ރާއްޖޭގައި މިދުވަސްވަރު ހޮޑުލުމާއި ބޭރަށް ހިންގުން އިތުރުވާން ފަށާފައިވާ ކަމަށާއި އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެ އިދާރާއިން ބުނީ ތިން ދުވަސް ވަންދެން 24 ގަޑިއިރު ތެރޭގައި ތިން ފަހަރަށް ވުރެ ގިނައިން ބޮޑުކަމުދެވުނު ނަމަ ނުވަތަ ބޭރަށް ހިންގުމުގެ އަލާމަތްތައް އިތުރަށް ގޯސް ވާނަމަ ވީހާވެސް އަވަހަށް ޑޮކްޓަރަށް ދެއްކުމަށެވެ.
މީގެ އިތުރުން ބޭރަށް ހިންގުމުގެ އަލާމާތްތައް ފެންނަތާ ދެ ދުވަސް ވަންދެން، ސްކޫލު ކުދިން ސްކޫލަށް ނުފޮނުވުމަށާއި ވަޒީފާގެ މާހައުލަށް ނުނިކުމެ ގޭގައި އަރާމުކޮށް އާންމުން އެއްވެއުޅޭ ސަރަހައްދުތަކަށް ނުދިއުމަށްވެސް އެޗްޕީއޭ އިން އިލްތިމާސް ކުރެއެވެ.
އެޗްޕީއޭ އިން ވަނީ ބޭރަށް ހިންގާ ނަމަ، އޯއާރއެސް، ލޮނުޕެކެޓް، ފެން، ސޫޕް އަދި ކުރުނބާ ފެންފަދަ ދިޔާ ތަކެތި ގިނައިން ބޭނުންކުރުމަށާއި ކުޑަކުދިންގެ ނެޕީ ބަދަލުކުރުމަށްފަހު ސައިބޯނިލައިގެން ރަނގަޅަށް އަތް ދޮވުމަށް އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން ބޭނުންކޮށްފައިވާ ނެޕީ ރައްކާތެރި ގޮތުގައި ނައްތާލުމަށާއި ފާޚާނާ ކުރުމަށްފަހުގައާއި ކާބޯތަކެތި ތައްޔާރު ކުރުމުގެ ކުރިން ސައިބޯނިލައިގެން ރަނގަޅަށް އަތް ދޮވުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ފެނާއި ކާނާ ރައްކާތެރި ގޮތުގައި ބޭނުންކުރުމަށާއި ބޯން ބޭނުންކުރާ ފެން ކައްކައިގެން ބޭނުންކުރުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް