮކޯލް އެމެންޑިންގ ދަ ޓްރިޕްސް އެގްރީމަންޓް" އަކީ، ޑަބްލިއު.ޓީ.އޯގެ އެއްބަސްވުމަކަށް، އެ ޖަމިއްޔާ އުފެދުނު ފަހުން ގެނެވުނު ފުރަތަމަ އިސްލާހެވެ.

ޓްރިޕްސް އެއްބަސްވުމަށް ގެނެވިފައިވާ އިސްލާހުގެ ސަބަބުން، ޤައުމުތަކަށް ދިމާވެފައިވާ ނުވަތަ ދިމާވަމުންދާ ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި، އެފަދަ ޙާއްޞަ ހާލަތްތަކުގައި ބޭނުންވާ ބޭހަކީ، ޕޭޓަންޓެެއް އެކުލެވޭ ބޭހަކަށްވެފައި، އެ ބޭހެއް އެކަށީގެންވާ އަގެއްގައި، އެކަށީގެންވާ ވަގުތުގައި، ޕޭޓަންޓްގެ ވެރިފަރާތުން ލިބޭނެ އިންތިޒާމް ހަމަނުޖެހިއްޖެނަމަ، ބޭސް އުފެއްދުމުގެ ޤާބިލްކަން ނެތް ޤައުމުތަކަށް ފަސޭހަ ގޮތެއްގައި މިފަދަ ބޭސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި، ބޭސް އުފެއްދުމުގެ ޤާބިލްކަން ހުރި ޤައުމަކުން، ޕޭޓަންޓް ކޮށްފައިވާ ބޭހެއް، ޕޭޓަންޓުގެ ވެރިފަރާތުގެ ހައްޤު ނުގެއްލޭނެ ފަދައިން، ކޮމްޕަލްސަރީ ލައިސެންސެއްގެ ދަށުން އުފައްދައި، ބޭސް ބޭނުންވާ ޤައުމަށް ފޯރުކޮށްދިނުމަށް މަގުފަހި ވެގެންދާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް