ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ޝަރަފު ވެރިކަމާއި އެކު ސިފައިންގެ ވަޒީފާއިން ރިޓަޔާ ކުރައްވައިފި އެވެ.
މިއަދު ބަންޑާރަކޮށީގައި ބޭއްވި މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރ މާރިޔާ އަޙުމަދު ދީދީއެވެ. އޭނާ ސިފައިންގެ ވަޒީފާއިން ވަކިވެވަޑައިގެންނެވީ37 އަހަރު ވަޒީފާ އަދާ ކުރެއްވުމަށް ފަހު އެވެ.
ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރު ސިފައިންގެ ޚިދުމަތާއި ގުޅިލެއްވީ 1984 ވަނަ އަހަރުގެ މާޗު މަހުގެ 13 ވަނަ ދުވަހުއެވެ. މިވީ ދިގު މުއްދަތުގައި ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރުވަނީ ސިފައިންގެ ތަފާތު އެކި ދާއިރާތަކުގައި އަގުހުރި އިސް ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ.
އެގޮތުން ދިވެހި އަސްކަރިއްޔާގައި އެންމެ ގިނަ ދުވަހު ޚިދުމަތްކޮށްދެއްވާފައި ވަނީ އެމްއެންޑީއެފް ކޯސްޓްގާޑުގައެވެ. ކޯސްޓްގާޑުގައި ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރު ފުރުއްވި މަޤާމުތަކުގެ ތެރޭގައި ކޯސްޓްގާޑްގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމު، ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގެ އިތުރުން ކޯސްޓްގާޑުގެ ކޮމަޑާންޓްގެ މަޤާމުގައި ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ.
ކޯސްޓްގާޑުގެ އިންސާނީ ވަސީލަތް ތަރައްޤީކޮށް ކުރިއެރުވުމުގައި ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރު ވަނީ އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. ކޯސްޓްގާޑްގައި ފުރުއްވި މަޤާމުތަކުގެ އިތުރުން ސިފައިންގެ އެކިއެކި ދާއިރާތަކުގައި ފުރުއްވި އެހެނިހެން މަޤާމުތަކުގެ ތެރޭގައި، އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ކޮމާންޑަރުގެ މަޤާމާއި، ސިފައިންގެ އެކުވެރި ކުންފުނި އަދި ސިފައިންގެ ކޯޕަރޭޓިވްގެ މެނޭޖުމަންޓް ކޮމިޓީގެ ޗެއަރމަންކަމާއި، ޓްރެއިނިންގެ އެންޑް އިވެލުއޭޝަން ކޮމިޓީގެ މެންބަރުކަމާއި، ކައްދޫ އެއަރޕޯޓް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރުކަމާއި އެމްއެންޑީއެފްގެ ޗީފް ސްޕޯކްސް ޕާސަންކަން ހިމެނެއެވެ.
ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރކުރެއްވި އިރު ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރު ހުންނެވީ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑައިރެކްޓަރ ޖެނެރަލްގެ މަޤާމުގައެވެ.
ސިފައިންގެ ޚިދުމަތުގައި ދިވެހި އަސްކަރިއްޔާގައި ކޮށްދެއްވާފައިވާ އިޚްލާސްތެރި ޚިދުމަތާއި ހޯއްދަވާފައިވާ ކާމިޔާބީތަކާއި ސާބިތުކޮށްދެއްވާފައިވާ ހަރުދަނާ އަސްކަރީ އަދަބު އަޚްލާގުގެ ސަބަބުން ޝަރަފުގެ ނިޝާނުގެ ގޮތުގައި 10 މެޑެއްޔާއި 11 ކުލަ ވަނީ ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރަށް ލިބިލައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް