ގެމަނަފުށީގައި ކުރިއަށްގެންދިޔަ "ޗެސް ފޯ ބިގިނާސް" ކޯޗިން ކޭމްޕް ނިންމާލައިފި

ގެމަނަފުށީގައި ކުރިއަށްގެންދިޔަ "ޗެސް ފޯ ބިގިނާސް" ކޯޗިން ކޭމްޕް ނިންމާލައިފިއެވެ. މި ކޯޗިން ކޭމްޕަކީ ރާޒުވާ ކުޅެން ދަސްކޮށްދިނުމާއި، ރާޒުވާގެ ހުނަރު އިތުރުކުރުމަށް 32 ދަރިވަރުންނާއި އެކު ކުރިއަށްގެން...

10 Dec 2019 | 03:58

ގެމަނަފުށީގައި ކުރިއަށްގެންދިޔަ "ޗެސް ފޯ ބިގިނާސް" ކޯޗިން ކޭމްޕް ނިންމާލައިފިއެވެ.

މި ކޯޗިން ކޭމްޕަކީ ރާޒުވާ ކުޅެން ދަސްކޮށްދިނުމާއި، ރާޒުވާގެ ހުނަރު އިތުރުކުރުމަށް 32 ދަރިވަރުންނާއި އެކު ކުރިއަށްގެންދިޔަ ކޭމްޕެކެވެ.

މި ކޯޗިން ކޭމްޕް ނިންމާލާފައިވަނީ ރާޒުވާ ކުޅެން ދަސްކުރި ބައިވެރިންގެ މެދުގައި ބޭއްވުނު ރާޒުވާ މުބާރާތްތަކަކާއެކުއެވެ. މި މުބާރާތްތަކުގައި ތިން އުމުރުފުރާއަކުން ވަނީ ވާދަކޮށްފައެވެ.

އެގޮތުން ގްރޭޑް ތިނެއް، ހަތަރެއް އަދި ފަހެއްގެ އުމުރުފުރާއިން އެއްވަނަ ހޯދާފައިވަނީ އިސްމާއިލް ނާއިކް ނައީމް އެވެ. އަދި ދެވަނަ ހޯދާފައިވަނީ މުޙައްމަދު ޝަޔާން ޝިޔާނެވެ.

ގްރޭޑް ހައެއް އަދި ހަތެއްގެ އުމުރުފުރާއިން އެއްވަނަ ހޯދާފައިވަނީ، އަޔާން އަސްލަމް އެވެ. އަދި ދެވަނަ ހޯދާފައިވަނީ، މުހައްމަދު އައިކް ބިން ސަމީރު އަހުމަދެވެ.

ގްރޭޑް އަށެއް ނުވައެއް އަދި ދިހައެއްގެ އުމުރުފުރާއިން އެއްވަނަ ހޯދާފައިވަނީ، މުހައްމަދު އަރީޖު އަހުމަދު ސައީދެވެ. ދެވަނަ ހޯދާފައިވަނީ އަލްޔާ އަސްލަމްއެވެ.

ރާޒުވާ ކޯޗިން ކޭމްޕް ނިންމުމަށްޓަކައި އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ، ގެމަނަފުށީ ސިއްހީ މަރުކަޒުގެ މެނޭޖަރ އަހްމަދު މުއާޒްއެވެ. މި މަސްމިއްޔާތުގައި ދަރިވަރުންނަށް ވަނީ ތައްޓާއި ހަނދާނީ ލިއުން ދީފައެވެ.

ރާޒުވާ ކޯޗިން ކޭމްޕްގެ އިވެންޓް މެނޭޖަރ މުހައްމަދު އަމީން އަލީ ވިދާޅުވީ، މިފަދަ ކޭމްޕެއްގެ މަޤްސަދަކީ ސުކޫލް ޗުއްޓީގައިވެސް ދަރިވަރުންނަށް ކަންތައްތަކެއް ދަސްކޮށްދީ، ހުނަރުވެރި ކުދިންތަކަށް އުފެއްދުންކަމަށެވެ.

އަމީން ވިދާޅުވީ ހަފްތާއެއްގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ކޯޗިން ކޭމްޕްގައި ހަތަރު އިންސްޓްރަކްޓަރުން، ދުވާލަކު ދެ ކްލާސް ނަންގަވާ ދެއްވާފައިވާ ކަމަށާއި، މި ކޭމްޕް ކުރިއަށްގެންދިޔައީ ދަރިވަރުން ތިން އުމުރު ފުރާއަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ގްރޭޑް ތިނެއް ހަތަރެއް އަދި ފަހެއްގެ އުމުރުފުރާ އާއި، ގްރޭޑް ހައެއް އަދި ހަތެއްގެ އުމުރުފުރާއަކާއި، ގްރޭޑް އަށެއް ނުވައެއް އަދި ދިހައެއްގެ އުމުރުފުރާ ހިމެނޭކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް